މިސްކިތް

މަސްޖިދު ފައްތާހް އަލްއަލީމް - ގާހިރާ، މިސްރު

1

މި މިސްކިތް ބިނާކޮށްފައި ވަނީ 450،000 އަކަމީޓަރުގެ ބިމެއްގަ އެވެ. ބިމުގެ ގޮތުން މިއީ ދުނިޔޭގައި ވެސް ދެވަނައަށް އެންމެ ބޮޑު ގޯއްޗެއްގައި ބިނާކޮށްފައި ހުރި މިސްކިތެވެ. މިސްކިތު ގޯތި ތެރޭގައި 2650 ކާރު ޕާކުކުރެވޭ ވަރުގެ ޖާގައެއް ޚާއްސަކޮށްފައި އޮވެ އެވެ.

މިސްކިތް ބެލެހެއްޓުމަށް 60 މީހުންނަށް ޚާއްސަ ހިޔާވަހިކަން ގޯތި ތެރޭގައި އިމާރާތްކޮށްފައި ހުރެ އެވެ. އަދި އިދާރީ މަސައްކަތްތަކަށް ޚާއްސަ އިމާރާތަކާއި ބޮޑު ބަގީޗާއެއް ވެސް އޮވެ އެވެ.

މަސްޖިދު ފައްތާޙް ބިންގާ އެޅުމުގެ ކުރިން، މިސްކިތް ނިންމަން އޮތީ އަންބާ ކިޔާފަ އެވެ. މިސްކިތުގެ ބިންގާ އެޅި ކަމަށް ލިޔުންތަކުން ފެންނަނީ ޖޫން 16، 2019 ގައެވެ، އެއަށްފަހު ވަރަށް ކުރު މުއްދަތެއްގައި -- 15 މަސް ދުވަހުގެ ތެރޭގައި މިސްކިތް ނިންމަން އަމާޒުހިފި އެވެ.

މި މިސްކިތް އިމާރާތްކުރުމުގައި ގައުމުން ބޭރު އެކަކުވެސް ބޭނުން ނުކުރާ ގޮތަށް އޮތީ ނިންމާފަ އެވެ. މަސައްކަތްތައް ފަށައިގަނެ ފއުންޑޭޝަންގެ މަސައްކަތްތަކާއި ފާރުތައް ކޮޅަށްޖަހައި -- އިމާރާތްކުރުމުގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަމެއް ހަމަސް ދުވަހުގެ ތެރޭގައި ވަނީ މުޅިން ނިންމާފަ އެވެ.

އިމާރާތް ފުރިހަމަކުރަން ނުވަމަސް ދުވަސް ހޭދަކުރި އެވެ. އެ ގޮތުން އޭޕްރީލް 1، 2018 ގައި ފެށި މަސައްކަތްތައް ކޮޅެއްގައި ޖައްސައި ޑިސެމްބަރު 31، 2018 ގައި ވަނީ މުޅިން ނިންމާފަ އެވެ.

މަސްޖިދު ފައްތާޙް ރަސްމީކޮށް ހުޅުވީ ޖެނުއަރީ 6، 2019 ގައެވެ. ހުޅުވައިދެއްވީ މިސްރުގެ ރައީސް، އަބްދުލް ފައްތާޙް އައްސީސީ އެވެ. މި މިސްކިތް އިމާރާތްކުރެވެމުން ދިޔައިރު ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ދީފަ އެވެ. ޚާއްސަކޮށް ރައީސްގެ ފަރާތުން ރަސްމީ އަމުރުތައް -- މިސްކިތަށް ބޭނުންވާ ޗާލު މާބްލް އާއި ބިއްލޫރި ކުރު މުއްދަތެއްގެ ތެރޭގައި ހޯދުމަަށް -- ވަނީ ނެރުއްވާފަ އެވެ.

މަސްޖިދު ފައްތާޙްގެ ފުރިހަމަކަން ދުރަށް ދައްކައިދެނީ މުންނާރުތަކުންނެވެ. މި މިސްކިތުގައި ހަތަރު މުންނާރު އަދި 21 ގުއްބު ހުރެ އެވެ. މިއީ މިސްކިތުގެ އެކި ބައިތައް އިސްލާމީ ސަގާފަތަށް ފެއްތުމަށް، ޑިޒައިންގައި ހިމަނާފައި ހުރި ބައިތަކެކެވެ.

މިސްކިތުގެ މުންނާރުތަކުގައި، މުންނާރުގެ ތާޖު ނުހިމަނައި އުސްމިނުގައި 95 މީޓަރު ހުރެ އެވެ. މިސްކިތުގައި ހިމެނޭ ކޮންމެ ގުއްބެއްގެ އުސްމިނުގައި 44 މީޓަރު އަދި ފުޅާ މިނުގައި 33 މީޓަރު ހުރެ އެވެ.