ދި ވެހިރާއްޖޭގެ ދެކުނުން އައްޑުއަތޮޅާއި 500 އެއްހާ ކިލޯމީޓަރު ދުރުމިނުގައި އޮތް ޗާގޯސް އާކިޕެލަގޯގެ އިމާ ގުޅުވައިގެން ދިވެހިރާއްޖޭގެ ސަރަހައްދުގެ އިން ކަނޑައެޅުމާއި ގުޅޭގޮތުން ބައިނަލްއަގުވާމީ ކަނޑާބެހޭ ގާނޫނީ ސަރަހައްދީ މައްސަލަތަކަށް ގޮތް ކަނޑައަޅާ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދި ލޯ އޮފް ދި ސީ (އިޓްލޮސް) އިން ރާއްޖެ ގަޑިން މާދަމާގެ މެންދުރެއްހާއިރު އެ ޓްރައިބިއުނަލްގެ ނިންމުން އިއްވުމަށް އޮތީ ތާވަލުކޮށްފަ އެވެ.
ޗާގޯސްއާ ރާއްޖެއާ ގުޅޭ ހިސާބަކީ ކޮބާ
މިއަދާ ހަމައަށްވެސް ޗާގޯސް އަކީ އިނގިރޭސިވިލާތުގެ ބާރު ހިންގަމުންދާ ތަނެކެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ޗާގޯސް ގޮސްފައިވަނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. ދިވެހިރާއްޖެވެސް އިނގިރޭސީންގެ އަތްދަށް ދިޔަ ކަހަލަ ގޮތަކަށެވެ. އޭގެ ކުރިން ޗާގޯސް އަކީ 15 ވަނަ ގަރުނުގެ ތެރޭގައި ދިވެހިންގެ ރަށްތަކެއް ކަމަށް ނިންމާފައިވާ ނިންމުންތަކެއް އޭރުގެ ރާއްޖޭގެ ރަސްގެފާނު ލިޔުއްވާފައިވާ ފަތްކޮޅުތަކުގެ ފަތްފުއްތަކުގައި ލިޔެވި ރައްކާކުރެވިފައި އެބަ ހުއްޓެވެ. އިނގިރޭސިންގެ ހިމާޔަތުގައި މިއަދުވެސް އޮތް ޗާގޯސްގެ އިސްތިގުލާލު މިހާތަނަށް ބައިނަލްއަގުވާމީ އެއްވެސް ގާނޫނަކުންވިޔަސް އަދި އެހެންވެސް ލިޔުމަކުންވިޔަސް ރަސްމީކޮށް ކަނޑައަޅާފައެއް ނުވެ އެވެ.
ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު 500 އެއްހާ ކިލޯމީޓަރުވެސް ރަނގަޅަށް ހަމަނުވެ އެވެ. އެއީ އައްޑު އަތޮޅާއި މާލެ އާއި ދެމެދު މިއޮތްވަރުގެ ދުރުމިނެކެވެ. ގުދުރަތީ ގޮތުން ޗާގޯސް އާއި ދިވެހިރާއްޖެ އުފެދިފައި އޮތް ކޮންޓިނެންޓަލް ޝެލްފަކީ އެއް ޝެލްފް އެކެވެ.
ޗާގޯސް އާއި ދެން އެންމެ ކައިރީގައި އޮތީ އިރުމަތީ އެފްރިކާގެ ގައުމެއް ކަމުގައިވާ މޮރިޝަސް އެވެ. އެއީ ޗާގޯސް އިން 2،100 އެއްހާ ކިލޯމީޓަރަށްވުރެވެސް ދުރުގައި އޮތް ގައުމެކެވެ. ދިވެހިރާއްޖެއާއި ޗާގޯސް އެއް ކޮންޓިނެޓަލް ޝެލްފްގައި އޮތްއިރު މޮރިޝަސް އުފެދިފައި އޮތީ ޗާގޯސްއާ އެއް ކޮންޓިނެންޓަލް ޝެލްފަކުވެސް ނޫނެވެ.
މޮރިޝަސް އާއި ޗާގޯސް އަކީ ކުރީގެ ތާރީހުތަކެއްގައި އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް ތަންތަނެވެ. ނަމަވެސް މޮރިޝަސްގެ މައްޗަށް އޮތް އިނގިރޭސިންގެ ހިމާޔަތް އިނގިރޭސީން ދޫކޮށްލީ 1968 ގައެވެ. އެކަމަކު އިނގިރޭސީން އޭރުވެސް ޗާގޯސްގެ ހިމާޔަތް ދޫކޮށްފައެއް ނުވެ އެވެ. ސަބަބަކީ ޗާގޯސް އަކީ މާދުރުގައި ވަކީން އެކަހެރިކޮށް އޮތް އާކިޕެލަގޯ އަކަށް ވުމުންނާއި އަދި އެއްވެސް އެހެން ބައެއްގެ މިލްކުވެރިކަން ޗާގޯސްގެ މައްޗަށް ނެތުމެވެ. އެހެންކަމުން އިނގިރޭސީންގެ ހިމާޔަތް ދަށުގައި މިވަގުތާއި ހަމައަށްވެސް ޗާގޯސް މިދަނީ ދެމިގެންނެވެ.
ދިވެހިރާއްޖެ އަށް 1965 ގައި އިނގިރޭސީންގެ ހިމާޔަތުން މިނިވަންކަން ލިބުނު ފަހުން ދިވެހިރާއްޖޭގެ އިމުގެ ސަރަހައްދު ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތީން ކަނޑައެޅުމަށް މިހާތަނަށް ދިވެހިރާއްޖެއިން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ދިވެހިރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ގާތް ދުރުމިނާއި، ތާރީހީ ބައެއް ލިޔުންތަކުގައި ހުރި ބައެއް މައްސަލަތަކުގެ ސަބަބުން ޗާގޯސްއާ ދިމާލުން ރާއްޖޭގެ އިން ކަނޑައެޅުމުގައި މައްސަލަ ދިމާވި އެވެ. އަދި އޭރުއްސުރެ މިކަން ބައިނަލްއަގުވާމީ މައްސަލައެއްގެ ގޮތުގައި ހިނގަމުން އަންނަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް މައްސަލައެއްގެ ގޮތުގަ އެވެ.
އިނގިރޭސީންގެ ހިމާޔަތުގައި ޗާގޯސް އޮތް އިރު ޗާގޯސްގައި މަސައްކަތް ކުރުމަށް އިނގިރޭސީން ގެންގޮސްފައި ތިބި މަދުމީހުންކޮޅެއް ޗާގޯސް ރަށްތަކުގައި 1960ގެ އަހަރުތަކުގައި ތިއްބެވެ. އެމީހުން ޗާގޯސް އިން މޮރިޝަސް އަށާއި އަދި އިނގިރޭސިވިލާތާއި ސީޝެލްސް އަށް ވަނީ ފަހުން ގެންގޮސްފަ އެވެ. އަދި މިއަދު ޗާގޯސްގައި އޭގެ އެއްވެސް މީހަކު ނުއުޅެ އެވެ. އެކަމަކު މިދެންނެވި މީހުންގެ ތެރެއިން މީހުންކޮޅެއް އެތިބަ ތަންތަނުން ތިމަންނާމެންގެ ވަޒަނުން ހައްގު ނޫން ގޮތެއްގައި ބޭރުކޮށްލިކަމުގެ ޝަކުވާ ބައިނަލްއަގުވާމީ އިދާރަތަކަށް ދާދި ފަހުގެ އެކި ތާރީހުތަކުގައި އެކި ސިފަސިފައަށް ގޮތް ނޭނގޭ އެކި ބޭނުމަށް ހުށަހަޅަމުން ވަނީ ގޮސްފަ އެވެ.
މިމީހުންކޮޅެއްގެ ޝަކުވާއާއި ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން އެޑްވައިޒަރީއެއް ނުވަތަ ލަފައެއް 2010 ގައި ނެރުނެވެ. އޭގައިވާ ގޮތުން އެމީހުންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ނިންމި އެވެ. ނަމަވެސް ޗާގޯސްގެ އިސްތިގުލާލާއި ބެހޭ އެއްވެސް ނިންމުމެއް އެކޯޓުން ނިންމާފައެއް ނުވެ އެވެ. ނިންމަން ނުވެސް ޖެހެ އެވެ. ސަބަބަކީ ކޯޓަށް ހުށަހެޅުނު މައްސަލައަކީ ޗާގޯސްގެ އިސްތިގުލާލާ ބެހޭ އެއްވެސް ކަމެއް ނިންމުމަށް ހުށަހެޅުނު މައްސަލައަކަށް ނުވުމެވެ. އެކަމަކު މިދެންނެވި މަދު ބަޔަކު އަނބުރާ ޗާގޯސް އަށް ދިއުމުގެ މަސައްކަތްތަކެއް ކޮންމެވެސް ސަބަބަކާ ހުރެ މިއަދުވެސް ދަނީ ކުރަމުންނެވެ.
މި މައްސަލަތައް މިހެން ހުރެމެ މިކަން ދިގުދެމިގެން އައިސް 2019 ގައި ކުއްލި ގޮތެއްގައި އދގެ ޖެނެރަލް އެސެމްބްލީން ޑީކޮލޮނައިޒޭޝަންގެ މައްސަލައެއް ކަމަށް ބުނެ އިނގިރޭސި ސަރުކާރާ ދެކޮޅަށް މޮރިޝަސްގެ ފަރާތުން މައްސަލައެއް ހުށަހެޅި އެވެ. މިމައްސަލައިގައި އދގެ އާންމު މަޖިލީހުގައި ނެގުނު ވޯޓުގައި ހަ ގައުމެއް ފިޔަވާ ހުރިހާ ގައުމަކުން ވޯޓު ދިނީ ޗާގޮސް އަކީ މޮރިޝަސްގެ އިސްތިގުލާލީ ބާރު ހިނގާ ތަނެއް ކަމަށެވެ. އެގަރާރަށް ވޯޓް ނުދީ އެ ނިންމުމާ ދެކޮޅު ހެދި ގައުމުތަކަކީ ދިވެހިރާއްޖެ، އިނގިރޭސިވިލާތް، އެމެރިކާ، ފްރާންސް، އޮސްޓްރޭލިއާ އަދި ހަންގޭރީ އެވެ.
މި ގަރާރު ފާސްވީ ފަހުން ޗާގޯސްގެ ތިމާވެށީގެ ދިރާސާތަކެއް ކުރުމަށް ކަމަށް ބުނެ މޮރިޝަސްގެ ގުރޫޕަކުން ޗާގޯސް އަށް އަރައިފައިބައިފައިވެ އެވެ. ނަމަވެސް މިކަން އިނގިރޭސިވިލާތުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ރާއްޖެއިން ކުރިން މިދެންނެވި ގޮތަށް މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނުމަށްފަހު މިދިޔަ އަހަރު ކުއްލިއަކަށް އިވުނީ ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ނިންމުން ނުވަތަ ސްޓޭންޑް ބަދަލުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްއަށް ރަސްމީ ސިޓީފުޅެއް ފޮނުއްވި ހަބަރެވެ. މާނައަކީ ދިވެހިރާއްޖެއިން ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ގަބޫލުކުރައްވާ އެކަން އެ ގައުމަށް ރަސްމީކޮށް އެންގެވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިވަރުގެ ނިންމެވުމެއް ނިންމަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބަހެއް ވެސް ނުހޯދަ އެވެ. ރައީސް ސޯލިހްގެ ސިޓީފުޅާ ގުޅިގެން މޮރިޝަސް އިން ވަނީ ރާއްޖެއާއި މޮރިޝަސްގެ އިން ވަކިކުރާއިރު ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ކަނޑައަޅައި ޗާގޮސްއާއި ހިސާބުން މޮރިޝަސްގެ ސަރަހައްދީ އިން ނެގެން އޮތް އެންމެ ބޮޑަކަށް ނަގައި ކަނޑައަޅައިދިނުމަށް އިޓްލޮސްގައި އެދިފަ އެވެ.
ޗާގޯސް މައްސަލައިގެ ކުރީ ސަރުކާރުގެ މަސައްކަތްތައް
މިވަގުތުވެސް ޗާގޯސްގެ އަތޮޅެއްގައި ހިމެނޭ ޑިއެގޯގާސިއާ އޮތީ އިނގިރޭސިން އެމެރިކާއަށް އަސްކަރީ މަރުކަޒެއް ހިންގަން ކުއްޔަށް ދީފަ އެވެ. އެހެންކަމުން މިވަގުތަށްވެސް ޗާގޯސްގެ ބާރުވެރި ފަރާތަކީ އިނގިރޭސިވިލާތެވެ. އަދި އެއްވެސް ބައިނަލްއަގުވާމީ ކޯޓަކުން ޗާގޯސް، އެމެރިކާ އިނގިރޭސިވިލާތުގެ މި އެއްބަސްވުމަށް ގޮތެއް ނިންމާފައެއް ނުވެ އެވެ. ގޮތެއް ނިންމާކަށް ނުވެސް ޖެހެ އެވެ. އެއީ އިނގިރޭސީންގެ ބާރުގެ ދަށުގައި މިއަދުވެސް ޗާގޯސް އޮތުމުންނެވެ.
ދިވެހިރާއްޖެ މިނިވަންވުމަށްފަހު ދިވެހިރާއްޖޭގެ ދެކުނުން ރާއްޖޭގެ ސަރަހައްދު ވަކިކޮށް އިން ކަނޑައެޅުމަށް ގޮތެއް ނުނިންމައި ރައީސް ނާސިރު ބޭއްވެވީ އެވެ. ލޯ އޮފް ދި ސީގެ ވާހަކަ ފެންމަތިވުމާއެކު އިން ކަނޑައެޅުމަށް އެންމެ ފުރަތަމަ ރަސްމީ ގޮތެއްގައި މަޝްވަރާ ކުރެވުނީ ރައީސް މައުމޫނުގެ ދައުރުގައި 1992 ގައެވެ. ޗާގޯސް އާއި ދިވެހިރާއްޖޭގެ ސަރަހައްދު ފުށުއަރާތީ ދިވެހިރާއްޖެއިން އޭރު ނިންމީ ރައީސް ނާސިރުގެ ދައުރުގައި ކުރިން ލަންކާއާއި އިންޑިއާ އެކުވެސް ދިވެހިރާއްޖެއާއި ފުށުއަރާ ސަރަހައްދު ދެބަޔަށް ހަމައަށް ބަހާލުމަށް 1976 ގައި ނިންމި ގޮތަށް ނިންމުމަށެވެ. ނަމަވެސް މިކަމުގައި ގޮތެއް ނުނިމި ދިގު ދެމުނީ އެވެ.
މިހެން މިކަން ދިގުދެނމިފައި ވަނިކޮށް ކޮންވެންޝަން އޮން ދި ލޯ އޮފް ދި ސީގައި ރާއްޖެއިން 2000 ވަނަ އަހަރު ބައިވެރިވި އެވެ. ނަމަވެސް އު މުއާހަދާ އޭރު ތަސްދީގެއް ނުކުރެ އެވެ. މުއާހަދާ ތަސްދީގު ކުރީ 2010ގައި ރައީސް ނަޝީދެވެ. އަދި އެއާއެކު 2010 ގައި ރާއްޖޭގެ އިން ޗާގޯސް ސަރަހައްދުން ވަކިކުރުމަށް އިސްނަގައި ރައީސް ނަޝީދު ކުރީގެ ބަންޑާރަނައިބު ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ މުނައްވަރާ މަޝްވަރާކޮށް އެމަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގަތެވެ. ޑރ. މުނައްވަރު އޭރު ލަފާ ދެއްވީ ރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު ޗާގޯސް ސަރަހައްދުން އިންކަނޑައެޅުމަށް މަޝްވަރާ ކުރުމަށެވެ. ނަމަވެސް މިކަމަށް ދެގައުމުގެ ދެމެދުގައި ރަސްމީ އެއްބަސްވުމެއް ނެތުމާއެކު ލޯ އޮފް ދި ސީގެ އުސޫލުގެ ދަށުން އިނގިރޭސިވިލާތާއި ދިވެހިރާއްޖެ ދެގައުމުން އެއްބަސްވާ ގޮތަކަށް ކުރިއަށް ގެންދިއުމަށް އޭރު ނިންމުނެވެ. އެކަމަކު ޗާގޯސް އަކީ އިނގިރޭސިންގެ ބާރު އޮތްތަނަކަށްވުމާއެކު އިނގިރޭސިވިލާތުން މިކަމުގައި ގޮތެއް ނުނިންމައި ގަސްދުގައި މަޑު ޖެއްސީ އެވެ.
މިހެން މިކަން އޮއްވައި ރައީސް ނަޝީދު 2010 ގައި މޮރިޝަސް އަށް ވަޑައިގެން އިނގިރޭސިން ޗާގޯސްގައި ފަރު ހިމާޔަތް ކުރުމުގެ ސަރަހައްދެއް ކަނޑައަޅަން އުޅޭކަމަށް ވިދާޅުވެ މޮރިޝަސް އާއި ދިވެހިރާއްޖެއާއި ގުޅިގެން ޗާގޯސް އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް މަސައްކަތް ކުރުމަށް މޮރިޝަސް އަށް ހުށަހެޅުއްވި އެވެ. އިނގިރޭސިންގެ ބާރު ޗާގޯސްއަށް ކަނޑުވާލުމުގެ މަސައްކަތަކަށް މިކަންވެ މޮރިޝަސް އިން ޗާގޯސް ސަރަހައްދުގެ މިލްކުވެރިކަމަށް ފައި ނެގީ މިހިސާބުންނެވެ.
ނަމަވެސް ރާއްޖޭގެ ސިޔާސީ މައިދާން ހަލަބޮލިވެ ރައީސް ނަޝީދުގެ ސަރުކާރު ފަހުން ބަދަލުވީ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ފަހުން ވެރިކަމަށް ވަޑައިގަތެވެ. ރައީސް ޔާމީނުގެ އިގްތިސޯދީ މިސްރާބު އިރުމައްޗަށް އަނބުރާލިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މޮރިޝަސް އިން 2017 ގައި މިލިޔުމުގައި ކުރިންވެސް ފާހަގަކުރި ފަދައިން ޗާގޯސްގައި އުޅުނު ބަޔަކު ލައްވައި އައިސީޖޭއަށް އިންސާނީ ހައްގުތަކުގެ މައްސަލަ އެއް ވައްދައި އިސްތިޝާރީ ލަފައެއް އައިސީޖޭ އިން ނެރުނެވެ. ކުރިންވެސް ދެންނެވިފައިވާ ފަދައިން އެ ލަފައަކީ އެއްވެސް ހާލެއްގައި ޗާގޯސްގެ މިލްކުވެރިކަން އެއްވެސް ގޮތަކަށް ކަނޑައެޅި ނިންމުމެއް ނޫނެވެ.
މޮރިޝަސް އިން މިފެށި މަސައްކަތް ފުރަތަމަ ގިއަރަށް ލައި އައިސީޖީގެ ނިންމުމާ ވެސް ހިލާފަށް އދގައި ޗާގޯސް މައްޗަށް ކުއްލިއަކަށް މިލްކުވެރިކަން ހޯދުމަށް މަގުފަހިވާ ގޮތަށް ގަރާރެއް 2019 ގައި ވެއްދި އެވެ. އަދި ކުރިންވެސް ފާހަގަކުރި ގޮތަށް ހަ ގައުމަކުން ރައީސް ޔާމީންގެ ދައުރުގައި އެ ގަރާރާ ދެކޮޅަށް އދގައި ވޯޓް ދިނެވެ. މީގެތެރޭގައި އެމެރިކާ، ޔޫކޭ، އޮސްޓްރޭލިއާ، ފްރާންސް، ހަންގޭރީ އަދި ދިވެހިރާއްޖެ ހިމެނެ އެވެ.
ރައީސް ޔާމީނުގެ ދައުރު ނިމުމާއެކު މޮރިޝަސް އިން ޗާގޯސްގެ މައްޗަށް ހިފިހިފުން މެކުހަށް ޖަހައި ދިވެހިރާއްޖެއާ އެކު މަޝްވަރާ އަށް ނިކުތެވެ. އެއާއެކު ކުއްލިއަކަށް ދެން އިވިގެން ދިޔައީ ރައީސް ސޯލިހު ސިޓީފުޅެއް ފޮނުއްވައި މޮރިޝަސްގެ މިލްކުވެރިކަމަށް ދިވެހިރާއްޖެއިން ތާއީދު ކުރާ ކަމަށް ނިންމި ވާހަކަ އެވެ. އަދި ސީދާ ރާއްޖެއިން ކުއްލިއަކަށް މި މައްސަލަ އިޓްލޮސްއަށް ވެއްދުމަށް އެއްބަސްވި އެވެ. ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން މިއަދާއި ހަމައަށްވެސް ބައިނަލްއަގުވާމީ އުސޫލުތަކުގެ ތެރެއިން އިންސާފުން ގޮތެއް ކަނޑައެޅިފައިނުވާއިރު ދިވެހިރާއްޖޭގެ މިހާރުގެ ސަރުކާރުން މިފަދަ ނިންމުމެއް ނިންމުމަކީ ރައްޖޭގެ ސަރަހައްދުން މާސިންގާ ސަރަހައްދެއް ގެއްލިގެން ދިއުމަށް މަގުފަހިކުރެވުނު ކަމެކެވެ.
މައްސަލައިގެ ނުރައްކާ
މިމައްސަލައިގައި ދިވެހިރާއްޖެއަށް އޮތް ސީރިއަސް އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރިންވެސް ފާހަގަކުރި ގޮތަށް ޗާގޯސް އާއި ދިވެހިރާއްޖޭގެ 500 ކިލޯމީޓާރު ހަމަނުވާ ގާތް ދުރުމިނެވެ. ޗާގޯސް އެއީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ޗާގޯސް އިން ފެށިގެން މިންއަޅައިގެން ކަނޑުގެ ސަރަހައްދު ކަނޑައަޅަން އުޅެފިނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑު ބައެއް ދާއިމަށް ގެއްލުމުގެ ބިރު އެބައޮތެވެ. އެއީ ޗާގޯސް އާއި ދިވެހިރާއްޖެއާއި އެދޭތެރޭގައި ކަނޑުގެ ގާނޫނުގެ ދަށުން ކޮންމެ ގައުމަކަށްވެސް ކަނޑައަޅަން ލިބިދެވޭ ސަރަހައްދުގެ ބޮޑު މިން އެއްބައެއް އަނެއްބައެއްގެ ސަރަހައްދާއި ފުށުއަރާއިރު ހަމަހަމަކޮށް ބައިކުރުން ނޫން ގޮތެއް ނޯންނާނެތީ އެވެ.
މާދަމާގެ ވަގުތެއްގައި ޓްރައިބިއުނަލުން ނިންމާ ގޮތަކުން އެކަން ވެގެންދާނީ ރާއްޖޭގެ ސަރަހައްދު ކަނޑައެޅުމުގައި ރާއްޖޭގެ އެންމެހާ ހައްގަކަށް އުނިކަން ލިބޭނެ އަދި ދިވެހިރާއްޖޭގެ ސަރަހައްދަށް އިއާދަ ނުކުރެވޭނެ ގެއްލުމެއް ކުރިމަތިވެގެންދާނެ ނިންމުމަކަށެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ފުރިހަމަ އިޖުރާއަތްތަކަށް އަމަލުނުކޮށް ނިންމާ މިފަދަ ނިންމުމަކަށް ދިވެހި ރައްޔިތުން އެއްބަހެއް ނުވާނެ އެވެ. މިކަމުގައި އެންމެ ފަހުން ދިވެހިރާއްޖެއިން އަމަލުކުރި ގޮތަކީ އެއްގައުމު އަނެއްގައުމުން ކޮލޮނައިޒް ކުރުމަށް މަގެއް ހުޅުވައި ދިނުމަށް މަސައްކަތް ކުރުމެވެ. އެހެންކަމުން މޮރިޝަސް އަށް ޗާގޯސް ކޮލޮނައިޒް ކުރުމަށް ދިވެހިރާއްޖެ އިން ފޮނުވި ސިޓީ އަނބުރައި ގެންނަންޖެހެ އެވެ. އެސިޓީގައި ވިދާޅުވެފައިވާ ފަދައިން ހަމަ ހަގީގަތުގައިވެސް އެއްވެސް ތަނެއް އެއްވެސް ބަޔަކު ކޮލޮނައިޒް ކުރުމަށް ދިވެހިރާއްޖެއިން ތާއީދު ނުކުރާކަން ހާމަކުރަންޖެހެ އެވެ.