ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ މެދުތެރޭ އޭޝިއާގެ ކިރިގިސްތާން އެވެ.
ކިރިގިސްތާން
ސޯވިއެޓް ޔޫނިއަން (ކުރީގެ ރަޝިއާ)ގެ ސަރުކާރު ބަދަލުވެ 1991 ގައި އޭރުގެ ރަޝިއާ ރޫޅުމުން، ކިރިގިސްތާން ވަނީ މިނިވަން ދައުލަތެއްގެ ގޮތުގައި އުފެދިފަ އެވެ. އޭގެ ފަހުން އެކި ނަސްލުތަކުގެ ދެބަސްވުންތަކާއެކު މި ގައުމުގައި ދާހިލީ ހަމަނުޖެހުންތައް މިއަދާ ހަމައަށް ކުރިއަށްދެ އެވެ. ޓިއެން ޝާން އާއި ޕަމިރް ފަރުބަދަ ރޭންޖުތައް ގިނަ މި ގައުމު އޮންނަނީ އުތުރުން ކަޒަކްސްތާން، ހުޅަނގުން އުޒްބެކިސްތާން، ދެކުނުން ތަޖިކިސްތާން އަދި އިރުމަތިން ޗައިނާއާ އިންވެގެންނެވެ. މިހިސާބުގައި ކަޒަކްސްތާން އަށް ފަހު އެންމެ ފަގީރު ގައުމަކީ ކިރިގިސްތާން އެވެ.
ކިރިގިސްތާންގެ އިގްތިސާދު ބިނާވެފައިވަނީ ދަނޑުވެރިކަމާއި ކޯލް އާއި ރަން ފަދަ މައުދަން އެކްސްޕޯޓްކުރުމާއި އެކި މެޝިންތައް އުފެއްދުމުގެ މައްޗަށެވެ. މި ގައުމަށް ބޭނުންވާ ކަރަންޓުގެ ތިން ބައި ކުޅަ ހަތަރު ބައި އުފައްދަނީ ފެން ބޭނުންކޮށްގެން ހައިޑްރޯއިލެކްޓްރިސިޓީންނެވެ. އަދި މި ގައުމަކީ ނަޖިސް ފެން ޕިއުރިފައި ކުރުން ފަދަ އާ އީޖާދުތައް އުފެއްދުމަށް އިސްކަންދޭ ގައުމެކެވެ. ކިރިގިސްތާން އިން ފަތުރުވެރިކަން ކުރިއެރުވުމަށްވެސް މަސައްކަތް ކުރަމުންދެއެވެ.
މި ގައުމުގެ ހަތް މިލިއަންގެ އާބާދީއަށް ބަލާއިރު، ގާތްގަނޑަކަށް 90 ޕަސަންޓަކީ މުސްލިމުންނެވެ. މީގެ ތެރެއިން ގިނައީ ހަނަފީ މަޒްހަބްގެ ސުންނީ މުސްލިމުންނެވެ. ރޫސީންގެ ނުފޫޒަށްފަހު މި ގައުމުގެ ރައްޔިތުންނަކީ ދީނީ ކަންކަން ލުއިކޮށް ނަގާ ބައެކެވެ. މި ގައުމުގައި ކިރިގިޒް، އުޒްބެކް، ރޫސީ އަދި އުއިގޯރް އާއި ކިޕްޗެކް ފަދަ ބަހުން ވާހަކަ ދައްކާ އުޅެއެވެ.
ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން
ކިރިގިސްތާންގެ ވެރިކަން ކުރާ އަދި އެންމެ ބޮޑު ރަށް، ބިޝްކެކް ގައި ކިރްގިޒް ސްޓޭޓް މިއުޒިއަމް، ސްޓޭޓް މިއުޒިއަމް އޮފް އެޕްލައިޑް އާޓްސް، ފްރުންޒް ހައުސް މިއުޒިއަމް، ބުރާނާ ޓަވާ، ބޮޑެތި އިމާރާތްތަކާއި އޮފީސް އިމާރާތްތައް، ވިކްޓްރީ ސްކުއާ، ސްޓެޗޫތަކާއި، އޮޝް ބާޒާރް އަދި ކިރިގިޒް ނެޝަނަލް ޕިލަހާމޮނިކް ކޮންސަޓް ހޯލް ފަދަ ރީތި އަދި ފާހަގަކޮށްލެވޭ ތަންތަން ހުރެއެވެ. އަދި ޑޯޑޮއީ ބާޒާރާއި، އަލާ-ތޫ ފަރުބަދަ ރޭންޖްއާއި، އަލާ އާޗާ ނެޝަނަލް ޕާކް ވެސް ބިޝްކެޝް އާ އެހާ ދުރެއް ނޫނެވެ.
ކިރިގިސްތާންގައި އިސިކް-ކުލް ލޭކް ފަދަ ރީތި އަދި ބޮޑު ފަރަބަދަ ލޭކްސް ތަކާއި ގްރޭޓް ސިލްކް ރޯޑް އާއި އާސާރީ ތަންތަނާއި އިމާރާތްތައް ބަލާލުން ރަނގަޅެވެ. އަދި ކަރަކޮލް، އަރްސްލާންބޮބް ވިލެޖް، އޮޝް ރީޖަން، ޗޮން ކެމިން ވެލީ، ޖެޓީ-އޮގުޒް ކެންޔަން ފަދަ ތަންތަން ބެލުމުގެ އިތުރުން އެކްސްޓްރީމް ސްޕޯޓްސް އަށް ލޯބިކުރާ މީހުންނަށް އެއީ ވެސް ކުރެވިދާނެ ކަމެކެވެ.
މީގެ އިތުރުން ޔުރްޓް ޓެންޓް ގޭގައި ރީތި ފަރުބަދަ ތަކުގައި ދިރިއުޅެ، އެކި ދުވަސްވަރާ ދިމާކޮށް ސަރަހައްދު ބަދަލުކުރާ މީހުންގެ "ނޮމެޑިކް "ލައިފްސްޓައިލް" އާއި މެހެމާން ދާރީވެސް ތަޖުރިބާ ކުރެވިދާނެ އެވެ.
ސަގާފަތް
ކިރިގިސްތާންގެ ސަގާފަތަކީ އެކި ދަރިކޮޅުގެ ޓްރައިބްތަކުގެ މައްޗަށް އެއްވެފައިވާ ސަގާފަތަކެވެ. އެހެންނަމަވެސް، މި ގައުމުގެ އަސްލު ރައްޔިތުން ކަމުގައިވާ ކިސްގިޒް ނަސްލު (އަދި އާބާދީގައި އެންމެ ގިނަ ނަސްލު(ގެ ތެރޭގައި 40 ހަކަށް ވަންހަ ވެއެވެ.
އާބާދީގެ ތެރޭގައި ޗައިނާގެ އޮއިގޯރް، ޑުންގަން، ޓާޓާ، އުޒްބެކް، ރޫސީ އަދި ޔުކްރޭން މީހުންވެސް ހިމެނެ އެވެ. އާބާދީގެ ގިނަ އަދަދެއްގެ މީހުންނަކީ ނޮމެޑިކްކޮށް ދިރިއުޅޭ މީހުންނެވެ. މި މީހުންނަކީ މިއުޒިކާއި "މަނަސް" ނޫނީ ޅެން ކިއާ، އެ ތަމްސީލްކޮށްދިނުމަށް ޝައުގުވެރިވާ ބައެކެވެ. ކިރިގިޒް މީހުންގެ މެހެމާންދާރީ ވަރަށް ބޮޑެވެ. ކިރިގިޒް މީހުން ދޫލަ ހެދުމާއި އެމީހުންގެ ކުލަގަދަ ފޭރާން ހެދުމަށް ޝައުގުވެރިވެއެވެ. މި މީހުންގެ މެދުގައި ކައިވެނިކުރަން އެދޭ އަންހެން މީހާ ކިޑްނެޕް ކުރުމުގެ ސަގާފަތެއް އޮއްވާ އެކަން މަނާކުރުމުންވެސް މިސަގާފަތް ކުރިއަށްދެ އެވެ.
ކެއުން ބުއިން
ކިރިގިސްތާންގެ ކެއުމުގައި އަވައްޓެރި ގައުމުތަކުގެ ރަހަ ކޮންމެވެސް ވަރަކަށް އެކުލެވިގެންވެއެވެ. މިމީހުން ކައި އުޅޭނީ ގެރި، ބަކަރި އަދި އަހުގެ މަހެވެ. ނޮމެޑިކްކޮށް އުޅޭ މީހުންގެ ކެއްކުން ހުންނަނީ ގިނަ ދުވަހަށް މަސް ނުބައި ނުވެ ދަމަހައްޓާގޮތަށެވެ. އެގޮތުން ބެޝްބާމަކް އަކީ ގައުމީ ކާނާއެވެ. އަދި ދިމްލާމާ ފަދަ ސްޓޫ އާއި ކުރްދަކް، ޝަޗްލިކް، ޝޯޕޯ، ލަގްމަން، ޕަލޫ އާއި ނޫޑްސް އަދި ޑަމްޕްލިންގްސް މަގްބޫލް ކެއުމެވެ. އަދި ތަންދޫރް މަތިން އެކި ވައްތަރުގެ ޕާން ފިހެ، ސަޔާއެކު ބުއިމަށް ޝައުގުވެރިވެއެވެ. ސައި ގެ އިތުރުން ބުއިމުގެ ތެރޭގައި ކިމިޒް އާއި މެކްސިމް ފަދަ ބުއިން ހިމެނެއެވެ.
ވިސާ އާއި ދަތުރުކުރުން
ދިވެހިންނަށް ކިރިގިސްތާނަށް ޒިޔާރަތްކުރުމަށް ވިސާ ނަގާކަށް ނުޖެހެއެވެ. އެ ގައުމަށް ޒިޔާރަތްކުރުމުން އޮން-އެރައިވަލް 30 ދުވަހުގެ ވިސާ އެއް ލިބޭނެ އެވެ.