ދުނިޔެ

އިސްލާމީ ގައުމުތައް - ގިނީ

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އެފްރިކާގައި ހާލަތު ގޯސް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގިނީ އެވެ. މިއީ ގުދުރަތީ ވަސީލަތްތަކުން މުއްސަނދި އެކަމަކު ކޮރަޕްޝަނާއި ދާހިލީ ހަމަނުޖެހުމާ ހެދި މުސްތަގުބަލް ބަނަ ގައުމެކެވެ.

ގިނީ

ފަރަންސޭސި ވިލާތުގެ އަތްދަށުން މިނިވަންވެ، ރިޕަބްލިކް އޮފް ގިނީ އުފެދުނީ 1958 ގައެވެ. ބޮކްސައިޓް، ދަގަނޑު އަދި ރަނާއި ޖަވާހިރުން އެކްސްޕޯޓްކުރާ މި ގައުމުގެ ހުޅަނގުގައި އެޓްލާންޓިކް އޯޝަން އޮންނައިރު، ހުޅނގު އުތުރުގައި ގިނީ-ބިސާއު، އުތުރުގައި ސެނެގާލް، އިރު އުތުރުގައި މާލީ، އިރު ދެކުނުގައި ކޯޓޭ ޑި އައިވޯ، އަދި ދެކުނުގައި ލައިބީރިއާ އާއި ސިއެރާ ލިއޯން އޮވެއެވެ.

މި ގައުމުގެ 13.2 މިލިއަންގެ އާބާދީއަށް ބަލާއިރު، %90 އަކީ މުސްލިމުންނެވެ. އަދި މީގެ ތެރެއިން ގިނައީ މާލިކީ މަޒުހަބުގެ ސުއްނީ މުސްލިމުންނެވެ. މި ގައުމުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަސް ކަމުގައިވީނަމަވެސް، ފުލާ، މަނިންކާ، ސޫސޫ، ކިސީ، ޕެލް އަދި ޓޯމާ ބަހުން ވާހަކަ ދައްކާއުޅެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ގިނީގެ ވެރިރަށް ކޮނަކްރީއަކީ އެ ގައުމުގެ އެންމެ ގިނަ މީހުން ދިރި އުޅޭ ރަށެވެ. މި ރަށުގެ ގޮނޑުދޮށްތަކަކީ މަޖާކޮށްލަން ދާން މަގްބޫލުތަންތަނެވެ. މި ގައުމުގައި ފަތުރުވެރިކަން އެހާ ޕްރޮމޯޓް ނުކުރެއެވެ.

ޕްރެޒިޑެންޝަލް ޕެލެސް، ބޮޓެނިކަލް ގާޑަންސް، ނެޝަނަލް މިއުޒިއަމް، ކައިރީގައިވާ ރަށްތައް، މަސް މާރުކޭޓް، ސޫމްބާ ވޯޓާފޯލްސް އާއި ގުދުރަތީ ރީތިކަން ބަލާލުމަށް ނޭޗާ ވޯކްސް އަކީވެސް ދަތުރުވެރިން ބަލާލުމަށް ދެވިދާނެ ތަންތަނެވެ.

ބައެއް ސަރަހައްދުތަކަށް ދިއުން ނުރައްކާތެރިވީނަމަވެސް މައުންޓް ނިމްބާ ނޭޗާ ރިޒާވް، ގްރޭންޑް މާޝޭ-ކަންކަން މާކެޓް، އިތުރު ވޯޓާފޯލްތަކާއި މިސްކިތްތަކާއި ސެއިންޓް މާރީ ކެތީޑްރަލް އަކީވެސް ބަލާލަން ރަނގަޅު ތަންތަނެވެ.

ސަގާފަތް

ގިނީގައި އެ ގައުމަށް ހާއްސަ 24 އެތްނިކް ގްރޫޕްސް އެކުލެވިގެންވެއެވެ. މީގެ އިތުރުން އަވައްޓެރި ގައުމުތަކުންނާއި ލެބަނާން އާއި ބައެއް ޔޫރަޕް ގައުމުތަކުގެ މީހުން މި ގައުމުގައި ދިރިއުޅެމުންދެއެވެ. އެހެން ކަމުން އިސްލާމް ދީނުގެ އާދަކާދަތަކާއި ވަޒަންވެރިވެފައިވާ އެހެން ގައުމުތަކުގެ މީހުންގެ ސަގާފަތްތައް ކޮންމެވެސް ވަރަކަށް މަސްހުނި ވެފައިވެއެވެ. އެކި ސަރަހައްދުތަކުގައި ކޮށްއުޅޭ ސަގާފީ ކަންތައްތައް ތަފާތުވެއެވެ. މިގޮތުން މަންޑޭ މީހުންނަކީ މިއުޒިކަށް މޮޅު ބައެކެވެ. ބެލޭ ފަދަ އެކި ފާޑުގެ ނެށުމަކީވެސް މީހުން ޝައުގުވެރިވާކަމެކެވެ. ގިނީގެ ރައްޔިތުން އެންމެ ކުޅެ އުޅެނީ ފުޓްބޯޅަ އާއި ބާސްކެޓް ބޯޅައެވެ.

ކެއުންބުއިން

ގިނީ މީހުންގެ ކެއުމުގައި ފޫފޫ، ޕަމްކިމް ޕައި، ތެއްލި ދޮންކެޔޮ، ތެއްލި ކައްޓަލަ، ބަތް، ފެނުކެއްކި އަނބު، ވަޅޯ މަސް، ސެސަމީ ކުކީސް، ގަޓޫ ފެރީން، ޕޫލޭ، ކޮންކޮއޭ ސްޓޫ ފަދަ ކާނާ ހިމެނެއެވެ. މި ކެއުންތަކުގައި ފުތީ ސޯސް، މަފެ ޓީގާ، މަފީ ގޮމްބޯ، މަފީ ހައްކޯ ބަންޓޫރާ ފަދަ ސޯސްތައް ހިމެނެއެވެ. ބުއިމަށް ބޭނުންކުރަނީ ހެލެނބެލި ފަނި، އިނގުރު އަދި ސައިމަލުން ހަދާފައިވާ ބުއިމެވެ. އަދި ސަގާފަތާ އެއް ގޮތައް އެކި ސަރަހައްދުތަކުގައި ކެއުމަށް ކޮންމެވެސް ވަރެއްގެ ތަފާތު އުޅެއެވެ.

ވިސާ އާއި ދަތުރުކުރުން

ދާހިލީ ހަމަނުޖެހުންތަކާއި އަވަށްޓެރި ލައިބީރިއާ، ކޯޓޭ ޑި އައިވޯ އާއި ސިއެރާ ލިއޯންގެ ދާހިލީ ހަނގުރާމައިގެ އަސަރު ކުރުމާއި ފޭރުމާއި ވައްކަމުގެ މައްސަލަތައް އިތުރުވުމާ ގުޅިގެން ގިނީ އަކީ ރައްކާތެރި ގައުމެއް ނޫން ކަމަށް މުޅި ދުނިޔެއަށް ސިފަވެފައިވެ އެވެ.