މިސްކިތް

ކޮލޯން ސެންޓްރަލް މިސްކިތް - ކޮލޯން، ޖަރުމަން

ކޮ ލޯން ސެންޓްރަލް މިސްކިތަކީ ޖަރުމަނުގެ ކޮލޯންގައި ބޮޑު މިސްކިތެއްގެ ބޭނުންޖެހި، ޓާކިޗް އިސްލާމިކް ޔޫނިއަން ފޮ ރެލިޖަސް އެފެއާޒް އިން އިސްނަގައިގެން ބިނާކުރި މިސްކިތެކެވެ. މި ޔޫނިއަން އަކީ ޖަރުމަންގައި ވަރަށް ފުޅާ ދާއިރާއެއްގައި، އިސްލާމްދީން ފަތުރައި ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ ބައެކެވެ.

ކޮލޯން ސެންޓްރަލް މިސްކިތް ބިނާކުރުމުގައި ތުރުކީގެ އެހީތެރިކަން ވަރަށް ބޮޑެވެ. މިސްކިތް 2018 ގައި ރަސްމީކޮށް ހުޅުވައިދެއްވީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެވެ. އޭގެކުރިން 2017 އިން ފެށިގެން މިސްކިތް ދިޔައީ ބޭނުންކުރަމުންނެވެ. ކޮލޯންގައި މިސްކިތެއް އިމާރާތްކޮށް ހުޅުވުމުގައި ކޮލޯންގެ ސިޓީ ކައުންސިލުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށްވެ އެވެ.

މި މިސްކިތް ބިނާކޮށްފައި ހުންނަނީ ކޮލޯންގެ އީޣަންފެލްޓް އަވަށުގަ އެވެ.

މިސްކިތުގެ އިމާރާތަށްޓަކައި 48،000 އަކަފޫޓުގެ ބިމެއް ވަނީ ޚާއްސަކޮށްފަ އެވެ. މުޅި އިމާރާތަށް 15-20 މިލިއަން ޔޫރޯ ވަނީ ޚަރަދުކޮށްފަ އެވެ.

މި މިސްކިތަށް ފަންޑުކުރީ ތުރުކީގެ އިސްލާމިކް އެފެއާޒް އޮތޯރިޓީންނެވެ. މިސްކިތުގެ ޖާގަ އަކީ 2،000 - 4،000 އެވެ.

ކޮލޯން ސެންޓްރަލް މިސްކިތުގައި ހިމެނިގެން ވަނީ ދެ މުންނާރާއި ގުއްބެކެވެ. އަރަބި އިސްލާމީ ޑިޒައިނަށް އަދި ތުރުކީގެ ސަގާފީ ރޫހު ހިމެނޭ ގޮތަށް މި މިސްކިތް އިމާރާތްކުރުމުގައި ޖަރުމަނުގެ މަޝްހޫރު ޑިޒައިނަރުން ވެސް ވަނީ އެއްބާރުލުން ދީފަ އެވެ.

މިސްކިތުގެ މައި ހޯލްގެ ބޮޑުމިނަކީ 121 ފޫޓެވެ. މުންނާރުގެ އުސްމިނަކީ 183 ފޫޓެވެ. މިސްކިތުގެ ތިރީ ބުރީގައި ބާޒާރަކާއި ލެކްޗާ ހޯލެއް ވެސް ހުރެ އެވެ. ނަމާދުކުރާ މައި ހޯލު އޮންނަނީ ފުރަތަމަ ބުރީގަ އެވެ. ވިދިގެން ލައިބްރަރީއެއް ވެސް ހުރެ އެވެ.

ކޮލޯން ސެންޓްރަލް މިސްކިތުގެ ބައެއް ފާރުތައް ހުންނަނީ ބިއްލޫރިންނެެވެ. އެހެންކަމުން ވަރަށް ބޮޑު ތަނެއްގެ އިހުސާސްކުރެވެ އެވެ. މިސްކިތް ޒަމާނަށް ފައްތައި ތުރުކީގެ ސަގާފީ ކުލަތައް ވަނީ ބޭނުންކޮށްފަ އެވެ.

މިސްކިތުގެ ބޭރުން ވަދެވޭ ގޮތަށް ހުންނަ ބާޒާރު ގޮޅިތަކާއި، ރެސްޓޯރަންޓަށް، އިސްލާމް ނޫން މީހުންނަށް ވެސް ވަދެވެ އެވެ. މިސްކިތް ޑިޒައިންކުރި އާކިޓެކްޓުން ބުނި ގޮތުން މި ފަދައިން ގިނަ ބަޔަކަށް މިސްކިތާ ގާތަށް އާދެވޭ ގޮތްވުމުން އިސްލާމްދީނަށް ބަޔަކު ލޯބިޖެހިދާނެ އެވެ.

ކޮލޯން ސެންޓްރަލް މިސްކިތް އިމާރާތްކުރަމުން ދިޔައިރު މިސްކިތުގެ މުންނާރު އުސްކަމުން މައްސަލަތަކެއް ދިމާވި އެވެ. އެހެން ދީންތަކުގެ މީހުން މިކަމަށް ނުރުހުނު ނަމަވެސް، މުންނާރު މާބޮޑަށް ތިރިކޮށްފިނަމަ މިސްކިތުގެ ރީތި ޑިޒައިން ގެއްލިދެންދާނެ ކަމަށް އާކިޓެކުޓުން ބުނުމުން ކޮލޯންގެ މޭޔަރު އެކަން ގަބޫލުކުރައްވައި މިސްކިތް މިހާރު ހުރި ގޮތަށް އިމާރާތްކުރަން ހުއްދަދެއްވި އެވެ.