އަލްބޭނިޔާ

އިސްލާމީ ގައުމުތައް - އަލްބޭނިއާ

ރަ މަޟާން މަހަށް ހާއްސަކޮށްގެން އަވަސް އިން ގެނެސްދިން އިސްލާމީ ގައުމުތަކުގެ ސީރީޒްގައި އެންމެ ފަހު ގައުމެއްގެ ގޮތުގައި މިއަދު މިގެނެސްދެނީ ޔޫރަޕްގެ އަލްބޭނިއާއާ ބެހޭ މައުލޫމާތެވެ.

އަލްބޭނިއާ

އިރު ދެކުނު ޔޫރަޕްގެ ރިޕަބްލިކް އޮފް އަލްބޭނިއާ އަކީ 1912 އާ ހަމައަށް އޮޓޮމަން އެމްޕަޔާގެ ދަށުގައޮ އޮތް ބަލްކަން ސަރަހައްދުގެ ގައުމެކެވެ. މިއީ މުއްސަނދި ތާރިހެއް އޮތް ގައުމެކެވެ. އަލްބޭނިއާގެ ހުޅަނގު އުތުރުގައި މޮންޓިނީގްރޯ އޮންނައިރު، އިރު އުތުރުގައި ކޮސޯވޯ، އިރު މަތީގައި ނޯތް މަސެޑޯނިއާ، ދެކުނުގައި ގްރީސް އަދި ހުޅަނގުގައި މެޑިޓަރޭނިއަން ކަނޑުގެ އޭޑްރިއެޓިކް އަދި އައޯނިއަން ސީ އޮވެ އެވެ.

އަލްބޭނިއާ އޮތީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސް ވަރުން ފެށިގެން 1989 އާ ހަމައަށް ކޮމިއުނިސްޓް ގައުމެއްގެ ގޮތުގަ އެވެ.

އަލްބޭނިއާގެ އިގްތިސާދު ތަރައްގީވާން ފެށީ 1990ގެ އަހަރުތަކުގައި އާއި ކޮސޯވޯ ހަނގުރާމައިގެ ފަހުންނެވެ. މިއީ ގުދްރަތީ ވަސީލަތްތަކާއި ރީތި ތަންތަން ގިނަ ގައުމެކެވެ.

އަލްބޭނިއާގެ ގާތްގަނޑަކަށް 40 ޕަސަންޓް މީހުން ދަނޑުވެރިކަން ކުރާއިރު، އެއާ ގުޅުން ހުރި ކަންކަން (ތަކެތި ބަންދުކުރާ ފެކްޓްރީތައް) ގައި މަސައްކަތްކުރާ މީހުންނާއި މަސްވެރިންނާއި އެހެނިހެން ހިދްމަތްދޭ މީހުން އުޅެ އެވެ.

އަލްބޭނިއާ އަށް ކާބޯތަކެތި އެތެރެ ކުރަންޖެހެނީ ވަރަށް މަދު އަދަދަ ކަށެވެ. އަލްބޭނިއާގެ ހުޅަނގު ދެކުނު ސަރަހައްދުގައި ޕެޓްރޯލިއަމް އާއި ނެޗުރަލް ގޭސް ހުރުމުގެ އިތުރުން ކްރޯމިއަމް ފަދަ މައުދަންގެ ރިޒާވްތައް ހުރެ އެވެ. މިއީ ފަރުބަދައާއި ޖަންގަލީތައް ގިނަވުމުގެ އިތުރުން، ގިނަ ކޯރުތަކާއި ލޭކްތައް ހުންނަ ގައުމެކެވެ. އަދި އޭގެ ބޭނުން ކޮންމެވެސް ވަރަކަށް އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންކުރެ އެވެ. އެނާޖީ ވެސް އެކްސްޕޯޓްކުރެ އެވެ.

އަލްބޭނިއާ ވަނީ 2014 އިން ފެށިގެން އީޔޫގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާފަ އެވެ. މެންބަރުކަމުގެ ޝަރުތު ހަމަކުރުމަށްޓަކައި، މި ގައުމުގައި ދަނޑުވެރިކަން ކުރާ މީހުންނަށް އެ ސިނާއަތް ތަރައްގީކުރުމަށް އެހީވަމުންދެ އެވެ. އަލްބޭނިއާ އިން ބޭރުގައި މަސައްކަތްކުރާ މީހުން ފޮނުވާ ފައިސާއަކީ ވެސް އެ ގައުމުގެ އިގްތިސާސށް ވަރަށް މުހިއްމު ބައެކެވެ. މިގައުމުގެ ދިރިއުޅުމުގެ ފަންތިތަކުން ގިނައީ މެދު ފަންތިއާއި (މަތީ) މެދު ފަންތީގެ މީހުންނެވެ.

އަލްބޭނިއާގެ 2.8 މިލިއަން މީހުންގެ އާބާދީއަށް ބަލާއިރު ގާތްގަނޑަކަށް 60 ޕަސަންޓަކީ މުސްލިމުންނެވެ. މީގެ ތެރެއިން 90 ޕަސަންޓަށް ވުރެ ގިނައީ ސުންނީ މުސްލިމުންނެވެ. ދެން އެންމެ ގިނައީ ކްރިސްޓިއަން ދީނުގެ ގޮފިތަކެވެ. މިގައުމުގައި ކޮމިއުނިސްޓް ވެރިކަން އޮތްއިރު ދީނީ ކަންކަން މަނާކޮށް، މިސްކިތްތަކާއި ފައްޅިތައް ހަލާކުކޮށްފައިވެ އެވެ. ވޭތުވެދިޔަ 30 އަކަށް އަހަރުގެ ތެރޭގައި ދީނީ ކަންކަން އާލާވި ނަމަވެސް، މި ގައުމުގެ ސަރުކާރުން އެކަންކަން ކުރިއެރުވުމަށް އެއްބާރުލުމެއް ނުދެ އެވެ.

އަލްބޭނިއާގެ ރަސްމީ ބަހަކީ އަލްބޭނިއާ ބަސް ކަމުގައިވީއިރު، މި ގައުމުގައި މަދުން ނަމަވެސް އުޅޭ އަވަށްޓެރި ގައުމުތަކުގެ ދަރިކޮޅުގެ މީހުން އެ ގައުމުތަކުގެ ބަހުން ވާހަކަ ދައްކަ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

އަލްބޭނިއާގެ ވެރިކަން ކުރާ ތިރާނާ އަކީ އެންމެ ބޮޑު ރަށެވެ. މި ރަށުގެ އާސާރީ ތަންތަނާއި ބިނާތަކާއި އޮޓޮމަން އަދި އެހެން ބާރުތަކުގެ އާކިޓެކްޗާ، ރީތި މިސްކިތްތަކާއި، ކެތީޑްރަލްތަކާއި، ގަނޑުވަރުތައް ހުރެ އެވެ. މިގޮތުން ސްކެންޑަބާގް ސްޓެޗޫ އާއި، މޮނިއުމަންޓް، ކަލާޖާ އޭ ތިރާނީސް ގަނޑުވަރު، ޕެޓްރޭލާ ގަނޑުވަރު، ތުރުކިޔޭއިން އަޅައިދޭ (ނަމާޒްގަރް) ގްރޭންޑް މިސްކިތާއި، އެތްހެމް ބޭ މިސްކިތާއި، ސުލްތާން ބަޔޭދިޑް މިސްކިތާއި، ނެޝަނަލް ހިސްޓޮރިކަލް މިއުޒިއަމް، ބަންކްއާޓް2، ހައުސް އޮފް ލީވްސް، އޯތޮޑޮކްސް އޮޓޯސެފަލަސް ޗާޗް، ކްލޮކް ޓަވާ، ޑަޖްތީ އެކްސްޕްރެސް ކޭބަލް ކާ، ޕިރަމިޑާ އާއި ބެލް އޮފް ޕީސް، ގްރޭންޑް ޕާކާއި، ޕާކް ރާނިއާ، ޑްޖްތީ ނެޝަނަލް ޕާކް، ރުގާ މުރާތް ޓޮޕްތާނީ އާއި، ޓެނާސް ބްރިޖްގެ އިތުރުން ކެފޭތަކާއި، ރެސްޓޯރަންޓްތައް ހިމެނެ އެވެ.

އާސާރީ ތަންތަން ބަލާލަން ބޭނުންނުނަމަ ޕްރޭޒާ ގަނޑުވަރު، ރޮޒާފާ ގަނޑުވަރު، އެލްބަސަން ގަނޑުވަރު، ކްރޫޖާ ގަނޑުވަރުގެ އިތުރުން އެތައް ގަނޑުވަރުތަކެއް މި ގައުމުގައި ހުރެއެވެ. ކޭވް އޮފް ޕެލުމްބާސް، ބުޓްރިންޓް އެމްފިތިއެޓާ އަދި ރުއިންސް، ޑުރެސް، ބެރަތް، އެޕޮލޯނިއާ، ކަލާޖާ އަދި ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓެއް ކަމުގައިވާ ޖިރޮކާސްޓަރް ސިޓީ ފަދަ ތަންތަނަކީވެސް ގުދްރަތީ ރީތިކަމާއި އާސާރީ ތަންތަނުގެ އިތުރުން ރީތި އާކިޓެކްޗާ ހުންނަ ރަށްރަށެވެ.

މި ގައުމުގެ ރީތި ވާދީތަކާއި ހޮހޮޅަތަކާއި ލޭކްތަކާއި ކޯރު އަދި ވޯޓަފޯލްތަކައި ރީތި ގޮނޑުދޮށްތައް ހުންނަ ތަނެކެވެ. އެގޮތުން ކޮމާނީ ލޭކް އާއި ލޭކް ސްކޯޑާ ފަދަ އެތައް ރީތި ލޭކްކަކާއި ނެޝަނަލް ޕާކްތައް ބަލާލުމަކީ ވަރަށް ހިތްގައިމު ކަމެއްކަމުގައި ބެލެވެއެވެ. އަދި މި ގައުމަށް ހާއްސަ އަދި ތަފާތު އެތައް ޖަނަވާރާއި ދޫނިއުޅެއެވެ.

ސަގާފަތް

އަލްބޭނިއާ ގިނަ ރައްޔިތުންނަކީ އަލްބޭނިއާ ދަރިކޮޅުގެ މީހުނެވެ. މިއީ ޒަމާނުއްސުރެއް މުއްސަނދި ކާބަފައިންގެ ސަގާފަތެއް އޮތް ގައުމެކެވެ. ކޮމިއުނިސްޓް ދުވަސްވަރު ކަންކަން މަނާކޮށްފައިވީނަމަވެސް، ސަގާފީ ކަންކަން ފޮހިގެން ނުގޮސް، މިދިޔަ 30 ހަކަށް އަހަރުތެރޭގައި ސަގާފީކަންކަން ތަރައްގީވާންފަށައި، އަލްބޭނިއާގެ ސަގާފަތާއި ގައުމިއްޔަތު ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ރަތާއި ކަޅު ކުލަ، އެމީހުންގެ ގައުމީ ނިޝާންކަމުގައިވާ ދެ ބޯ ލީ ބާޒު ވަރަށް ގިނައިން ބޭނުންކުރެއެވެ. ޖިރޮކާސްޓަރް ސިޓީ ގައި ގައުމީ ސަގާފީ ފެސްޓިވަލެއްވެސް ބާއްވައެވެ. މިއީ އާއިލާއަށް ސަމާލުކަމާއި އިސްކަންދީ، މެހެމާންދާރީ އާއި އާއިލާގެ ޝަރަފާއި ވެވޭ ވައުދުތައް ފުއްދުމަށް އިސްކަންދޭ (ބޭސާ) ބައެކެވެ. ހުދާއި ރަތް އެކުލެވިގެންވާ ސަގާފީ ހެދުން އެކިކަންކަމުގައި ލުމަށް ލޯބިކުރާ މިގައުމުގެ ގިނަ މުސްލިމް އަންހެނުން ބުރުގާ ނާޅައެވެ. މި ގައުމުގެ މީހުން ފުޓްބޯޅަކުޅުމާއި ނެށުމަށާއި މިއުޒިކް ކުޅުމަށް ޝައުގުވެރިވެއެވެ.

ކެއުންބުއިން

އަލްބޭނިއާގެ ކެއުމުގައި މެޑިޓަރޭނިއަން ރަހަ އެކުލެވިގެންވެއެވެ. މީހުން އާންމުކޮށް ކައި އުޅެނީ ބަތް، ބީންސް، އަލުވި، އެހެން ތަރުކާރީ އަދި ކުކުޅު، ގެރި، ލޭމްބް އަދި ކަނޑުމަހެއެވެ. ޖެލޭ، ފަރްގީސް، ތަރާތޯ، ބައިރެކް، ތަވޭ ކޯސީ، ބޭކްޑް ޗީޒްވިތް ޓޮމޯޓޯޒް، ޕެޝްކް ޑީ ޕެރިމާ ޑި ޓާވޭ، ޖާނޭ މޭ ފަސޫލީ، ކޮފްތާ އަދި މީޓްބޯލްސް، ތަވޭ މިޝީ، ސަރްމޭ، ޕިސްޕިލި، ސްޕެކާ އެމްބުޝުރާ، ޕަރީމޭ ޑި ޒިގާރޭ، ކިފްކީ، ޖެލް ޑެތީ މޭ ޕިރްޝޭޝް އަދި ޑޯލްމާ ޖަޕްރަކް އަކީ މިގޮތުން ފާހަގަކޮށްލެވޭ ކެއުމެވެ. ފޮނި ކާއެއްޗޭހީގެ ތެރޭގައި ބަކްލާވާ، ކަނޯޖެޓް، ޕެންޑިސްޕަންޔޭ، ބަލޮކުމޭ، އަޝޫރޭ، ޓްރިލޭޝް، ފްލިޔާ އަދި ޕެޓޫލާ ފަދަ ކެއުން ހިމެނޭއިރު، ކޮފީ، ސައި، ދާލޭ، ބޯޒާ ބުއިމަކީ އާންމު ކަމެކެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް އަލްބޭނިއާއަށް ޒިޔާރަތްކުރުމަށް ވިސާ ނަގަންޖެހެއެވެ.