ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ ކަޒަކްސްތާންގެ މައުލޫމާތެވެ.
ކަޒަކްސްތާން
އެ ހިސާބުގެ ގިނަ ގައުމުތައް ފަދައިން، ސޯވިއެޓް ޔޫނިއަން (ކުރީގެ ރަޝިއާ)ގެ ސަރުކާރު 1991 ގައި ރޫޅުމުން، ކަޒަކްސްތާން ވަނީ މިނިވަން ދައުލަތަކަށް ވެފަ އެވެ.
ވަށައިގެން ރަޝިއާ، އުޒްބެކިސްތާން، ކިރްގިސްތާން އަދި ތުރްކްމެނިސްތާން އާއި ކެސްޕިއަން ސީ އޮންނަ މި ގައުމަކީ ބިމުގެ ސަރަހައްދަށް ބަލާއިރު ދުނިޔޭގައި ނުވަވަނައަށް އެންބެ ބޮޑު ގައުމެވެ.
ކަޒަކްސްތާންއަކީވެސް ތެލުން މުއްސަނދި، އަދި ވިޔަފާރީގެ ގޮތުން އެ ސަރަހައްދުގައި ކުރިއަރާފައިވާ ގައުމެކެވެ.
ކަޒަކްސްތާން، ރަޝިއާގެ ދަށުގައި އޮތްއިރު، ކްރިސްޓިއަން ނޫން ދީނަކަށް އުޅުން ވަނީ ދަތިކޮށްފަ އެވެ. އެހެންނަމަވެސް، ރަޝިއާގެ އަތްދަށުން މިނިވަންކަން ލިބުމާއެކު މި ގައުމުގެ މުސްލިމުންނަށް އިސްލާމް ދީނާ އެއްގޮތަށް އުޅުމުގެ މިނިވަންކަން ލިބިގެން ދިޔަ އެވެ.
ކަޒަކްސްތާންގައި 19.3 މިލިއަންގެ އާބާދީއަށް ބަލާއިރު، ކަޒަކްގެ އިތުރުން އުޒްބެކް، އުއިގޯރް އަދި ޓާޓާ ދަރިކޮޅުގެ މީހުންނާއެކު 69.3 ޕަސަންޓަކީ މުސްލިމުންނެވެ.
މީގެ ތެރެއިން ގިނައީ ހަނަފީ މަޒްހަބުގެ ސުންނީ މުސްލިމުން ކަމުގައި ބެލެވެ އެވެ. މީގެ އިތުރުން ރަޝިއާ އާއި ޔުކްރޭން އަދި ބެލަރުސް ދަރިކޮޅުގެ މީހުން އެކުލެވޭ 17 ޕަސަންޓަކީ ކްރިސްޓިއަނުން ކަމުގައިވާއިރު، ޔަހޫދީންނާއި ބުދިސްޓް ފަދަ މަދު ބައެއް އުޅެ އެވެ.
ކަޒަކްސްތާންގެ ރަސްމީ ބަހަކީ ކަޒަކް އަދި ރޫސީއަށް ވީނަމަވެސް އެހެން ދަރިކޮޅުގެ މީހުން ތުރުކީ، އިނގިރޭސި، އުއިގޯރް، ޓާޓާ، އުޒްބެކް އަދި ޔުކްރޭނިއަން ބަހުންވެސް ވާހަކަ ދައްކާ އުޅެވެ.
ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން
ކަޒަކްސްތާންގެ ވެރިރަށް އާސްތާނާ އަކީ ބޭތެރެކް ޓަވަރާއި، އަކް އޯޑާ ރިޔާސީ ގަނޑުވަރު ފަދަ ބައެއް އާސާރީ އަދި ގިނަ ޒަމާނީ އިމާރާތްތަކާއި ތަންތަން ހުރި ރަށެކެވެ.
ގިނަ ވިޔަފާރި ސެންޓަރުތަކާއި ބޮޑެތި އިމާރާތްތައް ހުންނަ މި ރަށަކީ މެދު އޭޝިއާގައި ބަދަލުވަމުން އަންނަ މޫނޭ ވެސް ކިޔަ އެވެ. މިގޮތުން މި ރަށުގައި ބަލާލަން ރަނގަޅު ތަންތަނުގެ ތެރޭގައި ދުމާން ރިކްރިއޭޝަނަލް ކޮމްޕްލެކްސް، މިއުޒިއަމް އޮފް މިނިއޭޗާސް އެންޑް ސީ އެކުއޭރިއަމް އާއި، އާސްތާނާ-އެރޭނާ ސްޓޭޑިއަމް، ހާން ޝަތީރް، ޕެލެސް އޮފް ޕީސް އެންޑް ރިކޮންސިލިއޭޝަން، ގައުމީ މިއުޒިއަމް، ނޫރް އާސްތާނާ މިސްކިތް، ސިޓީ ޕާކް، އިންޑިޕެންޑަންސް ސްކުއާ، ހަޒްރަތް ސުލްތާން މިސްކިތާއި، ކަޒަކް އެލީ މޮނިއުމަންޓް އާއި، އެސަމްޕްޝަން ރަޝިއަން ކެތީޑްރަލް ހިމެނެ އެވެ.
ޓިއަން ޝާން ފަރުބަދަ ރޭންޖްގެ އިލެ-އަލަތާއު ފަރުބަދަތަކުގެ ތިރީގައިވާ އަލްމަތަ އަކީ ވަރަށް ރީތި އަދި ހިތްގައިމު ރަށެކެވެ. އަދި ސަގާފަތަށް ބަލާއިރުވެސް އެންމެ ކުރިއަރާފައިވާ އެއް ރަށެވެ. މިއީ ކަޒްކްސްތާންގައި ކުރިން ވެރިކަން ކުރި ރަށެވެ.
މި ރަށުގައި ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ޒެލްޔޯނީ ބާޒާރު، ގްރީން މާކެޓް، ޗެރީން ކެންޔަން، ދަ ލާސްޓް ވައިލްޑް އެޕަލް ފޮރެސްޓްސް، އަލްމަތާ ލޭކް، ކޮލްސައި ލޭކްސް، އަރަސްން ބާތްސް، މިއުޒިއަމްތަކާއި ގިނަ ތަންތަން ހިމެނެ އެވެ.
މީގެ އިތުރުން އަކްތައު، އާސާރީ ރަށެއް ކަމުގައިވާ ތަރާޒް އާއި ސެމޭ ލޭކް ބަލްކަޝް، ސްޕޭސްޕޯޓާއި ރޮކެޓްތައް ހުންނަ ބޮއިކަނޫރް، ޓާގެން ގޯޖް، ލޭކް ކައިންޑީ، ތަމްގަލީ ޑާސް، ނޯމެޑް ފިލްމް ސެޓް އާއި، ޝިމްކެންޓް އަކީ މި ބޮޑު ގައުމުގައި ޒިޔާރަތްކޮށްލަން ވަރަށް ހިނގައިމު ތަންތަނެވެ.
ސަގާފަތް
ކަޒަކްސްތާންގައި ތުރުކީ، އިނގިރޭސި، އުއިގޯރް، ޓާޓާ، އުޒްބެކް، ޔުކްރޭން، އާޒަރުބައިޖާނީ، ކޮރެއާ، ޖަރުމަނުންނާއި ޕޮލިޝް މީހުންގެ ސަގާފަތް ކޮންމެވެސް ވަރަކަށް ހިމެނެ އެވެ. މި ގައުމުގައި އެކި ދުވަސްވަރާ ދިމާކޮށް އެކި ހިސާބުގަނޑަށް ބަދަލުވާ ނޮމެޑިކް ޓްރައިބްތަކުގެ މީހުން ދިރިއުޅެ އެވެ. ކަޒަކްސްތާންގެ މީހުންނަކީ މިއުޒިކާއި ފިލްމް ފަދަ ފައިން އާޓްސް އަށް ލޯބިކުރާ ބައެކެވެ.
ކެއުންބުއިން
ކަޒަކްސްތާންގެ ކެއުމުގެ ތެރޭގައި ގެރި މަހާއި އަހުގެ މަސް އެކި ގޮތްގޮތަށް ހަދައިގެން އެކި ވައްތަރުގެ ޕާނާއި ޕިލަފް ފަދަ ބަތާއި ސޫޕްއާއެކު ކައިއުޅެ އެވެ. ކަޅު ސަޔާއި ފެހި ސަޔާއި، ގެރި، ކަންބަޅި، ބަކަރި އަދި އަހުގެ ކިރާއެކު ހިއްކާފައިވާ މޭވާ އާއި ނަޓްސް ކެއުމަކީވެސް އާންމު ކަމެކެވެ. މިގޮތުން ބެޝްބަރްމަކް، ކާޒީ، ކުވަރްޑާގް، ޝުޒްހައިކް، ޕަލާ އަކީ ގައުމީ ކެއުމެވެ.
ވިސާ އާއި ދަތުރުކުރުން
ކަޒަކްސްތާން އަކީ ބަހާރު އަދި ހޫނު މޫސުމުގައި ޒިޔާރަތްކުރުމަށް ވަރަށް ރީތި ގައުމެކެވެ. އަދި ފިނި މޫސުމުގައި ސްނޯ ފައިބާފައިވާ ފަރުބަދަ ހިސާބަށް ޒިޔާރަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް އަލްމަތާ ފަދަ ރަށްރަށް ވަރަށް ހިތްގައިމުވާނެ އެވެ. ދިވެހިންނަށް ކަޒަކްސްތާނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބެ އެވެ.