ރައީސް މުހައްމަދު ނަޝީދު

ނަޝީދު އެދެނީ އިޓްލޮސްގެ ނިންމުން ބަލައިނުގަތުމަށް

ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ކަނޑައަޅައި ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ރާއްޖެއިން ވަކާލާތު ކުރި ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިއަދު ނިންމި ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެ ނުރުހުން ފާޅުކުރައްވައިފި އެވެ.

އިޓްލޮސް އިން މިއަދު ނިންމީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު މިއަދު ބަހާލި ގޮތެވެ.

އިޓްލޮސްގެ ނިންމުން ދިވެހި ސަރުކާރުން ވަކާލާތު ކުރި ގޮތަށް ނިމިގެން އައުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދަވަނީ އުފާފާޅުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވަމުންނެވެ.

މެންބަރުންގެ އަމަލުތަކާ ގުޅިގެން ރައީސް ނަޝީދު މިރޭ ވަނީ ކަންބޮޑުވެވަޑައިގެން އަދި ނުރުހުންވެވަޑައިގެން މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައި ވާހަކަދައްކަވާފަ އެވެ.

ރައީސް ނަޝީދު ހިއްސާކުރެއްވި މެސެޖުތަކުގައި ވަނީ އިޓްލޮސްގެ ނިންމުމަށް މެންބަރުންތަކެއް ތާއީދުކުރައްވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި އެ މެންބަރުން އެގޮތަށް ވާހަކަދައްކަވަނީ މެންބަރުން ކުރައްވައިގެން ތިއްބެވި ހުވައާއި ހިލާފަށް ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބައެއް ގެއްލިގެން ދިއުމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.

"މެމްބަރުން މިވާހަކަ އޮޅުވާލަން އުޅުމަކީ ވަރަށް ބޮޑު ދެރައެއް،" ނަޝީދު ވިދާޅުވި އެވެ.

އިޓްލޮސްގެ ނިންމުމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗާގޯސް އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން މިހާރު މިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިކަން ބަލައި ނުގަތުމަކީ ރާއްޖެއަށް ރަނގަޅު ގޮތް،" ނަޝީދުގެ ޓްވީޓްގައިވެ އެވެ.