މިސްކިތް

މަސްޖިދު އުމަރު އަލީ ސައިފުއްދީން - ބަންދާރު ސެރީ ބެގާވާން، ބުރުނާއީ

ބު ރުނާއީގައި ވަރަށް މަޝްހޫރު ދެ މިސްކިތެއް ހުރެ އެވެ. އެއީ މަސްޖިދު އުމަރު އަލީ ސައިފުއްދީން އަދި ޖާމިއު އަސްރު ހަސަނުލް ބުލްގިޔާ އެވެ. މަސްޖިދު އުމަރު އަލީ ސައިފުއްދީންގެ ޖާގަ އަކީ 3،000 މީހުންނެވެ. ޖާމިއު އަސްރު ހަސަނުލް ބުލްގިޔާގެ ޖާގަ އަކީ 5،000 އެވެ.

މަސްޖިދު އުމަރު އަލީ ސައިފުއްދީންގެ ބިންގާ އެޅީ ފެބްރުއަރީ 4، 1954 ގައެވެ. އާންމުކޮށް ހުޅުވާލީ ސެޕްޓެމްބަރު 26، 1958 ގައެވެ. މިސްކިތުގެ ދިގުމިނަކީ 225 ފޫޓެވެ. ފުޅާ މިނަކީ 85 ފޫޓެވެ. އިމާރާތްކުރުމަށް އެއްމިލިއަން ޕައުންޑް -- ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ އެއިރު ތަކެތީގެ އަގުހުރި ވަރަށް ބަލައިގެންނެވެ.

މި މިސްކިތް އިމާރާތްކޮށް ފުރިހަމަކުރުމަށް ގާތްގަނޑަކަށް ފަސް އަހަރު ވަނީ ހޭދަކޮށްފަ އެވެ. އިމާރާތް ކުރަހައި ޑިޒައިންކޮށް އަދި ކޮންސްޓްރަކްޝަން މަސައްކަތްތައް ހަވާލުކުރީ މެލޭޝިއާގައި ހުންނަ ބޫޓީ އެޑްވާޑް އެންޑް ޕާޓްނާސް އަށެވެ. ކޮންސަލްޓޭންޓްގެ ދައުރު އަދާކުރީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ.

މަސްޖިދު އުމަރު އަލީ ސައިފުއްދީންގެ މަސައްކަތް ފަށައިގަތުމަށްޓަކައި ވަށައިގެން އޮތް ސަރަހައްދު 80-120 ފޫޓަށް ޝީޓްޕައިލްކުރި އެވެ. އަދި އިމާރާތްކުރުމަށް 1،500 ޓަނުގެ ގުންގުރެޓާއި 700 ޓަނުގެ ދަގަނޑު ބޭނުންކުރި އެވެ.

މިސްކިތް ޑިޒައިންކޮށްފައި ވަނީ އޭޝިއާގެ މުސްލިމުންގެ ސިފަތައް ފާޅުވާ ގޮތަށެވެ. މި މިސްކިތް ފެންނައިރު މިހާރު ވެސް ސިފަވަނީ ގަދީމީ ދުވަސްވަރުގެ މުސްލިމުންގެ މިސްކިތްތަކެވެ.

މަސްޖިދު އުމަރު އަލީ ސައިފުއްދީން ކުރަހައި އިމާރާތްކޮށްފައި ވަނީ ސުލްތާން އުމަރު އަލީ ސައިފުއްދީން ކިޔައިދެއްވި ގޮތަށް އޭނާގެ ވިސްނުމުގައި މިސްކިތް ހުންނަން ޖެހޭ ގޮތަށެވެ.

މިސްކިތުގެ ބައެއްގެ ގޮތުގައި އެންމެ ފާޅުކަން ބޮޑީ ގުއްބެވެ. މިސްކިތް އިމާރާތްކުރުމަށް ގުންގުރެޓާއި މާބްލް، ދަނގަޑު އަދި ރަން ވެސް ވަނީ ބޭނުންކޮށްފަ އެވެ. ގުއްބުގެ މަތީ ފަށަލަ ވިރުވައިއަޅާފައި ވަނީ ރަނުން ކަމަށް ބުނެވެ އެވެ.

މަސްޖިދު އުމަރު އަލީ ސައިފުއްދީންގައި ހުންނަނީ އެންމެ މުންނާރެކެވެ. އުސްމިނަކީ 171 ފޫޓެވެ. މުންނާރު ސިފަވާ ތަނބުތަކެއް ހުރި ނަމަވެސް މުންނާރެއްގެ ގޮތުގައި ތަންބުތައް ބޭނުމެއް ނުކުރެ އެވެ.