ދުނިޔެ

އިސްލާމީ ގައުމުތައް – ސޫދާން

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އެފްރިކާ ބައްރުގައި އެންމެ ބޮޑަށް ދާހިލީ ހަމަނުޖެހުންތައް ހިނގާފައިވާ އެއް ގައުމު ކަމުގަައިވާ ސޫދާންގެ މައުލޫމާތެވެ.

ސޫދާން

އެފްރިކާ ބައްރުގައި މިސްރާ ޖެހިގެންވާ ރަތްކަނޑާ ގުޅިފައިވާ ގައުމުތަކުގެ މެދުގައިހެން ސޫދާންގެ ތާރިހް ވަނީ ވަރަށް ބޮޑަށް މިސްތާ ގުޅިފަ އެވެ. އަދި މިސުރުގެ ދަށުގައި ސޫދާން ވަނިކޮށް އިނގިރޭސީން ވަނީ ދެ ގައުމު އިސްތިއުމާރުކޮށްފަ އެވެ. އެތައް ހާދިސާތަކަކަށްފަހު 1956 ވަނަ އަހަރު މިނިވަން ދައުލަތެއްގެ ގޮތުގައި ސޫދާން އުފަންވި އެވެ. މިއީ އޭރު އެފްރިކާގައި އަދި އަރަބި ދުނިޔޭގައި އެންމެ ބޮޑު ގައުމެވެ. އެހެނަސް ދާހިލީ ހަމަނުޖެހުންތަކަށްފަހު ސޫދާންގެ ކިބައިން ދެކުނުގެ ބައެއް ވަކިވެ، މިނިވަން ދައުލަތެއްގެ ގޮތުގައި ސައުތު ސޫދާން އުފަންވި އެވެ. އަސްކަރީ އެތައް ބަގާވާތަކާއި އެތައް ލޭއޮހޮރުވުންތަކަށްފަހު މިވަގުތުވެސް ސޫދާންގައި ފުރިހަމަ ސަރުކާރެއް އެކުލަވާލެވިފައެއް ނުވެ އެވެ.

ސޫދާންގެ ވެރިރަށް ކާރްތޫމްގެ ތެރެއިން ހުދު ނީލަ ކޯރު އަދި ނޫ ނީލަ ކޯރު ގުޅި، ބޮޑު ނީލަ ކޯރު ނުވަތަ ނައިލް ރިވާއަށް ބަދަލުވެ އެވެ. އެހެންކަމުން މި ކޯރާއި އޭގެ ބައިތައް ދަތުރުކުރާ ސަރަހައްދަކީ ދަނޑުވެރިކަން ފުޅާކޮށް ކުރާ ސަރަހައްދެކެވެ. އެގޮތުން ކޮޓަން، ބަދަން، ސެސަމީ، ގަމް އަރަބިކް، ސޯގަމް، ގޮވާން ފަދަ ތަކެތި މި ސަރަހައްދުގައި ހައްދަ އެވެ. އަދި ބަކަރި އާއި ކަންބަޅި ފަދަ ޖަނަވާރު ހުއިހެއްޕުމާއި މަސް ބޭނުމާއި ލަކުޑި ކެނޑުން ހިމެނެ އެވެ. ސޫދާނަށް ލިބޭ އާމްދަނީގެ 95 ޕަސަންޓަކީ ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ އެވެ. ނަމަވެސް ސައުތު ސޫދާން ވަކިވުމުން، ސޫދާންއިން އެކްސްޕޯޓްކުރަމުން ދިޔަ ތެލުގެ ބޮޑުބައި ވަނީ ގެއްލިފަ އެވެ. މިކަމުގެ ސަބަބުން ތެލުގެ އަގާއި ކާބޯތަކެތި އަދި އެހެނިހެން ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެފައިވެ އެވެ.

ސޫދާން އަށް ސައުތު ސޫދާން އަދި ހަމަނުޖެހުންތައް ހިނގަމުންދާ ޗާޑް، އެރިޓްރިއާ، އިތިއޯޕިއާ، ޔަމަން ފަދަ ގައުމުތަކުން ގިނަ އަދަދެއްގެ ރެފިއުޖީންނާއި އެސައިލަމް ހޯދުމަށް މީހުން ހިޖުރަކޮށްފައިވާއިރު، ބައެއް ރެފިއުޖީން ލީބިޔާ މަގުން ޔޫރަޕަށް ދިއުމަށް ޓްރާންސިޓް ތަނެއްގެ ގޮތުގައި ސޫދާން ބޭނުންކުރެ އެވެ. ކޮވިޑް-19ގެ އާލަމީ ވަބާއިންނާއި ކޯރުތައް ބަންޑުންވެގެން ފެން ބޮޑުވުމުންވެސް އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެ އެވެ. މި ގައުމުގެ 35 ޕަސަންޓް ވަރަކަށް މީހުން ދިރިއުޅެނީ ފަގީރު ހާލުގަ އެވެ.

މި ގައުމުގެ 46.8 މިލިއަން މީހުންގެ އާބާދީގެ ގާތްގަނޑަކަށް 91 ޕަސަންޓަކީ މުސްލިމުންނެވެ. މީގެ ބޮޑު ޕަސެންޓަކީ ސުންނީ މުސްލިމުންގެ އެކި މަޒްހަބްތައް ކަމުގައިވާއިރު، މަދަ އަދަދެއްގެ ޝީން އުޅެ އެވެ. ބާކީ މީހުންގެ ތެރެއިން ގިނައީ ކްރިސްޓިއަން ގޮފިތަކަށް ތަބާވާ މީހުންނެވެ. މި ގައުމުގެ ރަސްމީ ބަހަކީ އަރަބި އާއި އިނގިރޭސި ބަހެވެ. މީގެ އިތުރުން 70 ވަރަކަށް ސަރަހައްދީ ބަސްތައް އުޅެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ސޫދާންގެ ވެރިރަށް ކަރްތޫމްއަކީ އެންމެ ބޮޑަށް ތަރައްގީވެފައިވާ ރަށެވެ. މީގެ އިތުރުން އެންމެ ގިނަ މީހުން ދިރިއުޅޭ އޮމްދުރްމަން އާއި ޕޯޓް ސޫދާން، ބަހްރީ، ނިޔާލަ، އެލް އޮބޭޑް، ކޮސްތީ، ކަސާލާ، އަލް ފާޝިރް، އަލް ގަޑްރިފް އަދި ވަޑް މަދަނީ އަކީ މި ގައުމުގެ އެންމެ ބޮޑު ސިޓީތަކެވެ.

ކަރްތޫމްއަށް ބަލާއިރު، ހަކިމަޑާރިއާ ޕެލެސް (ކުރީގެ ރިޔާސީ ގަނޑުވަރު)، އާ ރިޔާސީ ގަނޑުވަރު، ނެޝަނަލް މިއުޒިއަމް، ރިޕަބްލިކަން ޕެލެސް މިއުޒިއަމް (ކުރީގެ ގަވާނާ ޖެނެރަލްގެ ގެ)، އެތްނޯގްރެފިކަލް މިއުޒިއަމް، ކޮމަންވެލްތް ވޯ ސިމެޓްރީ، ތުރުކީ މަހާނަތައް، ޔުނިވާސިޓީ އޮފް ކަރްތޫމް، ކާތްރޫމް ގްރޭންޑް މިސްކިތް، އަލް ރިކިނި މިސްކިތް، ކެތީޑްރަލްތައް، ނައިލް ސްޓްރީޓް އާއި ބްރިޖް، އަލް މޮގްރާން ފެމިލީ ޕާކް، ގެލެރީތަކާއި، ބާޒާރުތަކާއި، ޝޮޕިން ސެންޓަރުތައް، ކޮރިންތް ހޮޓެލްގެ އިމާރާތް، އަލް ސަބަލޫގާ އަދި ޓޫޓީ އައިލެންޑަކީ ބަލާލަން ވަރަށް ރީތި ތަންތަނެވެ.

ސޫދާނަކީ ގިނަ އަދަދެއްގެ އާކިއޮލިޖިކަލް ސައިޓްތަކާއި އަލް ބަރްކަލް ފަރުބަދަ އާއި ޓާޚާ ފަރުބަދައާއި ޓޮޓެއިލް ފަރުބަދަތަކާއި ރަތް ކަނޑުގެ އައްސޭރިތައް ހިމެނޭ ގައުމެކެވެ. އެގޮތުން މެރޯގެ 200 ވަރަކަށް ޕިރަމިޑާއި ޖެބެލް ބަރްކަލް އަދި ނޫބިއަން ޕިރަމިޑްތައް، ކަރްމާ ސަރަހައްދު، ބަޖްރަވިޔާ، އަލް ކުރޫ، ވަޑް ބަނަންގާ ފައްޅިތައް، އަލް ނަކާ، ކުރީގެ ޑޮންގޯލާ، ސަދަންގާ ފަދަ ތަންތަނަކީ ފާހަގަކޮށްލެވޭ އާކިއޮލޮޖިކަލް އަދި އާސާރީ ތަންތަނެވެ.

ޕްރެއިރީތަކާއި ޖަންގަލި ތަކާއި ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓަށް އަރާފައިވާ ނެޝަނަލް ޕާކްތަކާއި ރިޒާވްތަކާއި މެރައިން ޕާކްތައް ސޫދާންގައި ވަރަށް ގިނަ އެވެ. އެގޮތުން ސަންގަނެބް ނެޝަނަލް ޕާކް، ޑިންޑާ ނެޝަނަލް ޕާކް، މާޝަލް ނޭޗާ ރިޒާވް، ސަބަލޯކާ ގޭމް ރިޒާވް ތަކާއި އެނިމަލް ރެސްކިއު ސެންޓަރަކީ ޖަނަވާރާއި ގުދުރަތީ ރީތިކަން ބަލާލަން ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް ހިތްގައިމު ތަންތަނެވެ.

ސަގާފަތް

ސޫދާންގެ ސަގާފަތަކީ 500 ވަރަކަށް ސަގާފަތް މަސްހުނިވެފައިވާ ސަގާފަތެކެވެ. މީގެތެރޭގައި ދާފުރު ސަރަހައްދުގެ ފުރް ގަބީލާ (އެފްރިކާގެ މުސްލިމުން)، ބަގަރާ އަރަބީންގެ ހަމްރު ގަބީލާ އާއި ނޫބާގެ އޮތޯރޯ ގަބީލާއަކީ ފާހަގަކޮށްލެވޭ ގަބީލާތަކެވެ. އަދި މިސްރާއި އިނގިރޭސީންގެ އަސަރުވެސް ސޫދާންގެ ސަގާފަތަށް ފޯރާފައިވެ އެވެ.

ފިރިހެނުން ގިނައިން ލަނީ ޖަލަބިއްޔާ ކިޔާ ޖުއްބާ ކަހަލަ ދިގު އަދި ދޫ ހެދުމެކެވެ. އަންހެނުން ލަނީ ތޯބް ކިޔާ، ގައިގައި އިސްތަށިގަނޑު ފޮރުވޭ ގޮތަށް އޮޅާ ފޮތިގަނޑެކެވެ. ސުދާންގެ މީހުންނަކީ އިހްސާސްތައް ވަރަށް ނުދައްކާ ބައެކެވެ. މި ގައުމުގެ މީހުން ފުޓްބޯޅަ އާއި ވޮލީބޯޅަ ކުޅުމަށް ޝައުގުވެރިވެ އެވެ.

ކެއުންބުއިން

ސަގާފަތެކޭ އެއްފަދައިން ސޫދާންގެ ކެއުންތައް ވެސް ވަނީ އެހެން ބައެއް ގައުމުތަކުގެ ކެއުންތަކާ މަސްހުނިވެފަ އެވެ. މިގޮތުން އަރަބި، ނޫބިއަން، މިސްރު، ތުރުކީ އަދި ލިވެންޓައިން ކެއުމާ އެއްވެފައިވެ އެވެ.

ސުދާންގައި ކާއެއްޗެހި އަތުރާފައި ހުންނަނީ ސެނިއްޔާ ކިޔާ ތަބަކެއްގަ އެވެ. ކަނޑު/ކޯރު މަސް ކުކުޅާއި ގެރި މަސް އަދި ލޭމްބް އަކީ ސޫޕް އާއި ސްޓޫ، ބަތް، ރޮށި/ޕާނާއެކު އެންމެ ގިނައިން ކާ އެއްގަމު މަހެވެ. މިގޮތުން ފާހަގަކޮށްލެވޭ ކެއުމުގެ ތެރޭގައި ފުލް މެދާމެސް، މޮލޮކިއާ، ކަމޫނިއާ، ކެބާބްސް، ޝަވަރުމާ، ކޮފްތާ، ފަލަފެލް، މުއްލާ އަހްމަރް، އަސީދާ، ޝައިއާ އާއި ކިސްރާ ހިމެނެ އެވެ. ފޮނި އެއްޗެހީގެ ތެރޭގައި ބަސްބޫސާ، ބަކްލާވާ، ޖިބްނާ ބޭދާ ޗީޒް އަދި އުމު އަލީ ހިމެނެ އެވެ. ކޮފީ އާއި ކިރު ސައި އަދި ކަޅު ސަޔާއި ސައިމަލުގެ ސައި ބުއިމަކީ އާންމު ކަމެކެވެ. އެގޮތުން ސައި އަދި ކޮފީ ވިއްކާ "ޓީ ލޭޑީޒް" އެއީ ވަރަށް އާންމު މަންޒަރެކެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް ސޫދާނަށް ޒިޔާރަތްކުރުމަށް ވިސާ ނަގަންޖެހެ އެވެ. އެހެންނަމަވެސް އެ ގައުމުގެ ސިޔާސީ މަސްރަހު ހޫނުވެ، ރައްޔިތުންނާއި ސިފައިންގެ މެދުގައި ކުރިމަތިލުންތައް ކުރިއަށްދާތީ، މި ދުވަސްވަރު މި ގައުމަށް ޒިޔާރަތްކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ.