ފިނޭންސް މިނިސްޓްރީ

ތިން ރަށެއްގައި ކޯލްޑް ސްޓޯރޭޖް ހަދަން ބަޔަކު ހޯދަނީ

Apr 14, 2023

ރާއްޖޭގެ ތިން ރަށެއްގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް އެންސިލަރީ ފެސިލިޓީ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކަޑުއޮތްގިރި، މ. މުލަކުގެ އިތުރުން ގއ. ކޫއްޑޫ ގައެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ލޮޓަކަށް ބަހާލައިގެންނެވެ. ލޮޓް އެކެއްގައި ގއ. ކޫއްޑޫގައި އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އާއި ޕަވަރް އިމްޕްރޫވްމަޓްގެ މަސައްކަތާއި ލޮޓް ދޭއްގައި ކ. ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއާއި ބްލާސްޓް ފްރީޒިން ފެސިލިޓީގެ މަސައްކަތް ކުރާނެ އެވެ. އަދި ލޮޓް ތިނެއްގައި މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި ލޮޓް އެކަކަށް 35،000 ޑޮލަރު ނުވަތަ 539،700 ރުފިޔާ އަދި ލޮޓް ދޭކަށް 16،000 ޑޮލަރު ނުވަތަ 246،720 ރުފިޔާ އަދި ލޮޓް ތިނަކަށް 12،000 ޑޮލަރު ނުވަތަ 185،040 ރުފިޔާ ދައްކަންޖެހެ އެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 100 ޑޮލަރު ނުވަތަ 1500 ރުފިޔާ ދައްކަންޖެހެ އެވެ. ފައިސާ ދައްކަންޖެހެނީ ފިނޭންސްގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ލިމިޓެޑް އިންޓަނޭޝަނަލް ބިޑިން (އެލް.ސީ.ބީ) އުސޫލުގެ މަތިން އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ "ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިން ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް" އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގާ މި މަޝްރޫއުގެ ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން 12 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އެވެ.

މިމަޝްރޫއާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މެއި މަހު 17 ވަނަ ދުވަހު އެވެ.