ދުނިޔެ

އިސްލާމީ ގައުމުތައް - މާލީ

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އެފްރިކާގެ ފަގީރު ގައުމެއް ކަމުގައިވާ މާލީ އެވެ.

މާލީ

ފަރަންސޭސި ވިލާތުގެ ދަށުން މިނިވަންވެ، މާލީ އުފެދުނީ 1960 ގައެވެ. އޭގެ ފަހުން މި ގައުމު ވަނީ ދާހިލީ ހަމަނުޖެހުންތަކާއި އެތައް ބަގާވާތަކާއި އަސްކަރީ ވެރިކަމާ ކުރިމަތިލާފަ އެވެ. ގައުމުގެ އުތުރު ސަރަހައްދުގައި ހަމަނުޖެހުމާއި ހަނގުރާމަ މިހާރުވެސް ކުރިއަށްދެ އެވެ. މިހާރުވެސް މިގައުމު އޮތީ ބަޣާވާތަކަށްފަހު އަސްކަރީ ވެރިކަމެއްގެ ތެރޭގަ އެވެ.

މާލީގެ ހުޅަނގުގައި މޮރިޓޭނިއާ އާއި ސެނެގާލް އޮންނައިރު، ހުޅަނގު ދެކުނުގައި ގިނީ، ދެކުނުގައި ކޯޓޭ ޑިއައިވޯ އާއި ބާކިނަ ފާސޯ، އިރު މަތީގައި ނައިޖާ އަދި އިރުއުތުރުގައި އަލްޖީރިއާ އޮވެ އެވެ.

މިއީ އެފްރިކާގައި އަށްވަނައަށް އަދި ދުނިޔޭގައި 24 ވަނައަށް އެންމެ ބޮޑު ގައުމެވެ.

މާލީއަކީ މައިގަނޑު ގޮތެއްގައި ދަނޑުވެރިކަން ކުރާ ގައުމެކެވެ. މިގައުމުން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ ކޮޓަން އާއި ރަނެވެ. މިއީ އެފްރިކާގައި ތިންވަނައަށް އެންމެ ގިނަ ރަން އެކްސްޕޯޓްކުރާ ގައުމެވެ.

މީގެ އިތުރުން ހަނޑޫ، ބިންބި، ޒުވާރި، ތަރުކާރީ، ދުންފަތް، އެކި ވައްތަރުގެ ގަސް، ބަކަރި ފަދަ ޖަނަވާރާއި ފޮސްފޭޓާއި ކައޮލިން ފަދަ މައުދަން އެކްސްޕޯޓް ކުރެ އެވެ. ދާހިލީ ހަމަނުޖެހުންތަކާއި އިގްތިސޯދީ ކަންކަން ރަނގަޅަށް މެނޭޖް ނުކުރުމުންނާއި ކޮމޯޑިޓީ މާކެޓްގެ އަޑިއުސްތަކުންނާއި ވާރޭ ނުވެހޭ މުއްދަތު ދިގުވުމުން ދަނޑުވެރިކަމަށް ހީނަރުކަން އައިސް މާލީގެ އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.

ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ފްރާންސާއި ހުޅަނގުގެ އެހެން ގައުމުތަކުން ބޮޑުއަގުގައި އިމްޕޯޓްކުރުމާއި އެއަށްވުރެ ގިނަ އަދަދަށް އެކްސްޕޯޓްތައް ނުކުރެވި، މި ގައުމުގެ އިގްތިސޯދު ބޭރުގެ އެހީތަކަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހެ އެވެ. ފަގީރުންގެ ރޭޓު މައްޗަށް ގޮސްފައިވެ އެވެ. އަދި ހައިޑްރޯއިލެކްޓްރިކް ޕަވާޕްލާންޓް ގާއިމުކުރެވިފައިވީ ނަމަވެސް، އާބާދީގެ 45 ޕަސަންޓް މީހުންނަށް ކަރަންޓު ނުލިބެ އެވެ. އަދި ސާފު ބޯފެނުގެ ދަތިކަންވެސް ކުރިމަތިވެފައިވެ އެވެ.

މާލީގެ 2021ގެ ތަފާސްހިސާބުތަކަށް ބަލާއިރު 21.9 މިލިއަންގެ އާބާދީގެ 95 ޕަސަންޓަކީ މުސްލިމުންނެވެ. މީގެ ތެރެއިން ގިނައީ ސުންނީ އާއި ސޫފީ މުސްލިމުންނެވެ. ބާކީ އުޅެނީ ކްރިސްޓިއަނުންނާއި ޑޮގޯން ފަދަ އެފްރިކާގެ ސަގާފީ ދީންތަކަށް ތަބާވާ މީހުންނެވެ.

މާލީގެ ރަސްމީ ބަހަކީ ފަރަންސޭސި ބަސް ކަމުގައިވީ ނަމަވެސް، ބަމްބަރާއަކީ ދެވަނައަށް އެންމެ ގިނައިން މީހުން ވާހަކަ ދައްކާ އުޅޭ ބަހެވެ. މީގެ އިތުރުން ފުލާ، ސޮނިންކޭ، ޑޮގޯން، މަޑިންކާ، މަނިއަންކާ، ތަމާޝެކް، އަރަބީގެ ވައްތަރެއް ކަމުގައިވާ ހަސައްނިއްޔާ ބަހުންނާއި އަދިވެސް އިތުރު އެތައް ބަހަކުން މި ގައުމުގެ މީހުން ވާހަކަ ދައްކާ އުޅެއެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

މާލީގެ ވެރިރަށް ބަމާކޯއަކީ މި ގައުމުގެ އެންމެ ގިނަ މީހުން ދިރިއުޅޭ އަދި އެންމެ ބޮޑު ރަށެވެ.

މާލީގައި މިސްކިތްތަކާއި ވަރަށް ގިނަ ގެތައް މަށިންނާއި ޗަކަހުން ހަދާފައި ހުރެ އެވެ. މި ރަށުގައި ޔުނިވާސިޓީ އޮފް ބަމާކޯ، ނެޝަނަލް މިއުޒިއަމް، ގްރޭންޑް މިސްކިތާއި، އެހެން ބައެއް މިސްކިތްތައް، އިންޑިޕެންޑަންސް މޮނިއުމަންޓް، އާމީ ހީރޯޒްގެ މޮނިއުމަންޓް، ބީސީއީއޭއޯ ޓަވާ، އެފްރިކާ ޓަވާ، މޮޑީބޯ ކީޓާ މެމޯރިއަލް، ޕޯސްޓް އޮފީސް، ނެޝަނަލް ޕާކް، ނެޝަނަލް ޒޫ، ސެލެންގޭ ޑޭމް އަދި ސިޓީ މާކެޓް ފަދަ ބަލާލަން ރަނގަޅު ތަންތަން ހިމެނެ އެވެ. ޓިމްބަކްޓޫ އަށް ބަލާލާއިރު، ޖިންގަރޭބާ މިސްކިތް، ސިޑީ ޔަހްޔާ މިސްކިތް، ފްލޭމް ޑިލަ ޕައި ފަދަ ތަންތަން ހިމެނެ އެވެ.

މާލީގައި އާސާރީ އަދި ގުދުރަތީ ރީތި ތަންތަން ހުރެ އެވެ. އެގޮތުން ފާހަގަކޮށްލެވޭ އާސާރީ ތަންތަނާއި ރީތި ތަންތަނުގެ ތެރޭގައި ބަންޑިއަގާރާ ކްލިފް، ޖެނޭގެ ގްރޭންޑް މިސްކިތް، ޖިންގަރޭބާ މިސްކިތާއި، އެތައް މިސްކިތެއް، ފޯޓް ޑީ މެޑީން، ޓޫމްބް އޮފް އަސްކިއާ، ނައިޖާ އަދި ސެނެގާލް ކޯރާއި ކައިރީގައިވާ ރަށްތަކާއި، ޑަންޑަން ވޯޓާފޯލްސް، ޝޫޓް ދީ ފެލޫ ކުދި ފެންގަނޑުތައް، ގުއިނާ ފޯލްސް ހިމެނެ އެވެ.

މާލީގައި ވަރަށް ގިނަ ބާވަތުގެ ދޫންޏާއި ޖަނަވާރު ދިރިއުޅެވެ. އަދި ނެޝަނަލް ޕާކްތަކާއި ވޯޓަފޯލްތަކާއި ސަހާރާ އާއި ނައިޖާ ކޯރުގެ ޓްރިޕްތަކަށް ދެވޭނެ އިންތިޒާމް ހުރެ އެވެ.

ސަގާފަތް

މާލީ އަކީ އިސްލާމް ދީނުގެ އާދަކާދަތަކާއި އެތައް ގަބީލާ / ނަސްލުތަކެއްގެ ސަގާފަތް އެއްވެފައިވާ ގައުމެކެވެ. އެކި ސަރަހައްދުތަކުގައި ކޮށް އުޅޭ ސަގާފީ ކަންތައްތައް ތަފާތުވެ އެވެ. މި ގައުމުގައި އެންމެ ގިނައީ ބަމްބަރާ ދަރިކޮޅުގެ މީހުންނެވެ. އަދި ސޮނިންކޭ، ކަސޮންކޭ، މަލިންކޭ / މަޑިންކާ، ފުލާ، ވޮލްތައިގް، ސޮންގޭ، ޓުއަރެގް، ތަމާޝެކް، މޫރް އަރަބީންނާއި މަދު އަދަދެއްގެ ޔޫރަޕް ދަރިކޮޅުގެ މުސްލިމުން ވެސް މިގައުމުގައި ދިރިއުޅެ އެވެ.

އުތުރުގައި ތުއަރެގް މީހުންނާއި (މިނިވަންކަން ހޯދުމަށް) އައިސިސްއާ ގުޅުންހުރި އިސްލާމީ ޖިހާދު ގްރޫޕަކާއި (ހަރުކަށި އިސްލާމީ ޝަރީއާ ގާއިމުކުރަން) ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، މޮޕްޓީގައި ފުލާ އަދި ޑޮގޯން މީހުންގެ މެދުގައި ހަމަނުޖެހުމާއި ތަޅާފޮޅުން ކުރިއަށްދެ އެވެ.

މާލީގައި ބާރުވެރި ބަޔަކީ ފިރިހެނުންނެވެ. އަންހެނުންނަށް ގެވެށި އަދި ޖިންސީ އަނިޔާ ކުރުންވެސް މަދެއް ނޫނެވެ. މިއުޒިކާއި ޕޮޓަރީ ހެދުމާއި އަތްކަންކުރުމާއި ސަގާފީ ފޭރާން ހެދުމަކީވެސް މި މީހުން ކޮށް އުޅޭ ކަމެކެވެ. ފިރިހެނުން ގިނައިން ލާ އުޅެނީ ބޫބޫ ކިޔާ ދޫ ހެދުމެކެވެ. އަންހެނުން ލަނީ ބްލައުޒްއަކާއި އުނަގަނޑުގައި އޮޅާފައި ހުންނަ ފޮތިގަނޑު/ސްކާޓެކެވެ. މި ގައުމުގެ މީހުން އެންމެ ޝައުގުވެރި ވަނީ ފުޓްބޯޅަ އަށެވެ.

ކެއުންބުއިން

މާލީގެ ކެއުން ވަނީ އަރަބި އަދި އެފްރިކާގެ ގައުމުތަކުގެ ކެއުމާ އެކުވެފަ އެވެ. މީގެތެރޭގައި ކުސްކުސް، ބަތް، ކަނޑުމަހާއި، ކުކުޅު، ކަންބަޅި ބަކަރި މަހާއި، ބަކަރި މަސް ފަދަ އެއްގަމު މަސް، ތަރުކާރީ، މޭވާއާއި ސޫޕް އަދި ސްޓޫ، ބަދަން، ޗީޒް، ޕޭސްޓްރީ، ޕާން ފަދަ ކެއުން ހިމެނެ އެވެ. މިގޮތުން ހޮލޮފް ރައިސް، ފޫފޫ، މާފޭ، ޓިގުއަޑެގެނާ، ލަ ކެޕިތާން ސަންގާ، ޕޫލޭ ޔަސާ، ލަބާޖާ، ފަކޯޔޭ، ކެބާބްސް، ކުސްކުސް ޑީ ޓިމްބަކްޓޫ، އަލަބަޖާ، ކައްޓާ ޕާސްތާ އަދި ބުއީ ޓާޓް ހިމެނެ އެވެ. ބުއިންތަކުގެ ތެރޭގައި (ތިން ބަޔަށް ބެހިގެންވާ) ސައި އަދ ޖަބްލާނީ އިނގުރު ޖޫސް މަޝްހޫރެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް މާލީއަށް ޒިޔާރަތްކުރުމަށް ވިސާ ނަގަންޖެހެ އެވެ. މިއީ ދާހިލީ ހަނގުރާމައާއި ހަމަނުޖެހުންތަކާއި ވައްކަމާއި ފޭރުން ފަދަ ކަންކަމާ ގުޅިގެން ދަތުރުކުރުމަށް ރައްކާތެރި ގައުމެއް ނޫނެވެ.