ރިޕޯޓް

ބޭނުންވާ ފޮޓޯ މިފަހަރު ނެގީ އަބޫދާބީން!

ދިވެހިންނަށާއި ބޭރަށް ފޮޓޯ ދައްކަވަން ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިގައި ދެވަނައެއް ނެތް ހުނަރެއް ވެއެވެ. އެކަމުގައި ނަޝީދަކީ ވަރަށް މޮޅު ބޭފުޅެކެވެ. އެންމެ މަތީ ދަރަޖައިގެ ފުޓްބޯޅަ ކުޅުންތެރިއަކު ރެފްރީއަށް އޮޅުވާލައިގެން ޕެނަލްޓީ ހޯދަން ޑައިވް ކުރާ ފަދައިން އެކި ފަހަރު މަތިން ނަޝީދު އެ އުކުޅު ހައްދަވާފައިވެ އެވެ. މޮޅަށް "ޑައިވް" ކުރައްވާފައި ވެއެވެ. އެ ހުނަރު އެންމެ މޮޅަށް ފެނިގެންގޮސްފައި ވަނީ ކްރިމިނަލް ކޯޓުގެ ބޭރުން، 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ވައްދަން އުޅުމުގެ ތެރޭގައި އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގެންނެވި ފޮޓޯއަށް ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އޭގެ ހޫނުކަން އަދިވެސް ފިލައިގެން ނުދެ އެވެ. ހުދުމުހުތާރުކަމާއި އަނިޔާވެރިކަމުގެ ރަމްޒަކަށް އެ ދުވަހު ލިބުނު ފޮޓޯގަނޑު ވަނީ ރަނގަޅަށް ވެސް ވެފަ އެވެ.

ގިނަ ބަޔެއްގެ ހަނދާނުގައިނެތް ނަމަވެސް، އެއީ ނަޝީދު ބޭނުންފުޅުވި ފޮޓޯ ނެންގެވި ފުރަތަމަ ފަހަރެއް ނޫނެވެ. އެ ފޮޓޯ މީގެ ކުރިން 2005 ގަ އާއި 2006 އާއި 2012 ގައި ވެސް ނަޝީދު ވަނީ ޑްރާމާ ކުރައްވާފަ އެވެ.

މިފަހަރުގެ ފޮޓޯ ތަފާތު

މީގެ ކުރީ ފަހަރުތަކާ ހިލާފަށް ސިޔާސީ އޮއިވަރު މިހާރު ވަނީ އެނބުރިފަ އެވެ. ނަޝީދު މިހާރު ހުންނެވީ އިދިކޮޅަކު ނޫނެވެ. އެހެންވީމާ، ނަންގަވަން ބޭނުންފުޅުވާ ފޮޓޯ ވެސް ތަފާތުވާންޖެހެ އެވެ. މިހާރު މޫނުމަތިން ވޭނާއި ކެކުޅުން ސިފަ ވެގެން އެއް ގޮތަކަށްވެސް ކަމަކު ނުދާނެތީ އެވެ. އެހެން ނޫނަސް، މިފަހަރު ދައްކަވަން ބޭނުންފުޅުވީ ވެސް ހިނިތުންވުމާއި އުފާވެރިކަމާއި ނުގުޑާފަދަ ބަދަލެއް ނުވާ އެކުވެރިކަމެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޔޫއޭއީއަށް ފެއްޓެވި ދަތުރުފުޅުގައި، އެ ގައުމުން ފޮނުވި ހާއްސަ ޖެޓުގައި އިންނަވައި، އެމަނިކުފާނުގެ އަހު އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ފޮޓޯއެއް ނަންގަވައި ޓްވީޓް ކުރެއްވި އެވެ. ސޯޝަލް މީޑިއާއަށް އެ ފޮޓޯ ދޫކޮށްލެއްވުމާއެކު، މަގުސަދު ވަރަށް ސާފުވި އެވެ. މިފަހަރު އެ ފޮޓޯ ހެއްދެވީ ދެ ރައީސުންގެ މެދުގައި އޮތް ބަދަހި ގުޅުމުގެ ރަމްޒަކަށެވެ.

އެއީ ރައީސް ނަޝީދު ބޭނުންފުޅުވި ހަމައެކަނި ފޮޓޯގަނޑުނަމަ، އިއްތިފާގެއް ކަމަށް ބުނުމުގެ ޖާގަ ލިބުނީހެވެ. ނަމަވެސް، ދެ ދުވަހުގެ ދަތުރުގައި، އެ ފޮޓޯ ވެގެން ގޮސްފައިވަނީ ފެށުމަކަށެވެ.

ފަހަކަށް އައިސް ކުޑައިރުއްސުރެ އެކުގައި އުޅުއްވި ދެ ބޭފުޅުންގެ މެދުގައި ކުނި ޖެހި، ހިޔާލު ތަފާތުވެ، މޫނު ކެނޑޭ ހިސާބަށް ކަންކަން ގޯސްވެފައިވާ ކަމުގެ ތުހުމަތުތަކަށް ފެން އޮއްސާލީ ދެ ބޭފުޅުން އެކުގައި އެތައް މިތަނުގައި ނެންގެވި ފޮޓޯތަކުގެ ދަތުރު ނަމާއިންނެވެ.

ރަސްމީ ދަތުރުފުޅެއް ނަމަވެސް، ރަސްމީ ބައްދަލުވުންތަކުގެ ބަދަލުގައި، ފެންނަމުން ނޫނީ ދައްކަމުން ދިޔައީ މުޅީން އެހެން މަންޒަރުތަކެވެ. އަބޫދާބީގެ ގޮނޑު ދޮށުގެ ހިތްގައިމު މާހައުލުގައި "ސޯޓު ކޮޅު" ގައި ވެސް ދެ ބޭފުޅުން އެކުގަ އެވެ. ކުޅިވަރެއް ކުޅުއްވިޔަސް އޭގެ ފޮޓޯތައް ވެސް ލަހެއް ފަހެއް ނެތި ސޯޝަލް މީޑިއާއަށް ދޫކުރައްވަމުން ގެންދެވި އެވެ.

ރައީސް ޔާމީންގެ ހިތަށް އިތުރު ހަންޖަރެއް

ދެ ރައީސުން އެކުގައި ނެންގެވި ފޮޓޯތައް ދައުރުވާން ފެށުމާއެކު، ފަހަތުން އެމްޑީޕީ ސަޕޯޓަރުންގެ ތައުރީފު ވެސް ދިޔައީ އޮހެމުންނެވެ. ފަހުރުވެރިކަމާއެކު އެމީހުން ބުނަމުން ދިޔައީ، "އޭރުވެސް ބުނީމެއް ނޫންހޭ" އެވެ. "ތަފާތު" ދެ ރައީސުންގެ އެކުވެރި ގުޅުމުގައި ރެނދެއް، ކޫރުމެއްހާ މިންވަރު ވެސް ނެތް ކަން އެ ފޮޓޯތަކުން ސާފުވެ އެވެ.

ޔޫއޭއީގެ ޝާހީ އާއިލާގެ ހަތް ތަރީގެ މެހެމާންދާރީގެ ފޮނި،ކަން ދެ ރައީސުންނަށް ލިބި ވަޑައިގަންނަވަމުން ދިޔައިރު، ސިޔާސީ މައިދާނުގެ އިދިކޮޅު އޮތީ މާޔޫސްވެ، ހިތްދަތިކަމެއްގެ ތެރޭގަ އެވެ. އަބޫދާބީ ދަތުރުފުޅުގެ ދެ ދުވަސް ކުރިން، އެމީހުންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މުޅީން ތަފާތު ދަތުރެއް ފައްޓަވާފަ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި މުގުރު ޖެހި އަޑު ރައީސް ޔާމީންގެ ކަންފަތުން ރަނގަޅަށް ނުފިލައިގެން އުޅެނިކޮށް، އެމަނިކުފާނު އިތުރަށް ހިތްދަތިވާނޭ ފޮޓޯއެއް އަބޫދާބީގެ ބިމުން ނުކުތެވެ.

މިފަހަރު ކޯޓު ފަޓުލޫނުގައި ފޮޓޯއަށް ހުއްޓިވަޑައިގަތީ ދެ ރައީސުން އެކަންޏެއް ނޫނެވެ. މެދުގައި، ރައީސް ޔާމީނާ ވަރަށް ހާއްސަ ގުޅުމެއް އޮންނަކަމަށް އަޑު އިވޭ، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މެދުގައި ބަހައްޓަވައިގެންނެވެ.

މުހައްމަދު ބިން ސަލްމާންއާ ގުޅުވައި، ރައީސް ޔާމީންގެ ސަރުކާރުގައި ބޮޑު އަތޮޅެއް ވިއްކާލަން އުޅުނު ކަމުގެ ތުހުމަތުތަކެއް އޭރު ކުރެވުނެވެ. ސައުދީ އާއި ރައީސް ޔާމީނާއެކު އޮތް ގުޅުން އެހާވެސް ގާތް ކަމުންނެވެ. ނަމަވެސް، އެ ފޮޓޯގައި ތިއްބެވި ތިން ބޭފުޅުންގެ ހިނިތުންވުމާއެކު، އަދި އޮތް ގޮތުން، އަންނަ ރިޔާސީ އިންތިހާބުގައި ވާދަވެސް ނުކުރެއްވޭނެ ރައީސް ޔާމީނަށް އިތުރު ހިތްދަތި ކަމެއް ލިބިގެން ދިޔުން ވަރަށް ގާތެވެ. އެހެންވީމާ، އެއީވެސް "ބޭނުންވި" އިތުރު ފޮޓޯއެއް ކަމަށް ވެދާނެ އެވެ.

"މަޅީ"ގައި އިދިކޮޅު ވެސް ޖެހިއްޖެ

ދެ ރައީސުން އެކުގައި ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުފުޅުގެ ފުރިހަމަ މަންފާކޮށްފި ކަމުގެ އިތުރު ދަލީލަކީ އެ ފޮޓޯތައް އިދިކޮޅަށް ހަޖަމުކުރަން އުނދަގޫވެފައި ވުމެވެ.

ހޮނިހިރު ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ޔޫއޭއީގެ ބީޗު ސަރަހައްދުގައި ތިއްބަވައިގެން ދެ ބޭފުޅުން ނެންގެވި ފޮޓޯއިން "ގައުމުގެ ހާލަތު އޮތް ގޮތް ސާފުވާނެ" އެވެ.

"ވައިބާ ގްރޫޕްތަކާއި ފޭސްބުކްގައި މިހާރު ދައުރު ވާނެ ރައީސް އާއި ނަޝީދާ ދެ ބޭފުޅުން ސޯޓު ތުރުކުރައްވައިގެން ބޭރު ގައުމެއްގައި ފިލްމު ކުޅުއްވަން އުޅުއްވާ ފޮޓޯއެއް. އެއީ މި ގައުމުގެ ވެރިންގެ ހާލަތު ހުރި ގޮތް،" ބްދުއްރަހީމް ވިދާޅުވި އެވެ.

އެ ފޮޓޯތަކުގެ ދަޅައިގައި ގައި އިދިކޮޅުން ރަނގަޅަށް ޖެހުނުކަން ހާމަވީ، މިހާރު އިދިކޮޅުގެ އަޑު އެންމެ ގަދައަށް އިއްވަވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ވާހަކަފުޅަކުންނެވެ.

ޖަމީލް ވިދާޅުވި ގޮތުގައި، ދެ ރައީސުންނާ ގުޅުވައިގެން ބައެއް ސިޔާސީ ލީޑަރުން ޖައްސަވާ "ހިސާބު" ގޯހެވެ. "ހިޔާލު ތަފާތު ވިޔަސް މި ދެ ބޭފުޅުން ކަންކަން ނިންމަވަނީ އެކުގައި،" އެއީ ދެ ރައީސުންގެ އެކުގައި ނެންގެވި ފުރަތަމަ ފޮޓޯ ޖަމީލަށް ސިފަކުރެވުނު ގޮތެވެ.

ރައީސް އޮފީހުން ރެކޯޑުތަކުން ދައްކާނީ ދެ ރައީސުން ޔޫއޭއީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ކަމެވެ. އެހެނަސް އެ ދަތުރުފުޅުގައި "ރަސްމީ" އެއްވެސް ސިފައެއް ނުފެނެ އެވެ. އަބޫދާބީގެ ވަލީ އަހުދު، ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަހްޔާނާ ރައީސް ސޯލިހު ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް، އެފަދަ އެހެން ބައްދަލުވުންތަކާ ހިލާފަށް، އެ ބައްދަލުވުމުގެ "ރަސްމީ" ފޮޓޯއެއް ނުނެގުނު ނަމަވެސް، އެއަށްވުރެ މާ މުހިއްމު އެހެން ފޮޓޯތަކެއް ފެނިގެން ހިނގައްޖެ އެވެ.

ޕާޓީ ތެރޭގައި އޮތް ނުތަނަވަސްކަމަކަށް ފިނިކަމެއް ގެނެސްދެމުންނެވެ. ހަރުއަޑުން ކުރައްމުން އައި ތުހުމަތުތަކަށް ފެން އަޅައިލަމުންނެވެ. ނަޝީދު މީގެ ކުރިން ވިދާޅުވި ބަސްފުޅުންނަމަ، "ބޭނުންވާ ފޮޓޯ" ނޫނީ ފޮޓޯ ތަކަކުންނެވެ. މި ވަގުތަށް ނަމަވެސް، "މިޝަން އެކޮމްޕްލިޝްޑް" އެވެ.