އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި އޮތް ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމާ ގުޅޭ މައްސަލައިގައި މިމަހުގެ 28 ވަނަ ދުވަހު ހުކުމްކުރުމަށް ތާވަލްކޮށްފި އެވެ.
ބައިނަލްއަގްވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް -- އިޓްލޮސް އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން މިމައްސަލައިގައި ގޮތް ނިންމާނީ އަންނަ ހުކުރު ދުވަހު ރާއްޖެ ގަޑިން މެންދުރުފަހު 2:00 އިރު އެވެ.
މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ކަނޑުގެ ސަރަހައްދުގެ މައްސަލަ ކުރިމަތިވީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާކިޕެލާގޯ އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިން މީގެކުރިން ކަނޑައެޅުމުންނެވެ. އައިސީޖޭ އިން އޭރު އެގޮތަށް ނިންމީ ޗާގޮސް އަކީ މޮރިޝަސްގެ އިހްތިޞާސް އޮތް ތަނެއްތޯ ބެލުމަށް ލަފައަކަށް އެ ގައުމުން ހުށަހެޅުމުން ސެޕްޓެމްބަރު 2019ގަ އެވެ. އޭރުވެސް މިހާރުވެސް ޗާގޮސްގެ މައްޗަށް ބާރު ހިންގަނީ އިނގިރޭސިވިލާތުންނެވެ.
އައިސީޖޭގެ 2019 ވަނަ އަހަރުގެ ނިންމުމުގައިވާ ގޮތުން ޗާގޮސް ރަށްތަކުގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެކެވެ. އިޓްލޮސް އިން މިދިޔަ އަހަރުވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
ބައިނަލްއަގްވާމީ ކޯޓުތަކުގެ ނިންމުންތަކުގައިވާ ގޮތުން ޗާގޮސް އަކީ މޮރިޝަންސްގެ ސިޔާދަތީ ބާރު ހިނގާ ރަށްތަކެކެވެ.
އިޓްލޮސްގައި މިހާރު ހިނގަމުންދާ ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުމުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.
ރާއްޖެއިން މީގެކުރިން އަބަދުވެސް އައީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ނޫން ކަމަށް ބުނެ ވަކާލަތުކުރަމުންނެވެ. ނަމަވެސް ދިވެހި ސަރުކާރުން މިހާރު ވަނީ ކުރީގެ ސިޔާސަތު ބަދަލުކޮށް ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ މޮރިޝަސް ސަރުކާރަށް ސިޓީ އަކުން ރަސްމީކޮށް އެކަން އަންގާފަ އެވެ.
ދިވެހި ސަރުކާރުން ޗާގޮސްގެ މައްސަލައިގައި ހިފަހައްޓަމުން އައި ސިޔާސަތު މި ސަރުކާރުން ބަދަލުކުުރުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ބައެއް ފަރާތްތަކުން ވެސް ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު ސަރުކާރުގެ ސިޔާސަތު ބަދަލުކޮށްގެން އިޓްލޮސްގައި އޮތް މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ނުދާނެ ކަމަށް ދިވެހި ސަރުކާރުން ދަނީ ބުނަމުންނެވެ.
ޗާގޮސްގެ ރަށްތަކުގައި ހިމެނޭ އެންމެ ބޮޑު ރަށް ޑިއެގޯ ގާސިއާ އިނގިރޭސީންގެ އަތުން ކުއްޔަށް ނަގައިގެން އެމެރިކާ އިން ގެންދަނީ އެ ރަށުގައި އަސްކަރީ މަރުކަޒެއް ހިންގަމުންނެވެ.