ހަބަރު

ރާއްޖެ އަައި ޓޫރިސްޓަކު މެސެޖަކާއެކު ދޫކޮށްލި ފުޅި އިންޑިއާއަށް

ރާއްޖޭގެ މޫފުށީ ރިސޯޓަށް ހަނީމޫންއަށް އައި ސްކޮޓްލެންޑުގެ ދެމަފިރިޔަކު މެސެޖަކާއެކު ކަނޑަށް ދޫކޮށްލި ފުޅިއެއް އިންޑިއާގެ މަމާލާޕޫރަމްގެ ގޮނޑުދޮށަށް ލައްގައިފި އެވެ. މި ފުޅި ހޮވާފައިވަނީ މަމާލާޕޫރަމްގެ ޓުއަ އޮޕަރޭޓަރެކެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނާ ގޮތުގައި، މަމާލާޕޫރަމްގެ ޓުއަ އޮޕަރޭޓަރަށް މެސެޖަކާއެކު އޮތް ފުޅި ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. މި ފުޅިއަކީ މީގެ އަށް މަސް ދުވަސް ކުރިން ސްކޮޓްލެންޑުގެ ދެމަފިން ކަނޑަށް ދޫކޮށްލި ފުޅިއެކެވެ. އެ ދެމަފިން ރާއްޖެއަށް ހަނީމޫންއަށް އައީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ.

ރާއްޖޭގެ މޫފުށި ރިސޯޓުން މަމާލާޕޫރަމްއަށް ފުޅި ދަތުރުކޮށްފައިވާއިރު އެއީ 700 ނޯޓިކަލް މޭލުގެ ރާސްތާއެކެވެ. އުނގުރި ޖެހުމަށްފަހު ފެން ނުވަންނަ ގޮތަށް ފުޅި ތެރެއަށް ލާފައިވާ މެސެޖްގައި ބުނެފައިވެ އެވެ:

"ގީލްސްގެ ދެމަފިރިން ހަނީމޫން ހޭދަކުރީ މޫފުށީގައި، އަހަރެން މަހަށް ގޮސް ކަނޑުގައިވާ އެންމެ ބޮޑު މަސް ބޭނިން، އެކަން ފާހަގަކުރުމަށް އަހަރެމެން ޝެމްޕޭން ބުއިން، މި މެސެޖް ފެނިއްޖެނަމަ އަހަރެމެންނަށް ގުޅާ މެސެޖް ދިޔަ ހިސާބެއް އަންގާތި،" މިހެންނެވެ.

މެސެޖްގައި ގިލީސްގެ ދެމަފިރިންނަށް ގުޅޭނެ މައުލޫމާތު ވަނީ ލިޔެފަ އެވެ. ފުޅި ހޮވި ޓުއަ އޮޕަރޭޓަރެއް ކަމަށްވާ ސީ ކޮތަންތަބާނީ މިހާރު ވަނީ އެ ދެމަފިރިންނަށް އެކަން އަންގާފަ އެވެ.

"އަހަރެން އެމީހުންނަށް ހުކުރު ދުވަހު ހަވީރު ގުޅިން، އެމީހުން ތިބީ ވަރަށް އުފަލުން، އެމީހުން ވައުވި އިންޑިއާއަށް އައިސް އަހަރެންނާ ބައްދަލުކުރާނެ ކަމަށް،" ސީ ކޮތަންތަބާނީ ޓައިމްސް އޮފް އިންޑިއާއަށް ބުނެފައިވެ އެވެ.

"އަހަރެން މިހުރީ ވަރަށް އެކްސައިޓެޑް ވެފައި އަހަރެމެން ރާއްޖޭގައި ދޫކޮށްލި ފުޅި އިންޑިއާގެ ގޮނޑުދޮށަށް ލެއްގީމައި، އަހަރެމެން އުއްމީދެއް ނުކުރަން އެ ފުޅީގެ ވާހަކަ ދެން އަހަރެމެންނަށް އަޑު އިވޭނެ ކަމަކަށް، ރިސޯޓްގެ މުވައްޒަފުން އެދުމުން ކުރި ކަމެއް އެއީ،" ލިންސޭ ގީލްސް ބުނެފައިވެ އެވެ. ލިންސޭ ގީލްސް އަކީ މެސެޖް ލިޔުން އަންހެން މީހާ އެވެ.