ދުނިޔެ

އިސްލާމީ ގައުމުތައް – ސިއެރާ ލިއޯން

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އެފްރިކާގައި ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިއެރާ ލިއޯންއާ ބެހޭ މައުލޫމާތެވެ.

ސިއެރާ ލިއޯން

އިނގިރޭސިންގެ އަތްދަށުން މިނިވަންވެ، ރިޕަބްލިކް އޮފް ސިއެރާ ލިއޯން އުފެދުނީ 1961 ގައެވެ. ސިއެރާ ލިއޯން އޮންނަނީ ހުޅަނގު އެފްރިކާގައި ލައިބީރިއާގެ ހުޅަނގު އުތުރަށެވެ. އަދި ސިއެރާ ލިއޯންގެ ހުޅަނގުގައި އެޓްލާންޓިކް ކަނޑު އޮންނައިރު، އުތުރާއި އިރަށް އޮންނަނީ ގިނީ އެވެ. އަނިޔާވެރި ދާހިލީ ހަނގުރާމައެއް 2002 ގައި ނިމުނު ނަމަވެސް، އަދިވެސް ސިޔާސީ ގޮތުން މަސްލަހަތު ހަލަބޮލި ވުމަކީ ގާތްކަމެކެވެ.

މި ގައުމުގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އަލިމަސް އާއި ރުޓިލް، ބޮކްސައިޓް، ރަން، ދަގަނޑު، ޕްލެޓިނަމް ފަދަ މައުދަން މައިން ކުރުމަށެވެ.

ސިއެރާ ލިއޯން އަކީ ދުނިޔޭގައި އެންމެ ގިނައިން އަލިމަސް އެކްސްޕޯޓްކުރާ 10 ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެކަމަކު ގަވައިދާ ހިލާފަށް އަލިމަސް މައިންކޮށް ވަކިން ހާއްސަކޮށް ދާހިލީ ހަނގުރާމައިގެ ތެރޭގައި ވިއްކުމަކީ ބޮޑު ވިޔަފާރިއެކެވެ. ނުއަގުގައިވެސް ބައެއް ފަހަރު އަލިމަސް ވިއްކާތީ އެއީ ސިއެރާ ލިއޯންގެ އިގްތިސޯދަށް ލިބޭ ބޮޑު ގެއްލުމެކެވެ. މި ގައުމުގައި ދަނޑުވެރިކަން ކުރަނީ ރައްޔިތުންނަށް ބޭނުންވާ މިންވަރަށެވެ.

މި ގައުމުގައި ގާތްގަނޑަކަށް 80 ޕަސަންޓަށް ވުރެ ގިނަ މީހުން، ހާއްސަކޮށް ރަށްފަށު މީހުންނަށް ކަރަންޓުގެ ހިދުމަތް ނުލިބެ އެވެ. މި މީހުން ބޭނުންކުރަނީ ދަރު ފަދަ ބައޯމަސް ފިއުލްސް އެވެ. މިއީ އަންހެނުންނާއި ކުޑަކުދިންގެ ސިއްހަތަށް ހުރި ނުރައްކަލެކެވެ. އެހެންކަމުން ސިއެރާ ލިއޯންގެ ސަރުކާރުން ތިން ބޮޑު ހައިޑްރޮޕަވާ ޕްލާންޓް ހަދައި، ސޯލާ ޕަވާ ޕްލާންޓްވެސް ގާއިމުކޮށްފައިވެ އެވެ. އަދި މި ފަދަ އިއާދަކުރެނިވި ހަކަތަ އުފެއްދުމަށް ބޮޑެތި ޕްލޭންތައް ހަދާފައިވެއެވެ. މިއީ ދީނީ މިނިވަންކަން އަމަލީ ގޮތުން ގަބޫލުކުރާ ބައެކެވެ.

މި ގައުމުގެ 8.4 މިލިއަންގެ އާބާދީއަށް ބަލާއިރު ގާތްގަނޑަކަށް 79 ޕަސަންޓަކީ ސުންނީ މުސްލިމުންނެވެ. މީގެ އިތުރުން 22 ޕަސަންޓް ކްރިސްޓިއަނުންނާއި އެފްރިކާގެ ސަގާފީ ދީންތަކުގެ މީހުން ވެސް ކޮންމެވެސް ވަރަކަށް އުޅެ އެވެ.

ސިއެރާ ލިއޯންގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. އެހެންނަމަވެސް ކްރިއޯ އަކީ އެންމެ ގިނަ މީހުން ވާހަކަ ދައްކާ ބަހެވެ. މީގެ އިތުރުން ޔޫއެންގެ ބަންގްލަދޭޝް ލަޝްކަރުގެ އެހީތެރިކަމާއެކު ބެންގާލީ ބަހަކީވެސް ބޭނުންކުރާ ބަހަކަށް ހަދާފައިވެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ސިއެރާ ލިއޯންގެ ވެރިރަށް ފްރީޓައުން އަކީ އެ ގައުމުގެ އެންމެ ހަލަބޮލި ތަނެވެ. ޕޯޓް ސަރަހައްދާއި ޓަކުގާމާ ޗިންޕަންޒީ ސެންކްޗުއަރީ، މެންޑިންގޯ ސެންޓްރަލް މިސްކިތް، ބޮޑު ކޮޓަން ޓްރީ، އެބާޑީން ސަރަހައްދު، ސެއިންޓް ޖޯޖް ކެތީޑްރަލް، ކިންގްސް ގޭޓް، ހައުސާ މިސްކިތް، ޖަމިއުލް އަތިކް ފޫރާ ބޭ މިސްކިތް، ނެޝަނަލް މިއުޒިއަމް، ޕީސް އެންޑް ކަލްޗަރަލް މޮނިއުމަންޓް، ނެޝަނަލް ރެއިލްވޭ މިއުޒިއަމް، ފޫރާ ބޭ ކޮލެޖް އަދި ބުމްބުނާ ހައިޑްރޯ އިލެކްޓްރިކް ޕްލާންޓަކީ ތާރީހާއި ސިއެރާ ލިއޯންގެ މާޒީ ފެންނާނެ ތަންތަނެވެ.

މޫދާއި ރަށްތަކަށް ޒިޔާރަތްކުރުމަށް އެދޭ ފަރާތްތަކަށް ބީޗާއި ލަމްލީ، ރިވާ ނަންބަރު ދޭއް، ލައްކާ، ބުރެއް، ޓޮކެއް ފަދަ ރީތި ގޮނޑުދޮށްތައް، ބިއުންސް އައިލެންޑް، ބަނާނާ އައިލެންޑް، ޓާޓަލް އައިލެންޑް، ޓަސޯ އައިލެންޑް ފަދަ ރަށްތަކަކީ ހިތްގައިމު ތަންނަނެވެ. މީގެ އިތުރުން ލޭސްޓާ ޕީކް، ގޯލާ ރެއިންފޮރެސްޓް ނެޝަނަލް ޕާކް، އުޓަމްބާ-ކިލިމި ނެޝަނަލް ޕާކް، ޓިވައި ވައިލްޑްލައިފް ސެކްޗުއަރީ، މައުންޓް ބިންޓުމަނީ އަކީ ގުދުރަތީ ރީތިކަން ބަލަން ޝައުގުވެރިވާ ފަރާތްތަކަށް ރަނގަޅު ތަންތަނެވެ.

ސަގާފަތް

ފިރިހެނުންނަށް ޕޯރޯ އަދި އަންހެން ކުދިންނަށް ސަންދޭ މުޖްތަމައުއަކީ ތައުލީމީ ގޮތުން ބޮޑު ރޯލެއް ކުޅޭ މުޖްތަމައު އެކެވެ. މި ގައުމުގައި އިސްލާމީ އަދި ކްރިސްޓިއަން ހާއްސަ ދުވަސްތައް ފާހަގަކުރެ އެވެ. ފިރިހެނުންގެ މެދުގައި އެކަކަށްވެރެ ގިނަ އަނބިން ގެންގުޅުމަކީ މި ގައުމުގައި ކުރީ ޒަމާނުއްސުރެއް ކުރަމުން އަންނަ ކަމެކެވެ. އެހެންނަމަވެސް މިކަން މިހާރު ދަނީ ކުރިއާ އަޅާބަލާއިރު މަދުވަމުންނެވެ.

ސިއެރާ ލިއޯންގެ ސަގާފީ ނެށުންތަކަކީ ވަރަށް މަގްބޫލް އަދި ފާހަގަކޮށްލެވޭ ނެށުންތަކެކެވެ. މި ނެށުންތައް އެކި ގަބީލާތަކަށް ތަފާތުވެ އެވެ. ނެށުމުގައި، ހާއްސަކޮށް ދެކުނުގެ ސަރަހައްދުތަކުގައި ޖަނަވާރާއި އިންސާނުންގެ ސިފަ ހުންނަ ލަކުޑި މާސްކް އަޅާއިގެން ނެށުމަކީ އާންމު ކަމެކެވެ. އެތުގެ އައިވަރީ ދަތް ބޭނުންކޮށްގެން ހަދާފައިވާ އާސާރި އެތައް ބުދެއްވެސް ހުރެ އެވެ. ސަގާފީ ފޭރާން އަދި ފަން ވިއުމާއި ކުރެހުމާއި ޅެމާއި ވާހަކަ ލިއުމަކީވެސް މި ގައުމުގައި ކުރިއަށްދާ ކަމެކެވެ. މީގެ އިތުރުން މި ގައުމަކީ ސަރަހައްދުގައި ފުޓްބޯޅައަށް ވަރަށް ކުރިއަރާފައިވާ ގައުމެކެވެ.

ކެއުންބުއިން

ސިއެރާ ލިއޯންގައި ހުރިހާ ވަގުތެއްގައިވެސް ބަތް ކައި އުޅެ އެވެ. ދަނޑިއަލުވިން ހަދާ ފޫފޫ އާއި އޭގެ ފަތުން ފެހި ސްޓޫއެއް ހަދައިގެން ކެއުމަކީވެސް އާންމު ކަމެކެވެ. ގެރި، ބަކަރި އަދި ކުކުޅު މަހާއި، ކަނޑުމަސް ކެއުމާއި، ދޮންކެޔޮ، ފޭރު، އަލަނާސި، ކަރާ އަދި އަނބު ފަދަ މޭވާ އާއި، ބަދަނާއި، ތަރުކާރީ އާއި، ކާށްޓަކީ ކެއުމުގައި ބޭނުންކުރާ އާންމު ތަކެއްޗެވެ. ސްޓޫ، ބިންޗް އަކަރާ، ބީންސް ޕޮޓެޖް، ދަނޑިއަލުވި ޕާން ވެސް އެއީ ފާހަގަ ކޮށްލެވޭ ކެއުމެވެ. އަދި ފޫރާ، އޮލެލޭ، ކޭކް އަދި ޕޭސްޓްރީ ފަދަ ފޮނި ކާތަކެތިވެސް އާންމުކޮށް ކެއުމުގައި ބޭނުންކުރެ އެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިން ސިއެރާ ލިއޯންއަށް ދަތުރުކުރުމަށް ވިސާ ނަގަންޖެހެ އެވެ. އެކަމަކު މިއީ ވައްކަމާއި ފޭރުން ފަދަ ކުށްތަކާއި ދާހިލީ ހަމަނުޖެހުމާ ހެދި ދަތުރުކުރުމަށް ރައްކާތެރި ގައުމެއް ނޫނެވެ.