ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އޭޝިއާގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އެއް ގައުމު ކަމަށްވާ އިންޑޮނޭޝިއާ އެވެ.
އިންޑޮނޭޝިއާ
އިރު ދެކުނު އޭޝިއާގައިވާ އިންޑޮނޭޝިއާ އަކީ ޑަޗުންގެ ދަށުން 1945 ގައި މިނިވަންވި ގައުމެކެވެ. އެތައް ސަތޭކަ އަލިފާން ފަރުބަދަތަކާއެކު ރިންގް އޮފް ފަޔާގެ ތެރޭގައި ހިމެނޭ އިންޑޮނޭޝިއާ އަކީ ގުދުރަތީ ރީތިކަމާއެކު ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުމާއި ސުނާމީ އާއި ތޫފާނާއި ފެންބޮޑުވުންފަދަ ގުދުރަތީ އެތައް ކާރިސާއަކާ ކުރިމަތިލާންޖެހޭ ގައުމެކެވެ.
އިންޑޮނޭޝިއާ ވަނީ ކޮރަޕްޝަނާއި، ވަކިވެ ގަތުމަށް މަސައްކަތް ކުރާ ޖަމާއަތްތަކެއްގެ ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. 17،000 އަށް ވުރެ ގިނަ ރަށްތައް އެކުލެވޭ އިންޑޮނޭޝިއާގެ ބޯނިއޯގެ އުތުރުގައި ބްރޫނާއީ އޮންނައިރު، ހުޅަނގުފަރާތުން މެލޭޝިއާ އަދި އިރުމަތި ފަރާތުން ޕަޕުއާ ނިއު ގިނީ އޮވެ އެވެ. މިއީ ޖަޒީރާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޖަޒީރާ ގައުމެވެ.
އިންޑޮނޭޝިއާގެ އިގްތިސާދު ބިނާވެފައިވަނީ ހިދުމަތްތަކާއި އިންޑަސްޓްރީތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ގޭސް އަދި ޕެޓްރޯލިއަމް އާއި ލަކުޑި ފަދަ ތަކެއްޗާއި ފަތުރުވެރި ކަމަށެވެ. މިގޮތުން މި ގައުމު އެކްސްޕޯޓްކުރާ ކޮމޯޑިޓީތަކުގެ ތެރޭގައި ރަބަރު، ކޮފީ، ސައި، ސޯއިބީން، ކޮޓަން، ހަނޑޫ، ދޮންކެޔޮ، ކާށި/ކުރުނބާ، އުއްދަނޑި، ހަކުރު، ޕާމް އަދި ޕާމް ތެޔޮ، ކޮޕްރާ އަދި ކަރަންފޫ ހިމެނެ އެވެ. އަދި ނެޗުރަލް ގޭސް، ދަގަނޑު، ބޮކްސައިޓް، ކޯލް ފަދަ މައުދަންވެސް ހިމެނެ އެވެ. މިގައުމަކީ ޖީ20ގެ މެންބަރެކެވެ.
ސަރަހައްދުގައި ކުރީގައި އޮތް އިންޑޮނޭޝިއާގެ އިގްތިސޯދަށް ވަނީ ކޯވިޑް-19 ޕެންޑެމިކް ތެރޭ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެހެން\ނަމަވެސް، އިންފްލޭޝަން މާބޮޑުތަން މައްޗަށް ދިޔަ ނުދީ، މި ގައުމުގެ އިގްތިސޯދު ރަނގަޅުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އިންޑޮނޭޝިއާގެ 280 މިލިއަނެއްހާ އާބާދީއަށް ބަލާއިރު، 87-90 ޕަސަންޓަކީ މުސްލިމުންނެވެ. އަދި އޭގެ ތެރެއިން 99 ޕަސަންޓަކީ ސުންނީ މުސްލިމުންނެވެ. ބާކީ ކްރިސްޓިއަންގެ ގޮފިތަކާއި ހިންދޫ އަދި ބުދިސްޓުންގެ އިތުރުން މަދު އަދަދަކަށް ސަގާފީ ދީނަށް ތަބާވާ މީހުން ވެސް ދިރިއުޅެ އެވެ. މިއީ ދުނިޔޭގައި ހަތަރުވަނަ އަށް އެންމެ ބޮޑު އާބާދީ އަދި ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ ގައުމެވެ. މި ގައުމުގެ ރަސްމީ ބަހަކީ އިންޑޮނޭޝިއަން (މެލޭއާ ގުޅިފައިވާ) ބަހެވެ. މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ސަގާފީ ބަހުރުވަ ގެންގުޅެ އެވެ.
ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން
އިންޑޮނޭޝިއާގެ ވެރިކަން ކުރާ ޖަކާޓާއަކީ އެ ގައުމުގައި ދެވަނައަށް އެންމެ ތޮށްޖެހިފައިވާ ރަށެވެ. މި ރަށަކީ ރީތި މިސްކިތްތަކާއި ތަންތަން ހުރި ރަށެކެވެ. މިގޮތުން މާޑޭކާ ސްކުއެއާ އާއި، ނެޝަނަލް މޮނިއުމަންޓް، މޮނާސް، ވެލްކަމް މޮނިއުމަންޓް، ނެޝަނަލް މިއުޒިއަމް، އިސްތިކްލާލް މިސްކިތް، ބައިތުލް އިހްސާން މިސްކިތް، އަލް އަޒްހަރު ގްރޭޓް މިސްކިތް ފަދަ އެތައް މިސްކިތެއް، ބަސޫކީ އަބްދުﷲ މިއުޒިއަމް، ކެތީޑްރަލް، ތަމަން މިނި އިންޑޮނޭޝިއާ ޕާކް، އަންކޯލް ޑްރީމްލޭންޑް، ސީވޯލްޑް އަންކޯލް، ކޯޓާ ތުއާ، ރަގުނަން ޒޫ އަދި ތައުޒަންޑް އައިލެންޑްސް އަކީ ޒިޔާރަތްކޮށްލަން ރީތި އަދި ހިތްގައިމު ތަންތަނެވެ.
އިންޑޮނޭޝިއާގެ ބާލީއަކީ ފަތުރުވެރިކަމަށް ވަރަށް މަޝްހޫރު ރަށެކެވެ. މިއީ މައިގަނޑު ގޮތެއްގައި ހިންދޫއިންނާއި ބުދިންސްޓުން ދިރިއުޅޭ ސަރަހައްދެކެވެ. މިގޮތުން ބެސާކިހް ފައްޅި، ބަޓުކަރު ފައްޅި، ތަމަން އާޔުން ފައްޅި، ސަމުއަން ތިގާ ފައްޅި، ޕުރާ ޕެނެޓަރަން ސާހީ އަދި އެތައް އާސާރީ ހިންދޫ ފައްޅިތަކާއި ބައެއް ޗައިނީޒް ފައްޅި މި ރަށުން ފެންނާނެ އެވެ.
ޖާވާ އަކީ މި ގައުމުގެ އެންމެ ގިނަ މީހުން ދިރިއުޅޭ ރަށެވެ. މި ރަށުގައި މެރާޕީ ފަދަ އަލިފާން ފަރުބަދަތަކާއި، ޑާއެންގް ޕްލެޓޫ، ބަންޑުންގް ސަރަހައްދުގެ ހެދުމާއި، އެހެނިހެން ފެކްޓްރީތަކާއި، ސައި ޕްލާންޓޭޝަންތަކާއި ބްލަވަން، ޓުގޮސަރީ ފަދަ ކޮފީ ޕްލާންޓޭޝަންތަކާއި، އާޖުންގް ޖާވާ ތެންގާ މިސްކިތް ފަދަ މިސްކިތްތަކާއި، އާސާރީ ފައްޅިތައް، މަލަންގް އަދި ހޮބިޓް ހައުސް އަކީ ފަތުރުވެރިންނަށް ވަރަށް ކަމުދާ ތަންތަނެވެ. ލޮމްބޮކް އަދި ސުލަވޭސީ އަކީވެސް މަޝްހޫރު ދެ ރަށެވެ.
މީގެ އިތުރުން އިންޑޮނޭޝިއާގެ ސުމާޓްރާ، ބޯނިއޯ، ކަލިމަންޓަން، ސެލެބިސް، ނިއު ގިނީ، ބަންޑާ އާޗޭ ސަރަހައްދުތަކާއި ރަށްތަކާއި ވިލެޖްތަކާއި ސިޓީތަކާއި ބިނާތަކާއި މާރުކޭޓްތަކާއި ފަރުބަދަތަކާއި ލޭކް ތަކާއި ވޯޓާފޯލްތައް ވަރަށް ހިތްގައިމެވެ.
އިންޑޮނޭޝިއާގައި ޖަންގަލީތަކާއި ގުދުރަތީ ސަރަހައްދުތަކާއި ނެޝަނަލް ޕާކްތަކުގައި ގިނަ އަދަދެއްގެ ދޫންޏާއި ކޮމޮޑޯ ޑްރޭގަން ފަދަ ޖަނަވާރުތަކާއި ދޫނީގެ އާ ބާވަތްތައް ދިރިއުޅެ އެވެ. މިއީ ދުނިޔޭގައި ބަޔޯޑައިވާސިޓީގައި މުހިއްމު ދައުރެއް އަދާކުރާ ގައުމެކެވެ.
ސަގާފަތް
އިންޑޮނޭޝިއާގައި 300 އެއްހާ އެތްނިކް ގްރޫޕްތައް ދިރިއުޅެ އެވެ. ޖާވާނީސްއަކީ އެންމެ ގިނަ މީހުން ނިސްބަތްވާ ދަރިކޮޅަށްވާއިރު، ސުންދަނީސް އަކީ ދެވަނައަށް އެންމެ ގިނަ މީހުން ނިސްބަތްވާ ދަރިކޮޅެވެ. ބަޓަކް، މަދުރީސް، ބެޓާވީ، މިނަންކަބާއު، ބޫގީސް އަދި މެލޭ އަކީ ދެން އެންމެ ގިނަ ދަރިކޮޅުތަކެވެ. އެކި ސަރަހައްދުތަކުގައި އެ ބައެއްގެ ދީނާއި ސަގާފަތް ތަފާތުވެ އެވެ. އެގޮތުން ބާލީ ފަދަ ރަށްރަށުގައި ހިންދޫ އަދި ބުދިޒަމް ކޮންމެވެސް ވަރަކަށް އެއްވެފައިވެ އެވެ. އަދި އާކިޓެކްޗާގެ ދާއިރާ އިން މެދުއިރުމަތީ އޭޝިއާ / އަރަބި، އިންޑިއާ، ޗައިނާއާއި ޔޫރަޕްގެ ނުފޫޒު ވެސް ހިމެނެ އެވެ.
މި ގައުމުގެ ސަގާފީ 12 ކަމެއް ވަނީ ޔުނެސްކޯގެ އިންޓެންޖިބަލް ކަލްޗަރަލް ހެރިޓޭޖްގައި ލިސްކުރެވިފައެވެ. މީގެތެރޭގައި ވާޔަން ޕަޕެޓް ތިއެޓާ، ކްރިސް (ކުރު ބަނޑިލާފައިވާ ކަނޑިއެއް)، ބަޓިކް ޕްރިންޓިން، ޕެންޗަކް ސިލަތް މާޝަލް އާޓްސް، މިއުޒިކް ކުޅޭ ތަކެތި އަދި ޖާވާގެ ތިން ނެށުމެއް ހިމެނެ އެވެ. 3000 އަށް ވުރެއް ގިނަ ނެށުންތައް މި ގައުމުގައިވެ އެވެ. މިއީ އާއިލާއަށާއި ދީނީ ކަންކަމަށް އިސްކަންދޭ ބައެކެވެ. ބޮޑެތި އާއިލާތައް އެއްކޮށް އުޅެން ހިޔާރުކުރެ އެވެ. މުޖުތަމައުތައް ރަހްމަތްތެރިކަމާއި ގާތްގުޅުން ބާއްވަ އެވެ.
ކެއުންބުއިން
އިންޑޮނޭޝިއާގެ ގިނަ ކެއުމުގައި ކުޅި ރަހަ ގަދަ އެވެ. އަދި އެކި ސަރަހައްދުތަކުގައި އެ އެތްނިކް ގްރޫޕެއްގެ ކެއުން ތަފާތުވެ އެވެ. އެގޮތުން ސުމާޓްރާގެ ކެއުމުގައި އަރަބި އަދި އިންޑިއާގެ ނުފޫޒު ފެނެ އެވެ. ޖާވާނީޒް ކެއުމުގައި އެ ރަށުގެ ސާގާފީ ކުލަވަރާއި ކޮންމެވެސް ވަރަކަށް ޗައިނާގެ ރަހަ އެކުލެވިގެންވެ އެވެ. އިރުމަތީ އިންޑޮނީޝިއާގެ ކެއުން ޕޮލިނޭޝިއާގެ ކެއުމާ ވައްތަރެވެ. އަދި މެލޭ ކެއުމާވެސް އެއްގޮތްވެ އެވެ.
މި ކެއުންތަކުގައި މައިގަނޑު ގޮތެއްގައި ނޫޑްލްސް، ސޫޕް، މީޓްބޯލްސް، ސްޕްރިންގް ރޯލްސް، ރިހަ، ކުކުޅު، އަސްދޫނި، ގެރި، ބަކަރި، ކަނޑުމަހާއި، ސީފުޑް، އެކި ވައްތަރުގެ ބަތް (ނާސި ގޮރެންގް، ބާލީ، އުޑުކް) ލޯކް ޕަކް (ސައިޑް ޑިޝްތައް) ސަޔޫރް މަޔޫރް (ތަރުކާރީ އަދި ފަތް) ހިމެނޭހެން ކައިއުޅެ އެވެ. މިގޮތުން ފާހަގަކޮށްލެވޭ ކެއުމުގެ ތެރޭގައި ކުކުޅު އަދި ބަކަރިމަހުގެ ސަތޭ، ޕަޑަންގް ސަތޭ، އަޔާމް ބަކަރް ތަރިލާން، އިކަން ބަކަރް، ޕެޕޭސް، އަޔާމް ގޮރެންގް، ބަބުރް އަޔާމް، ބެބެކް ގޮރެންގް، ސޮޓޯ ބެޓާވީ، ސޮޕް ކާކީ ކަމްބިން، ބަކްސޯ، ސުޕް ބަންޓުޓް، ނާސި ޕަޑަންގް، ކޯޓޯ މަކަސަރް އަދި ނާސި ކަމްޕޫރް ފަދަ ކެއުންތައް ހިމެނެ އެވެ.
ވިސާ އާއި ދަތުރުކުރުން
އިންޑޮނީޝިއާއަށް ޒިޔާރަތްކުރަން ބޭނުންވާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ އެވެ.