ދުނިޔެ

އިސްލާމީ ގައުމުތައް - މަޔޮޓް

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އެފްރިކާގެ ވަރަށް ފަގީރު ޖަޒީރާ އަދި ފަރަންސޭސި ވިލާތުގެ ބާރު ހިނގާ މަޔޮޓް އެވެ. މިއީ މުސްލިމުން ގިނަ އަދި ފަރަންސޭސި ވިލާތާ ވަކިން ދުރުގައި އޮންނަ ތަނެކެވެ.

މަޔޮޓް

މަޔޮޓްއަކީ ކޮމޮރޮސް އާކިޕެލާގޯގައި އޮންނަ ބޮޑު ހަތަރު ރަށުން އެއް ރަށެވެ. 1975 ގައި ފަރަންސޭސި ވިލާތުގެ ދަށުން ކޮމޮރޮސް މިނިވަންވީއިރު، މަޔޮޓްގެ ރައްޔިތުން ވޯޓް ދިނީ ފަރަންސޭސި ވިލާތުގެ އޯވަސީސް ޓެރިޓަރީއެއްގެ ގޮތުގައި އޮތުމަށެވެ. އެއީ ފަރަންސޭސި ވިލާތުން މާލީ އެހީ ލިބި، ތަރައްގީވާނެ ކަމުގެ އުއްމީދުގަ އެވެ. 2011 ގައި މި ޓެރިޓަރީއަށް ވަނީ ފަރަންސޭސި ވިލާތުގެ ޑިޕާޓްމެންޓެއްގެ ހައިސިއްޔަތު ލިބި، މަޔޮޓްގެ ރައްޔިތުންނަކީ ފްރެންޗް ރައްޔިތުންނަށް ވެފަ އެވެ. ނަމވެސް އަދިވެސް ކޮމޮރޮސް އިން އަންނަނީ މަޔޮޓްއަކީ އެ ގައުމުގެ ބައެއް ކަމުގައި ދައުވާކުރަމުންނެވެ.

މަޔޮޓް އޮންނަނީ އެފްރިކާ ބައްރުގެ އިރު ދެކުނަށް މޮޒަމްބީކް ޗެނަލްގެ އުތުރަށް އިންޑިއަން އޯޝަންގައި، މަޑަގަސްކަރާ އާއި މޮޒަމްބީކް އަދި ކޮމޮރޮސްގެ މެދުގަ އެވެ. މިއީ ދެ ރަށް ކަމުގައިވާ ގްރޭންޑް-ޓެރޭ އާއި ޕެޓީ-ޓެރޭ އަދި ކުދިކުދި ރަށްތަކަކަށް ބިނާވެފައިވާ ތަނެކެވެ.

މަޔޮޓް އަކީ ގުދުރަތީ ރީތިކަން އޮތް ނަމަވެސް ވަސީލަތްތައް މަދު، ފަގީރު ތަނެކެވެ. މި ތަނުގެ އިގްތިސޯދުގެ މައިގަނޑު ބިނާވެފައި އޮންނަނީ ދަނޑުވެރިކަމާއި މަސްވެރިކަމާއި ބަކަރި ފަދަ ޖަނަވާރު ހުއިހެއްޕުމަށެވެ.

ވެނީލާ، ކޮފީ ބީން، ކުރުނބާ/ކާށި އަދި މަސް ފަދަ ތަކެއްޗަކީ މި ތަނުގެ މައިގަނޑު އެކްސްޕޯޓެވެ. މިއީ ކޮމޯޑިޓީ މާކެޓްގެ އަޑިއުސްތަކަށް ފައިދާ އަދި ގެއްލުންވާ އެކްސްޕޯޓެކެވެ. ދުނިޔޭގެ ސެންޓު އިންޑަސްޓްރީން ސެންޓު ހެދުމަށް ބޭނުންކުރާ އިލެންގ-އިލެންގ ވެސް ކޮމޮރޮސް ފަދައިން މިތަނުން އެކްސްޕޯޓް ކުރެ އެވެ.

މަޔޮޓް އިން އިހި އަދި ޑިނގާ އެކްސްޕޯޓްކުރުން އިތުރުކުރަން މަސައްކަތް ކުރެ އެވެ. އަވަށްޓެރި ގައުމުތަކުން، ހާއްސަކޮށް ކޮމޮރޮސް އިން ހިޖުރަކުރާ މީހުންގެ އަދަދު ގިނަވެ، އާބާދީގެ ބޮޑު ޕަސެންޓަކީ 17 އަހަރުން ދަށުގެ ކުދިންނެވެ. އަދި މި ތަނުގެ އާބާދީގެ ގާތްގަނޑަކަށް 50 ޕަސަންޓަކީ ބިދޭސީންނެވެ. މިއީވެސް މި ތަނުގެ އިގްތިސޯދަށް ވަރަށް ބުރަވާ މައްސަލަ އެކެވެ. މައްސަލަތައް ހައްލުކުރަން ފަރަންސޭސި ވިލާތުން ހަރުދަނާ ފިޔަވަޅުތައް ނާޅާތީ އަދި އަޅާލަންވާވަރަށް އަޅާނުލާތީ، ގިނަ ރައްޔިތުން ދިރިއުޅެނީ ވަރަށް ފަގީރު ހާލަތުގަ އެވެ. ކާބޯތަކެއްޗާއި ސާފު ފެނުގެ ދަތިކަމުގެ އިތުރުން ގިނަ އަދަދެއްގެ މީހުން ދިރިއުޅެނީ ޖިފުޓިއާއި ޓިނު ކޮޓަރިތަކެއްގަ އެވެ. އަދި ވަޒީފާ ނެތް މީހުންް ގިނަ އެވެ. މިތަނުގެ ގިނަ މީހުންގެ ތައުލީމީ ފެންވަރު ދަށްވެ، ސްކޫލްތަކުގެ ހާލަތު ދެރަ އެވެ.

މަޔޮޓްގެ ތިން ލައްކައިގެ އާބާދީ (ގަވައިދާ ހިލާފަށް އުޅޭ މީހުން ލައިގެން މި އަދަދު ގިނަވުން އެކަށީގެންވޭ) 97 ޕަސަންޓަކީ ސުންނީ މުސްލިމުންނެވެ. މިތަނުގައި ދިރިއުޅޭ މަދު އަދަދެއްގެ މަޑަގަސްކަރަގެ ރައްޔިތުންނާއި ފްރާންސްގެ ރައްޔިތުންނަކީ ކްރިސްޓިއަން ގޮފިތަކަށް ތަބާވާ މީހުންނެވެ.

މަޔޮޓްގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އެހެން ނަމަވެސް ޝިމައޯރީ، މަލަގާސީ ބަހުން އުފެދިފައިވާ ކިބޫޝީ އާއި ކިއަންތަލައޮޓްސީ، އަރަބި އަދި ކުދި ހިސާބުގަނޑަށް ހާއްސަ ބަސްބަހުން މި ގައުމުގެ މީހުން ވާހަކަ ދައްކާ އުޅެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

މަޔޮޓްގެ ވެރިރަށް މަމޫޑްޒޫ އަކީ ގްރޭންޑް-ޓެރޭ ރަށުގައި އެންމެ ގިނަ މީހުން ދިރިއުޅޭ ތަނެވެ. މި ރަށު ތެރޭގައި ބަލާލަން ރަނގަޅު ތަންތަނުގެ ތެރޭގައި ޖެނެރަލް ކައުންސިލްގެ ހެޑް ކުއަޓާސް، ސިންގޮނީ މިސްކިތް، ސަޕޭރޭގެ މިސްކިތާއި އެހެން މިސްކިތްތައް، ނެޝަނަލް މިއުޒިއަމް، ޖާޑިން ޑި ލަ ޕައި ގާޑަން، މާޝޭ ދެ މާމޫޑްޒޫ، ހާބަރު ސަރަހައްދު، ޕޮއިންޓް މަހާބޫ، އެމްބޫޒީ އައިލެޓް ނެޝަނަލް ރިޒާވް އަދި ނެޝަނަލް ޕާކްތަކުގައިވާ ހާއްސަ ދޫނިތަކާއި ޖަނަވާރުތައް ހިމެނެ އެވެ.

މި ޑިޕާޓްމަންޓްގެ ޗިރޮންގީ ފަރުބަދަ އަދި ބީޗް، އެންގޫޖާ ބީޗް، މޯޔާ ބީޗް، ޒައުޑްޒީ، ޕަމަންޑްޒީ، ޒިއަނީ ޒަހާ ފަދަރީތި ގޮނޑުދޮށްތަކާއި ކުދި ރަށްތަކާއި ސޭންޑްބޭންކްތައް ވަރަށް ހިތްގައިމެވެ. ރީތި ފަރުތަކާއި ކަނޑުގައި އުޅޭ މަސްމަހާއި އެއްޗެހި ބަލާލުމަށް ޑައިވިން، ސްނޯކްލިން ކުރުމުގެ އިތުރުން ކޯމަހާއި ބޮޑުމަސް ބަލާލުމަށް ބީޗް ކްރޫޒްތައް ވެސް ބައިވަރު އޮވެ އެވެ.

ސަގާފަތް

މަޔޮޓްގެ ސަގާފަތަކީ މަލަގާސީ ފަދަ އެފްރިކާ، އަރަބި އަދި ފަރަންސޭސި ސަގާފަތް އެއްވެފައިވާ ސަގާފަތެކެވެ. މި ތަނުގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނަވެފައި، ކުޑަކުދިން ގިނަ އެވެ. މިއީ މައިގަނޑު ގޮތެއްގައި އިސްލާމީ ތަނަކަށްވީ ނަމަވެސް، އިސްލާމީ ކަންތައްތަކާއި ޖަނަވާރަށް އަޅުކަންކޮށް އުޅުނު މަލަގާސީ ކާބަފައިންގެ ބައެއް އާދަކާދަ ކޮންމެވެސް ވަރަކަށް އެއްވެފައިވެ އެވެ.

އަންހެނުންގެ ހެދުމަކީ ކޮމޮރޮސްގެ ބައެއް ހިސާބުތަކުގެ އަންހެނުން ގޮތަށް ކުލަގަދަ ފޮތިގަނޑެއް ޒާތަކަށް އޮޅާލައިގެން ލުމެވެ. މޫނުގައި ކެލާ އާއި މުރަކައިން ހަދާފައިވާ ޕޭސްޓެއް ހާކާ އުޅެ އެވެ. މޮޔޮޓްގެ ފިރިހެންނުންނާއި އަންހެނުން ގިނަ ކައިވެނި ކުރެ އެވެ. އަދި ފިރިހެނުން އެކަކަށްވުރެ ގިނަ އަނބިން ގެންގުޅެ އެވެ.

މި މީހުން މިއުޒިކަށް ވަރަށް ޝައުގުވެރިވެ އެވެ. ސަގާފީ ނެށުމާއި މިއުޒިކްގެ ތެރޭގައި ޑެބާ، އެމްބިވީ، ބިޔާޔާ، ދާހިރާ ހިމެނެ އެވެ. އަދި ސޫފީން ގޮތަށް ލަވަ ކިޔަމުން ނަށަމުން ދުއާ ކުރެ އެވެ.

ކެއުންބުއިން

ސަގާފަތެކޭ އެއްފަދައިން މަޔޮޓްގެ ކެއުން ވެސް ވަނީ އަރަބި، އެފްރިކާ އަދި ފަރަންސޭސި ވިލާތުގެ ކެއުންތަކާ އެކުވެފަ އެވެ. ކަނޑު އަދި ފަރު މަސް، އިހި އަދި ކަކުނީގެ ސޫޕް އާއި ސްޓޫ، ގެރި މަހާއި، ކުކުޅު މަސް، ބަތް، އަލަ، ފެހި ޅަ ދޮންކެޔޮ، އަނބު، ފޭރު ފަދަ ކާނާ ކެއްކުން ހިމެނެ އެވެ. މިގޮތުން މަޓްސިދަ ރައިސް، ކަކަމޫކޫ ފިޝްކަރީ، ފިޝް މަޓާބާ ވިތް މެނިއޮކް އެންޑް ކޮކޮނަޓް މިލްކް، ކެބާބް އަދި މަބާވާސް، ޕުލޭ އޯ ކޯކޯ، ޓޮމާޓޯ ރުގޭ، ކަންގޭ ސްޓޫ، ޕޫޓޫ ޗިލީސް، ބަޓަބަޓަ، ޗަރީ، ޗަހޫލާ ޔާ ނަޑްޒީ އަދި ރޮމަޒާވާ ހިމެނެ އެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް މަޔޮޓްއަށް ޒިޔާރަތްކުރުމަށް ވިސާ ނަގަންޖެހެ އެވެ. އެހެންނަމަވެސް މަޔޮޓްއަށް ގިނަ އަދަދެއްގެ ބިދޭސީން، ހާއްސަކޮށް ކޮމޮރޮސް މީހުން ގަވާއިދާ ހިލާފަށް އެތެރެވަމުންދާތީ، މިއީ މި ގައުމުގެ ސުލްހައާއި ރައްކާތެރިކަމަށް ހުރި ބޮޑު ނުރައްކަލެކެވެ. މި ތަނަށް ނުކަތާވަރަށް މީހުން ގިނަވުމުގެ ސަބަބުން އެތައް މައްސަލަތަކެއް ކުރިމަތިވެފައިވެ އެވެ. މީގެތެރޭގައި ގޭންގްތަކުގެ އަނިޔާވެރިކަމާއި ހަމަނުޖެހުންތައް ހިމެނެ އެވެ.