މުހައްމަދު ވަހީދު އިބްރާހިމް

ގައުމަށް ކޮށްދެވުނު ކަމެއް ނެތް، މުހާތަބުކުރަނީ ހުތުރު ވަނަންތަކުން: ޑރ. ވަހީދު

ގައުމުގެ ހައްގުގައި ކޮށްދެވުނު ކަމެއް މިއަދު ނެތް ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ދެ ޕާޓީން މުހާތަބުކުރަނީ ހުތުރު ވަނަންތަކުން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ނ. މަނަދޫގައި ބޭއްވި ގާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ޕީއެޗްޑީ ޙާސިލުކުރައްވައިގެން ރާއްޖެ ވަޑައިގެން ސިޔާސީ މައިދާނުގައި މިހާތަނަށް ހުރިހާ މަސައްކަތެއް ކުރެއްވީ ހެޔޮނިޔަތުގައި ކަމަށެވެ.

"ދިވެހިރާއްޖޭގައި އޮތް ބޮޑު ދެ ސިޔާސީ ޕާޓީގެ ފަރާތުން. އެއް ޕާޓީން އަޅުގަނޑަށް ކަޅު ކާޅު. އަނެއް ޕާޓީން ބާޒު، މިކަހަލަ ނަންނަން ކިޔަމުން އެ ގެންދަނީ،" ޑރ. ވަހީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވުމުން ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ ގާނޫނު އަސާސީގައި އެކަން އެގޮތަށް އޮންނާތީ ކަމަށް އެމްޑީޕީ އުފެއްދި ދުވަސްވަރު ޕާޓީގައި އިސްކޮޅު މަސައްކަތްކުރެއްވި ޑރ. ވަހީދު ވިދާޅުވި އެވެ.

ނަމަވެސް "ބޮޑު ބާގީއަކަށް ހަދައި، މުޅި ރާއްޖޭގައި ގަން ހިންގި،" ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމުން މިމަހު ވަކިވެވަޑައިގެންނެވި ޑރ. ވަހީދު ވިދާޅުވީ ސިނަމާލެ ބްރިޖު މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާއާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތަކަކީ ޑރ. ވަހީދު ވިދާޅުވި ގޮތުގައި އެމަނިކުފާނާއި ހަމައިން ފެށިގެން އައި މަޝްރޫއުތަކެކެވެ.

ތަފާތު ވަނަންތަކުން ގޮވި ނަމަވެސް ސިޔާސީ މައިދާނަށް ނިކުންނަވާ ގާސިމް އިބްރާހީމަށް ތާއީދުކުރައްވަން ނިންމެވީ އިތުރު ގޮތެއް ނެތިގެން ނޫން ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުން އެމްޑީޕީން އޭރު ޑރ. ވަހީދަށް މުހާތަބުކޮށް "ބާގީ އާއި ކާޅު" ގެ ނަމުން މުހާތަބުކުރިއިރު އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަަވަން ޑރ. ވަހީދު މަސައްކަތް ކުރެއްވުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަހީ ޑރ. ވަހީދަކީ ރިޔާސީ ޓިކެޓް ހޯދަން އައި "ބާޒެއް" ކަމަށް ވިދާޅުވެފަ އެވެ.