ކު ރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަކީ ކުރިން ވަރަށް އަރިސް ދެ ބޭފުޅުންނެވެ. ގައުމަށް އިސްލާހީ ބަދަލުތައް ގެނައުމަށް ސިޔާސީ ގޮތުން އެކުގައި ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވި ދެ ބޭފުޅުންނެވެ.
މިގުޅުން އިތުރަށް ވަރުގަދަ ވެގެންދިޔައީ 2008 ވަނަ އަހަރު ގިނަ ޕާޓީތައް އެކުލެވޭ ގޮތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު އެމްޑީޕީ އިސްވެ އޮވެ ހެދި ކޯލިޝަންގައި ދެ ބޭފުޅުން އަދާކުރެއްވި ދައުރުގެ ސަބަބުންނެވެ. ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ނަޝީދު އެވެ. ވަހީދު ހުންނެވީ ނަޝީދުގެ ރަނިންމޭޓަކަށެވެ.
ގައުމުގެ އެންމެ އިސް ދެ މަގާމާ ދެ ބޭފުޅުން ހަވާލުވެވަޑައިގެން ގުޅިގެން ގައުމު ހިންގަވަމުން ދަނިކޮށް ރައީސް ނަޝީދާއި ރައީސް ވަހީދުގެ ގުޅުން ގޯސްވީ ވަރަށް ކުއްލި ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކުން ނަޝީދުގެ އިސްތިއުފާއަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ނަޝީދު އިސްތިއުފާ ދެއްވުން ކަމަށް އަމިއްލަފުޅަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވީ އެވެ.
ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މީހުން އަދި ޖުމްލަކޮށް މުޅި އެމްޑީޕީވެސް ގަބޫލުކުރީ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމާއެކު ރައީސް ވަހީދު ވެސް އޭރު އަދާކުރައްވަމުން ގެންދެވި ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ނަމަވެސް ވަހީދު މަގާމުން އިސްތިއުފާ ނުދެއްވުމާ ގުޅިގެން ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރިޔާސީ އެ ދައުރުގެ ބާކީ ދުވަސްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ވަހީދު ހަވާލުވެވަޑައިގެންނެވި އެވެ.
ރައީސް ވަހީދު އިސްތިއުފާ ނުދެއްވުމުން ނަޝީދަކަށް ވެސް އަދި އެމްޑީޕީއަކަށް ވެސް އެގޮތް ކަމަކު ނުދިޔަ އެވެ. ހަޖަމެއް ނުވި އެވެ. އެހިސާބުން ރައީސް ނަޝީދާއި އެމްޑީޕީން ނިންމީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް ވަހީދު "ބަޣާވާތް" ކުރައްވައިގެން ވެރިކަމާ ހަވާލުވެވަޑައިގަތީ ކަމަށެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މީހުން ގެންދެވީ ރައީސް ވަހީދަކީ ވަކި ކަހަލަ ބޭފުޅެއް ކަމަށް ލޭބަލްކޮށް އެމަނިކުފާނުގެ އަބުރާއި އިއްޒަތް ނަގާލަމުންނެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ ސަޕޯޓަރުން އެކި ކަހަލަ ނަންތަކުން އަދި ހުތުރު ބަސްތަކުން ރައީސް ވަހީދަށް މުހާތަބު ކުރަމުންދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތި އެވެ. އެހެންވެ ރައީސް ނަޝީދާއި ރައީސް ވަހީދުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ހާއްސަކޮށް ރައީސް ނަޝީދު ދެކެވަޑައިގަތީ ރައީސް ވަހީދަކީ އެމަނިކުފާނުގެ ޒާތީ ދުޝްމަނެއްގެ ގޮތުގަ އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ދެ ބޭފުޅުން އޭގެފަހުން އެންމެ ފަހަރަކު ނޫނީ އާންމު ޖަލްސާ އަކުން ނުވަތަ ބައްދަލުވުމަކުން އެކުގައި ފެނިފައެއް ނުވެ އެވެ. މިދިޔަ 11 އަހަރުގެ ތެރޭގައި މި ދެ ބޭފުޅުން އެކުގައި ފެނުނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރިޔާސީ ބަހުސްގަ އެވެ. ނަމަވެސް ރައީސް ނަޝީދު، ރައީސް ވަހީދުއާ އެކު ފޮޓޯއެއް ނުނަންގަވަ އެވެ. އެކަމަކު ރާއްޖޭގައި ހުންނަވާ ސައުދި އަރަބިއްޔާގެ ސަފީރު ރޭ ބޭއްވި ރޯދަ ވީއްލުމުގައި ރައީސް ނަޝީދާއި ރައީސް ވަހީދު މިވަނީ އެކުގައި ބައިވެރިވެވަޑައިގެންފަ އެވެ. ހޮޓެލް ޖެންގައި އޮތް ރޯދަ ވީއްލުމުގައި ގޮނޑި ތަރުތީބުކޮށްފައި ހުރި ގޮތުން ރައީސް ނަޝީދާއި ރައީސް ވަހީދު ތިއްބަވަން ޖެހިވަޑައިގަތީ ޖެހިގެންނެވެ. އެވަގުތު ދެ ބޭފުޅުން ކޮންމެވެސް ވަރަކަށް ވާހަކަދައްކަވާ ހިނިފުޅުވަޑުވާ ހެެއްދެވި އެވެ.
ދެ ބޭފުޅުންގެ މި ހާއްސަ ވަގުތުކޮޅުގެ ފޮޓޯ ނަގައި އާންމުކުރީ ނަޝީދު އިސްވެ ހުންނެވި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިންނެވެ. މިފޮޓޯ އާންމުކުރުމާ އެކު އެންމެންގެ ސަމާލުކަން ފޮޓޯއަށް ލިބިގެން ދިޔަ އެވެ. އެއާ އެކު ދެން ފެށުނީ ފޮޓޯއާ މެދު އާންމު ބަހުސެކެވެ.
ބައެއް މީހުން މި ފޮޓޯ ސިފަކުރީ ނަޝީދު ޖެއްސެވި ސިޔާސީ އުކުޅެއްގެ ގޮތުގަ އެވެ. ބައެއް މީހުންނަށް މި ފޮޓޯއިން ފެނުނީ ރައީސް ނަޝީދުގެ ހިތްޕުޅުގައި ރައީސް ވަހީދާ މެދު އޮތް ޒާތީ ދުޝްމަންކަން އެއްފަރާތް ކުރައްވާ މައާފުކުރެއްވި ކަމުގެ ރީތި ނަމޫނާ އެވެ. ރައީސް ވަހީދަށް ސަޕޯޓް ކުރާ ބޭފުޅުން ގަބޫލުކުރި ގޮތުގައި ރައީސް ވަހީދަކީ ސިޔާސީ ގޮތުން ފުރިހަމަ ނަމޫނާ އެކެވެ. ސަބަބަކީ ރައީސް ނަޝީދާއި އެމްޑީޕީން އެމަނިކުފާނަށް އަމާޒުކޮށް ކިޔާފައިވާ ހުތުރު ބަސްތަކަށްފަހު ވެސް ކެތްތެރިކަމާއި މަޑުމައިތިރިކަމާ އެކު އެކަންކަން ހަޖަމުކުރައްވައިގެން ރައީސް ނަޝީދާ ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުމެވެ. ރީތި އަހްލާގު ރައީސް ވަހީދުގެ ފަރާތްޕުޅުން ފެނުމެވެ.
ފޮޓޯއަށް މެސެޖު ކުރި ބައެއް މީހުން ބުނި ގޮތުގައި ސިޔާސީ ގޮތުން ކަމެއް ހާސިލްކުރުމަށްޓަކައި ރައީސް ނަޝީދު ކޮންމެ ފަދަ ކަމެއްވެސް ކުރައްވަފާނެ އެވެ. އަދި އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު ކުރިއަށް ގެންދަވާ "ފިކުރެއްގެ ދިރުން" ހަރަކާތަށް ތާއީދުކުރައްވާ މީހުން ދެން ރައީސް ވަހީދަށް ހަޑިހުތުރު ބަސްތަކުން އަދި އެކި ކަހަލަ ހުތުރު ނަންތަކުން މުހާތަބު ނުކުރާނެ ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ރައީސް ނަޝީދާއި ރައީސް ވަހީދު 11 އަހަރު ފަހުން އެކުގައި ނެންގެވި ފޮޓޯގެ ބަހުސްގެ އޮއިވަރު ކޮންމެ ގޮތަކަށް އޮތް ނަމަވެސް މި ފޮޓޯއަކީ ގައުމުގެ ހަމަޖެހުމަށް މުހިއްމު ފޮޓޯ އެކެވެ. ސިޔާސީ ބޭފުޅުން ޒާތީ ހަސަދާއި ރުޅިވެރިކަން އެއް ފަރާތްކޮށް ނަމޫނާ ދައްކަވަންޖެހޭ ގޮތުގެ ރީތި މަންޒަރެއްވެސް މި ފޮޓޯއިން ކުރަހައިދީފި އެވެ.