އި ސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ މެދުތެރޭ އޭޝިއާގެ ތަޖިކިސްތާންއާ ބެހޭ މައުލޫމާތެވެ.
ތަޖިކިސްތާން
ސޯވިއެޓް ޔޫނިއަން (ކުރީގެ ރަޝިއާ)ގެ ސަރުކާރު 1991 ގައި ބަދަލުވެ އޭރުގެ ރަޝިއާ ރޫޅުމުން ތަޖިކިސްތާން ވަނީ މިނިވަން ދައުލަތަކަށް ވެފަ އެވެ. ފަސް އަހަރުގެ ދާހިލީ ހަނގުރާމައަކަށްފަހު 1997 ގައި ގައުމު ވަނީ ހަމަޖެހުމަށް އައިސްފަ އެވެ.
ތަޖިކިސްތާންގެ ދެކުނަށް އަފްޣާނިސްތާން އޮންނަ އިރު، ހުޅަނގަށް އުޒްބެކިސްތާން، އުތުރަށް ކިރިގިސްތާން އަދި އިރަށް ޗައިނާ އޮވެ އެވެ.
ޕާކިސްތާންއާ ނުގުޅި އޮންނަނީ އަފްޣާނިސްތާންގެ ހިމަ ވަކަން ކޮރިޑޯއިންނެވެ. މި ގައުމުގެ 93 ޕަސަންޓަކީ ޕާމިރު އަދި އެލޭ ފަރުބަދަ ރޭންޖްފަދަ ފަރުބަދައިން އެކުލެވިގެންވާ ބިމެވެ.
ކޮރަޕްޝަނާއި ނާގާބިލްކަމާއި ކަމުނުދާ އިސްލާހުތަކާ ގުޅިގެން ތަޖިކިސްތާންގެ އިގްތިސާދު އޮތީ ނާޒުކު ފައްތަރެއްގަ އެވެ.
ރަޝިއާގައި މަސައްކަތްކުރާ ތަޖިކިސްތާންގެ ރައްޔިތުން ގައުމަށް ފޮނުވާ ފައިސާ އާއި އެލުމިނިއަމް އަދި ކޮޓަން އެކްސްޕޯޓަކީ އެގައުމަށް ފައިސާ ވަންނަ މައިގަނޑު ގޮތްތަކެވެ.
ވަކްޝް އާއި ޕަންޖް ފަދަ ކޯރަކީ ހައިޑްރޯ އިލެކްޓްރިސިޓީއަށް ކަމުދާނެ ތަނެއް ކަމުން، ތަޖިކިސްތާންގެ ސަރުކާރުން ދަނީ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ތަޖިކިސްތާނުން އެންމެ ބޮޑަށް ވިޔަފާރިކުރަނީ ރަޝިއާ އާއި ޗައިނާއާ އެކުގަ އެވެ.
ތަޖިކިސްތާންގެ 10 މިލިއަންގެ އާބާދީއަށް ބަލާއިރު، ގާތްގަނޑަކަށް 98 ޕަސަންޓަކީ މުސްލިމުންނެވެ. މީގެ ތެރެއިން 90 ޕަސަންޓަށް ވުރެ ގިނައީ ހަނަފީ މަޒްހަބްގެ ސުންނީ މުސްލިމުންނެވެ. މަދު އަދަދަކަށް ކްރިސްޓިއަނުންގެ ގޮފިތަކާއި ޒޮރޯސްޓްރިއަނުން، ބުދިސްޓުން ދިރިއުޅެ އެވެ.
ސެކިއުލާ ސްޓޭޓެއްގެ ގޮތުގައި އޮންނަ މި ގައުމުގައި ރޫސީންގެ ވެރިކަމުގައި ދީނީ ކަންތައްތަކާ ދުރުކުރުމުގެ ސިޔާސަތެއް ގެންގުޅުމުން، އޭގެ އަސަރު އަދިވެސް ފެނެ އެވެ. އަދި އަވަށްޓެރި އަފްޣާނިސްތާނުން އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ބިރުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދެ އެވެ.
ތަޖިކިސްތާންގެ ރަސްމީ ބަހަކީ ފާރިސީ ބަހުން އައިސްފައިވާ ބަހެއް ކަމުގައި ބެލެވޭ ތަޖިކް އެވެ. އެހެނަސް ރޫސީ ބަހަކީ ކުރީގެ ރަސްމީ އަދި މިހާރުވެސް ގިނަ މީހުން ވާހަކަ ދައްކާ އުޅޭ ބަހެވެ.
މީގެ އިތުރުން ކިރްގިޒް، ޔަގްނޯބީ، ޕަރީޔާ، އަރަބި، ފާސިރީ، ޕަޝްތޯ، އާޒަރުބައިޖާނީ، ޓާޓާ، އުރުމަތީ އާމޭނިއަން، ތުރްކްމެން، ކަޒަކް، ޗައިނީޒް އަދި ޔުކްރޭނިއަން ބަހުން ވާހަކަ ދައްކާ މީހުންވެސް މި ގައުމުގެ އެކި ހިސާބުގައި ދިރިއުޅެވެ.
ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން
ތަޖިކިސްތާންގެ ވެރިކަން ކުރާ އަދި އެންމެ ބޮޑު ރަށް، ދުޝަންބެ އަކީ ރީތި އިމާރާތްތަކާއި ފަތުރުވެރިން ޒިޔާރަތްކުރަން ގިނަ ތަންތަން ހުންނަ ރަށެކެވެ.
ރިޔާސީ ގަނޑުވަރާއި ނެޝަނަލް ލައިބްރަރީ، ނެޝަނަލް މިއުޒިއަމް، ނެޝަނަލް އެންޓިކުއިޓީސް މިއުޒިއަމް، ތީއަޖިކް އާޗް އާއި އިސްމޮއިލް ސޮމޮނީގެ ސްޓެޗޫ، ރުޑާކީ އަދި ފްލޭގް ޕޯލް ޕާކް، ތަޖިކް ރައިޓާސް ޔޫނިއަން ބިލްޑިން، ވިކްޓަރީ ޕާކް، ހިސާރު ފޯޓްރެސް، ތަޖިކް ނިޝާން އިންނަ ސްޓީލް، ސެއިންޓް ނިކޮލަސް އޯތޮޑޮކްސް ޗާޗް، ވޯލްޑް ވޯ 2 މޮނިއުމަންޓް، މެކަލޯން މިސްކިތް، މަސްޖިދީ ޖާމީ މިސްކިތް، ހާޖީ ޔައުކޫބް މިސްކިތް، ޝޭހް މުސްލިހިދިން ޒިޔާރަތް ފަދަ ތަންތަނަކީ ބަލާލެވޭނެ ތަންތަނެވެ.
ބޮޓޭނިކަލް ގާޑަން، އައިނީ ޕާކް އާއި އަކުއަޑަކްޓް، ޒޫ، ބޯގީ ޕޮއިތަކްޓް ކާނިވާ ޕާކް، ޕާކް ޝާޝާރާ، ސަރަޒްމް، ޕަންޖަކެންޓް، ސިލްކް ރޯޑް ވެސް މިއީ ހިތްގައިމު ތަންތަނެވެ.
ތަޖިކިސްތާންގެ ފޭން ފަރުބަދައިގެ ހަފްތް ކުލް ނުވަތަ ހަތް ލޭކްއަކީ އާޝޯހުވާ ފަދަ ރީތި ތަންތަނެވެ. އިސްކަންދަރުކުލް އަކީ މީގެ އެއް ލޭކެވެ. ޕާމިރް ފަރުބަދަ އާއި ޔަޝިކުލް ލޭކް އާއި މަރީމަތް ކޯރާއި އެތައް ލޭކަކާއި ކޯރެއް މި ގައުމުގައިވެ އެވެ.
ސިރް ދަރިޔާ ކޯރަކީ މި ހިސާބުގަނޑުގެ އެންމެ ގިނަ ދުވަސްވީ އެއް ކޯރެވެ. ދުނިޔޭގެ އެންމެ ބޮޑު ސައިގެ ކޯކީ ނަވްރޫޒް، މެހްރްގޮން ބާޒާރު، ކޯވޮން ބާޒާރު، ޕަޝަމްބް ބާޒާރު، ޕަޕެޓް ތިއެޓާ އަކީ ސަގާފަތް ފެނި، ޝައުގުވެރިކުރުވާ ތަންތަނެވެ.
ސަގާފަތް
ތަޖިކިސްތާންގައި ތަޖިކް މީހުން ގިނަ ނަމަވެސް، މި ގައުމުގެ ސަގާފަތަކީ އެކި ދަރިކޮޅުގެ ގަބީލާތައް، ހާއްސަކޮށް ފާރިސީންނާއި މޮންގޯލްގެ އާދަކާދަތައް އެއްވެފައިވާ ސަގާފަތަކެވެ. އެގޮތުން ޕަމީރީ އަދި ޔަގްނޯބީ ދަރިކޮޅުގެ މީހުންނާއި އަވައްޓެރި ގައުމުތަކުން ހިޖުރަކޮށްފައިވާ މީހުންގެ ސަގާފަތާއި ރޫސީންގެ ސަގާފަތް އެއްވެފައިވެ އެވެ.
ބޮޑަށް ތަރައްގީވެފައިވާ ދުޝާންބޭ ފަދަ ސިޓީތަކުގެ ސަގާފަތާއި ރަށްފުށުގެ ސަގާފަތް ކޮންމެވެސް ވަރަކަށް ތަފާތެވެ. މިގޮތުން އިސްލާމް ދީން އައުމުގެ ކުރިން ގެންގުޅުނު އަލިފާން މަތިން ފުންމުމާއި އަލިފާނުގެ ވަށައިގެން ނެށުމާއި ޝައިތާނާގެ ކިބައިން ސަލާމަތްވުމަށް އަލިފާން ބޭނުންކުރުން ފަދަ ޒޮރޯސްޓްރިއަން ކާބަފައިންގެ އާދަކާދަތައް އަދިވެސް ބައެއް ސަރަހައްދުތަކުގައި ގެންގުޅެއެވެ.
ތަޖިކިސްތާންގައި ދެ ބުމަ އެއްވެފައި ހުރުމަކީ ވަރަށް ރީތި ކަމެކެވެ. ބަޒްމޮރޯ ފަދަ ގައުމީ ނެށުންތަކާއި މިއުޒިކާއި ޅެންވެރިކަމާއި ޕަޕެޓް ތިއެޓާ އާއި ކުޅިވަރަކީވެސް މި ގައުމުގެ މީހުންގެ މެދުގައި މަގުބޫލު ކަންކަމެވެ.
ކެއުންބުއިން
ތަޖިކިސްތާންގެ ކެއުމުގައި ރޫސީ، އަފްޣާނީ، އިރާނީ އަދި އުޒްބެކް ކެއުން ގުޅިލާމެހިފައިވެއެވެ. މިގޮތުން ކަންބަޅި ބަކަރި އާއި ބަކަރި އަދި އަހުގެ މަހާއި ބަތާއި ސޫޕް އާއި ސްޓޫ ފަދަ ކާނާ އަކީ އާންމު ކެއުމެވެ. އަދި އޮޝި ޕަލޯ ފަދަ އެއްގަމު މަހާއި ތަރުކާރީ އަދި ބަތުން އެކުލެވިގެންވާ ކެއުމާއި ޕްލޯވްސް، ޑަމްޕްލިންގްސް، ނޫޑްލްސް، (ލަގްމަން، ލުބިޔޯވާ، ކޮމް ޝަރްބޯ އަދި އޮޝި ޓޫބާ، ޝިމާ، ނޮޝްކުކްޕާ، މަސްޓޮބައި ގެލަކްޑޯރް ފަދަ) ސޫޕް، ދަމްލަމާ ސްޓޫ، ޕަފް ޕޭސްޓްރީ ސަބޫސާ، ކުރުތޮބް، ޝަކަރޮބް، ސިޔޯ އަލަފް، ކެބާބް ޕަމީރް އަކީވެސް ފާހަގަކޮށްލެވޭ ބައެއް ކެއުމެވެ.
ގްރީން ޓީ އަކީ ގައުމީ ބުއިމެވެ. މީގެ އިތުރުން ލޮނު ލާފައި ހުންނަ ކިރު ސައި ނުވަތަ ޝިރްޗޯއި، ސޯބޭ، ޗޮލޮބް ފަދަ ބުއިމާއި މޭވާގެ އިތުރުން ޗައްކާ، ކުރުޓް، ފަތީރް މަސްކާ، ނޮޝޮފްޕާ އަކީ މަގުބޫލް ފޮނި އެއްޗެއްސެވެ.
ވިސާ އާއި ދަތުރުކުރުން
ދިވެހިންނަށް ކިރިގިސްތާނަށް ޒިޔާރަތްކުރުމަށް ވިސާ ނަގާކަށް ނުޖެހެ އެވެ.