ބުރުކީނަ ފާސޯ

އިސްލާމީ ގައުމުތައް – ބަކީނާ ފާސޯ

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިގެނެސްދެނީ އެފްރިކާގެ ފަގީރު އަދި ހާލަތު ދެރަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ބަކީނާ ފާސޯ އާ ބެހޭ މައުލޫމާތެވެ.

ބަކީނާ ފާސޯ

ފަރަންސޭސި ވިލާތުގެ ދަށުން މިނިވަންވެ، 1960 ގައި އަޕާ ވޯލްޓާގެ ގޮތުގައި ދައުލަތެއް އުފެދުނެވެ. މި ގައުމުގެ ނަން ބަކީނާ ފާސޯއަށް ބަދަލުކުރީ 1984 ގައެވެ. ބަކީނާ ފާސޯގެ ހުޅަނގު އުތުރުގައި މާލީ، އިރު އުތުރުގައި ނައިޖާ، އިރު ދެކުނުގައި ބެނިން، ދެކުނުގައި ޓޯގޯ އާއި ގާނާ، ހުޅަނގު ދެކުނުގައި ކޯޓޭ ޑި އައިވޯ އޮވެ އެވެ.

ބަކީނާ ފާސޯ ވަނީ ދާހިލީ ހަމަނުޖެހުންތަކާއި އެތައް ބަގާވާތަކާއި އަސްކަރީ ވެރިކަމަކާ ކުރިމަތިލާފަ އެވެ. އަދި ހާއްސަކޮށް މާލީން ފެތުރޭ އިސްލާމީ ޖިހާދިސްޓުންގެ ނުފޫޒާއި ހަމަނުޖެހުންތަކާއި ތަޅާފޮޅުންތަކާ ގުޅިގެން، އަސްކަރިއްޔާ އިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުވެސް ބަޣާވާތެއް ގެނެސްފަ އެވެ.

ދާހިލީ ހަމަނުޖެހުންތަކާއި، ކޮރަޕްޝަނާއި، ގިނަ ދުވަހު ވާރޭ ނުވެހިގެން ކޯރުތައް ހިނދިގެން ގޮސްފައިވާތީއާއި، ކަނޑު ޕޯޓެއް ނެތުމުން، ބަކީނާ ފާސޯއަކީ ދުނިޔޭގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ އަދި އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ބަކީނާ ފާސޯ އަކީ މައިގަނޑު ގޮތެއްގައި ދަނޑުވެރިކަމާއި ބަކަރި ފަދަ ޖަނަވާރު ހުއިހައްޕާ ގައުމެކެވެ. މިގޮތުން ކޮޓަން، ޝިއާ ނަޓްސް، ސެސަމީ އާއި، އުއްދަނޑި އެކްސްޕޯޓްކުރާއިރު، ހަނޑޫ، ބަދަން، ސޯގަމް، މިލެޓް، ކައްޓަލަ، ދަނޑިއަލުވި ފަދަ ތަކެތި ކެއުމަށް ބޭނުންކުރެ އެވެ. އަދި ޖަނަވާރުތަކުގެ ތެރޭގައި ގެރި، ބަކަރި، ކަންބަޅި ބަކަރި، ހިމާރު، އަސް، ޖަމަލު، އޫރު، ކުކުޅު، އަސްދޫނި އަދި ގިނީ ފައުލް ހިމެނެ އެވެ. މިއީ ރަނާއި އެހެން މައުދަންތައް ގިނަ ގައުމެއް ކަމުގައިވީ ނަމަވެސް ގައުމުގެ ގުދުރަތީ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ނުހިފި، ގައުމުގެ އިގްތިސޯދު ބޭރުގެ އެހީއަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފައިވެ އެވެ. ރަނުގެ އިތުރުން މެންގަނީޒް، ޒިންކް، ލެޑް، ކޮޕާ، ނިކެލް އަދި ލައިމްސްޓޯން ޑިޕޮސިޓް ވެސް މިގައުމުގައި ހުރެ އެވެ.

ބަކީނާ ފާސޯއަކީ ކާބޯތަކެއްޗާއި ސިއްހީ ފަރުވާގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތް ގައުމެކެވެ.

ބަކީނާ ފާސޯގެ 22.7 މިލިއަންގެ އާބާދީއަށް ބަލާއިރު، ގާތްގަނޑަކަށް 63.8 ޕަސަންޓް މީހުންނަކީ މުސްލިމުންނެވެ. މީގެތެރޭގައި ގިނައީ މާލިކީ މަޒްހަބުގެ ސުންނީ މުސްލިމުންނެވެ. ބާކީ މީހުންގެ ތެރޭގައި 26.3 ޕަސަންޓް މީހުންނަކީ ކްރިސްޓިއަނުން ކަމަށްވާއިރު ނުވަ ޕަސަންޓަކީ ކާބަފައިންގެ ސަގާފީ ދީންތަކުގެ މީހުންނެވެ.

ބަކީނާ ފާސޯގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. މޫރޭއަކީ ދެވަނައަށް އެންމެ ގިނައިން މީހުން ވާހަކަ ދައްކާ އުޅޭ ބަހެވެ. މީގެ އިތުރުން ފުލާ، ގުރްމަންޝޭ، ބަމްބަރާ، ބިއްސާ، ބްވާމޫ، ޑަގާރާ، ޑޮގޯން، ސޮނިންކޭ، ހައުސާ، ތަމާޝެކް ފަދަ އެތެއް ބަހަކުން މީހުން ވާހަކަ ދައްކާ އުޅެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ބަކީނާ ފާސޯގެ ވެރިރަށް އުގަޑޫގޫއަކީ އެ ގައުމުގެ އެންމެ ބޮޑު ރަށެވެ. މި ރަށުގައި ބަލާލަން ރަނގަޅު ތަންތަނުގެ ތެރޭގައި ގްރޭންޑް މިސްކިތް، ރިޔާސީ ގަނޑުވަރު، ނެޝަނަލް އާއި މިއުޒިކް ފަދަ މިއުޒިއަމްތައް، ކެތީޑްރަލް، މޮނިއުމަންޓް އޮފް ނެޝަނަލް ހީރޯޒް، ޕާކް އާބައިން ބެންގްރް-ވިއޯގޯ، ފަސޯ ޕާކް، ނަޒިންގާ ނެޝަނަލް ޕާކް، ލައޮންގޯ ކަލްޗާ ސިމްޕޯޒިއަމް، ގްރޭންޑް މާޝޭ އާއި މާކެޓްތައް ހިމެނެ އެވެ.

މީގެއިތުރުން ސިންޑޫ ރޮކް ފޯމޭޝަން، ޑޯމްސް ޑީ ފެބަޑޫގޫ، ލޮރޮޕެނީ ރުއިންސް، ބަނީ މަޑް މިސްކިތް، ގޮރޮމް ގޮރޮމް މާކެޓް ހިމެނޭއިރު، ތިއެބެލޭ ވިލެޖް އާއި، ބޯބޯ ދިއަލާސޯގެ ސަގާފީ ކަންކަން ބަލާލުން ރަނގަޅެވެ. މި ގައުމުގައި ވޮލްޓާ ކޯރު މައިގަނޑު ތިން ބަޔަކަށް ކަފިވެފައިވެ އެވެ.

ގުދުރަތީ ރީތިކަމާއި ޖަނަވާރާއި ދޫނި ސޫފާ ސޫފިތައް ބަލާލުމަށް ބެންފޯރާ ވޯޓާފޯލްއާއި، ލޭކް ޓަންގްރޭލާ، އާލީ ނެޝަނަލް ޕާކް، ޑަބްލިއު ނެޝަނަލް ޕާކް، ޒިނިއާރޭ ނެޝަނަލް ޕާކްފަދަ އެތައް ޕާކަކަށް ޒިޔާރަތްކޮށްލެވޭނެ އެވެ.

ސަގާފަތް

ބަކީނާ ފާސޯގައި މުސްލިމުންނާއި ކްރިސްޓިއަނުންގެ ގިނަ މީހުން ސަގާފީ ދީންތަކުގެ އާދަކާދަ ދީނާ މަސްހުނިކޮށްފައިވެ އެވެ. މި ގައުމުގައި 60 އެތްނިކް ގްރޫޕްސް ދިރިއުޅެ އެވެ. އެކި ސަރަހައްދުތަކުގައި ކޮށް އުޅޭ ސަގާފީ ކަންތައްތައް ތަފާތެވެ.

ބަކީނާ ފާސޯގައި އެންމެ ގިނައީ މޮސީ ދަރިކޮޅުގެ މީހުންނެވެ. މިމީހުން ފުއްލާގެ ދަޅު ބޭނުންކޮށްގެން މާސްކް ހަދާފައިވާ މާސްކް އަޅަ އެވެ. ލޯބީ މީހުންނަކީ އާޓިސްޓިކް، ބޯބޯ ކޮކާ މާސްކާއި، ވުޑް ކާވިންގއަށް މަޝްހޫރު ބައެކެވެ.

މާސްކް އަޅައިގެން ދީނީ ކަންކަމަށް ނެށުމަކީ މި ގައުމުގެ ގިނަ އެތްނިކް ގްރޫޕްތަކުގެ އާދަކާދަ އެކެވެ. މީގެ އިތުރުން ޕޮޓަރީ އާއި ސަގާފީ ފޭރާން ހެދުމާއި މިއުޒިކާއި އަނގަބަހުން ވާހަކަ ކިޔުމާއި ސްލާމް ޅެންވެރިކަމާއި ތިއެޓާ ފަދަ ކަންކަން އޮވެ އެވެ. މިގައުމުގެ އެކި ގަބީލާތަކުން އަވައްޓެރި ގައުމުތަކަށް އެކި މޫސުމުގައި މަސައްކަތް ހޯދުމަށް ގޮސް އުޅެ އެވެ.

ކެއުންބުއިން

ބަކީނާ ފާސޯގެ ކެއުމުގައި އަވައްޓެރި ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ކެއުންތައް އެކުވެފައިވާއިރު، ފަރަންސޭސި ކުލަތައް ވެސް ފެނެ އެވެ. މީގެތެރޭގައި ބަތް، މިލެޓާއި މެއިޒް، ސޯގަމް ބަދަން، ކުކުޅު، ގެރި އަދި ބަކަރި މަހާއި، ކޯރު މަހާއި، އަލުވި ފަދަ ތަރުކާރީ، މޭވާއާއި، ސޫޕް އަދި ސްޓޫ، ޕާން ފަދަ ކެއުން ހިމެނެ އެވެ. އަދި ސުމްބަލާ ރައިސް ގްރާ، ދަ ތޯ، ޕުލޭ ބައިސިކަލް، ޕޯކަފޫ، ސްޕައިސީ ބީފް ސޫޕް، ރަގޫ ޑި އިނާމް، ބަބެންޑާ، ރިޒް ގްރާ، މާފޭ، ޕޫލޭ ޔަސާ، ސޯސް ގޮމްބޯ، ފޫފޫ، ސަމްސާ އަދި ސަގްބޯ ވެސް ހިމެނެ އެވެ. ބުއިންތަކުގެ ތެރޭގައި ސައި އަދި އެކިވައްތަރުގެ އާދަޔާ ހިލާފު ޖޫސް މަޝްހޫރެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިން ބަކީނާ ފާސޯއަށް ދަތުރުކުރުމަށް ވިސާ ނަގަންޖެހެ އެވެ. ނަމަވެސް މިއީ ދާހިލީ ހަމަނުޖެހުމާ ހެދި ދަތުރުކުރުމަށް ރައްކާތެރި ގައުމެއް ނޫނެވެ.