މިސްކިތް

މަސްޖިދު ޙަޟްރަތު އައްސުލްތާން - އާސްތާނާ، ކަޒަކިސްތާން

مس جد حضرة السلطان - މަސްޖިދު ޙަޟްރަތު އައްސުލްތާން ހުންނަނީ ކަޒަކިސްތާންގެ ވެރިރަށް އާސްތާނާގަ އެވެ. އާސްތާނާއަށް މިހާރު ކިޔަނީ ނޫރު ސުލްތާން އެވެ. މި މިސްކިތުގެ ޖާގަ އަކީ 10،000 އެވެ. ބިންގާ އެޅީ ޖޫން 2009 ގައެވެ. ހުޅުވީ ޖުލައި 6، 2012 ގައެވެ.

މަސްޖިދު ޙަޟްރަތު އައްސުލްތާން އަށް މިނަން ދީފައި ވަނީ ކަޒަކިސްތާންގެ ފުރަތަމަ ރައީސް ނޫރު ސުލްތާން ނަޒަރުބަޔޭފްގެ އިޚުތިޔާރާ އެކު އެވެ.

ހަޟްރަތު ސުލްތާން މިސްކިތުގެ އަމަލީ މަސައްކަތް ފަށައިގަތީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތުގައި 1000 އާއި 1500 އާ ދެމެދުގެ އަދަދަކަށް މަސައްކަތްތެރިން ވަނީ ބައިވެރިވެފަ އެވެ.

މި މިސްކިތަކީ ކަޒަކިސްތާނަށް ލިބިގެންވާ އިސްލާމީ ފެޝަނަށް ބިނާކުރި މިސްކިތެކެވެ. މިސްކިތް ބިނާކުރުމުގައި ކަޒަކިސްތާނުން ލިގެން ހުރި އިސްލާމީ ޝަޚުސިއްޔަތުގެ ސިފަތައް ވަނީ ބޭނުންކޮށްފަ އެވެ.

ކަޒަކިސްތާނުގެ މިސްކިތެއްގައި އެންމެ ބޮޑު ގުއްބެއް ހުންނަނީ މި މިސްކިތުގަ އެވެ. އުސްމިނުގައި 51 މީޓަރު އަދި ބުޑުގައި 28.1 މީޓަރެވެ. މި މިސްކިތުގައި އެކި ވަރުގެ އަށް ގުއްބު ވެސް ހުރެ އެވެ. އަދި ހަތަރު ކަނުގައި 77 މީޓަރުގެ އުސްމިނުގައި 4 މުންނާރު ވެސް ހުރެ އެވެ.

ނަމާދުކުރުމުގެ އިތުރުން ގުރުއާން ކިޔަވައި އުނގަންނައި ދިނުމަށްވެސް މިސްކިތުގައި ޖާގަ ވަކިކޮށްފައި ހުރެ އެވެ.

އިޖުތިމާއީ ބައެއް އެހެން ބޭނުންތަކަށް އެކަމަކު ދީނީ ހުދޫދުން ބޭރުނުވާ ޒާތުގެ ބައްދަލުވުން ތަކާއި ކައިވެނި ހަފުލާ ވެސް މިސްކިތުގެ ގޯތިތެރޭގައި ބާއްވަ އެވެ. ކައިވެންޏަކީ ދީނީ ޝިއާރެއް ގޮތުގައި ކަޒަކިސްތާންގެ އާންމުން ބަލައިގަނެ އެވެ.

މަސްޖިދު ޙަޟްރަތު އައްސުލްތާން އަކީ ކަޒަކިސްތާންގެ ޒުވާނުންގެ މެދުގައި މަގުބޫލު މިސްކިތެކެވެ. އަދި ވަކިން ޚާއްސަކޮށް އެ ގައުމަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަގުބޫލް މަންޒިލެކެވެ. ބައެއް މީހުންގެ ނަޒަރުގައި ކަޒަކިސްތާނަށް ދިޔަ ނަމަވެސް މިސްކިތުގެ ގޯތި ތެރޭގައި ފޮޓޯއެއް ކުރަހައި ނުލެވޭ ނަމަ، ކަޒަކިސްތާނަށް އަދި ނުދެވެނީ އެވެ.

މަސްޖިދު ޙަޟްރަތު އައްސުލްތާން އަކީ ވަރަށް ޒަމާނީ މިސްކިތެކެވެ. މި މިސްކިތް ބިނާކުރުމުގައި ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ވަނީ ބޭނުންކޮށްފަ އެވެ. މިސްކިތުގެ ތެރެއިން ވެސް ފެންނަނީ ޒަމާނީ ރީތިކަމާއި އިސްލާމީ ސޫރަ އެވެ.