މިސްކިތް

ތަރުކަމިންބާޝީ ރޫޙީ މިސްކިތް - ޖީބްޖާކް، ތުރުކަމަނިސްތާން

މި އީ مسجد تركمنباشي روحي ނުވަތަ ތަރުކަމިންބާޝީ މިސްކިތެވެ. މިސްކިތް ހުންނީ ތުރުކަމަނިސްތާންގެ ޖިބްޖާކް އަވަށުގަ އެވެ. މިހެންކަމުން މި މިސްކިތަށް ޖިބްޖާކް މިސްކިތޭ ވެސް ކިޔަ އެވެ. ޖިބްޖާކް އަވަށް މިހާރު އޮންނަނީ ތުރުކަމަނިސްތާންގެ ވެރިރަށް އަޝްގަބާތުއާ ގުޅުވާލާފަ އެވެ. އެހެންނަމަވެސް ޖިބްޖާކް މިސްކިތް ހުންނަނީ ވެރިރަށާ ހަތް ކިލޯމީޓަރު ދުރުގަ އެވެ.

މިއީ ޖާގަ ބޮޑު ތަނަވަސް މިސްކިތެކެވެ. ޖަމާއަތުގައި ފަސޭހަކަމާ އެކު 10،000 މީހުންނަށް ނަމާދުކުރެވެ އެވެ. އިމާރާތްކޮށް ނިންމައި ނަމާދުކުރާ މީހުންނަށް ހުޅުވާލީ އޮކްޓޯބަރު 22، 2004 ގައެވެ.

ތުރުކަމާނިސްތަންގެ އާބާދީ އަކީ 6.3 މިލިއަނެވެ. މުޅި އާބާދީ އެކި ދީންތަކަށް ބެހެވިފައި އޮތްއިރު އިސްލާމުންގެ އަދަދު 89 ޕަސެންޓަށް އަރަ އެވެ. ބުނެވޭ ގޮތުގައި ގިނައީ ސުންނީ މުސްލިމުންނެވެ.

ޖިބްޖާކް މިސްކިތާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ތެރޭގައި މި މިސްކިތް ބިނާކުރެއްވީ ތުރުކަމަނިސްތާންގެ ލީޑަރުކަން 1985-2006 އަށް ކުރެއްވި ސަޕަރުމުރާތު އަތަޔޭވިޗް ނިޔާޒޮފް ކަމަށް ބުނެވެ އެވެ.

އޭނާ އަވަހާރަވުމަށްފަހު ފަސްދާނުލެވުނީ މި މިސްކިތުގެ ގޯތިރޭގައި ހުންނަ ޒިޔާރަތެއްގައި ކަމަށްވެސް ބުނެވެ އެވެ. މިސްކިތާ މިހާ ގާތުގައި މީހަކު ވަޅުލައި މަހާނަހަދައި އަދި ޒިޔާރަތެއް ބިނާކޮށްފައިވަނީ ސުންނީ މުސްލިމުން އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފައި ވަނިކޮށެވެ.

މި މިސްކިތަކީ މީހުންގެ ފާޑުކިޔުމާއި ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައި ހުރި މިސްކިތެކެވެ. މައިގަނޑު ސަބަކީ މިސްކިތުގައި ކުރެހުންއަޅައި ޑިޒައިންކުރުމުގައި މިސްކިތުގެ ފާރުތަކުގަ އާއި ބިތްތަކުގައި ގުރުއާންގެ އާޔަތްތައް ކަނޑާނަގާފައި ހުރި ފަދައިން ސަޕަރުމުރާތު އަތަޔޭވިޗް ނިޔާޒޮފް އަށް ހުރި ތައުރީފްގެ ބަސްތަކެއް ވެސް ހުރުމެވެ.

ގުރުއާންއާ އެއްފަދަ ކުރެވޭ އެއްވެސް އެއްޗެއް -- އާޔަތްތަކެއް މުސްލިމުންނަކަށް ނެތެވެ. އެހެންކަމުން ގުރުއާންގެ އާޔަތަކާ އެއްހަމައެއްގައި ވަކި މީހަކަށް ނިސްބަތްކުރެވޭ ލަފުޒުތަކެއް ހުރުން ސުންނީ މުސްލިމުން ގަބޫލެއް ނުކުރެ އެވެ. މިހެންކަމުން މި މިސްކިތް ގިނައިން ހުންނަނީ ހުހަށް ކަމަށްވެސް ބުނެވެ އެވެ.

ޖިބްޖާކް މިސްކިތަށް ޒިޔާރަތްކުރާ މީހުން އާންމު ގޮތެއްގައި ޓޫރިސްޓުން އެންމެ ބޮޑަށް އަޅައިގަންނަނީ މިސްކިތުގެ މާސިންގާ ގުއްބެވެ. މިއީ އެއްފުރާޅަކަށް ވާގޮތަށް މިސްކިތެއްގައި އޮންނަ އެންމެ ބޮޑު ގުއްބު ކަމަށް ބުނެވެ އެވެ.