ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތު ބޮޑުވެފައި އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުން ދިރާސާކުރުމަށް އެކުލަވާލި ގާނޫނީ ޓީމުގައި ހިމެނޭ ބޭފުޅުންގެ ގާނޫނީ ލަފާ ސަރުކާރަށް ލިބިފައިވާ ކަމަށް ބަންޑާރަނައިބް އޮފީހުން ބުނެފި އެވެ.
ކަނޑުގެ ސަރަހައްދު ހޯދުމުގެ މައްސަލައިގައި ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން މިސަރުކާރުން ކަނޑައަޅާފައިވަނީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރެވެ. މީގެއިތުރުން ދެން ނހިމެނެނީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެކެވެ. މި ދެ ބޭފުޅުންނަކީވެސް ކަނޑާބެހޭ މުއާހަދާއާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ އިލްމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެ ބޭފުޅުންނެވެ.
ބަންޑާރަނައިބް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ ތަޖުރިބާކާރުން ހިމެނޭ ވިލަރެސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް އެ އޮފީހަށް ލިބިފައިވާ ޑރ. މުނައްވަރުގެ ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
ބަންޑާރަނައިބް އޮފީހުން ބުނީ މައްސަލަ ފާހަގަކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ ޖޫން 18، 2019 ގައި މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާއެކު މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. މައްސަލަ އިޓްލޮސްގައި ކުރިއަށް ދިޔައިރު ނިމިދިޔަ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާއުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައި ނުވާ ކަމަށާއި މި މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ބަންޑާރަނައިބް އޮފީހުން ބުނީ އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމުގައިވީ ނަމަވެސް މި މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު ރިއާޔަތްކުރި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަން އަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެއަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއް ނޫން ކަމަށެވެ. އަދި މިހާރުވެސް ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމުގައި ނުވާތީއާއި، އެޑްވައިޒަރީ އޮޕީނިއަންގެ މައްޗަށާއި އދގެ ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަންގެ މައްޗަށް ބިނާކޮށް، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް ބަލައި އިޓްލޮސްގައި މައްސަލަ ކުރިއަށް ގެންގޮސް، ސިޔާދަތީ ބާރުގެ މިލްކުވެރިކަމާ މެދު ހިލާފު އުފެދިފައިވާ ސަރަހައްދެއްގެ ކަނޑުގެ ބައެއް އެއީ މޮރިޝަސްއަށް ލިބިގެންވާ ތަނެއް ކަމަށް އިޓްލޮސްއިން ނިންމި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.
"އެއީ އިޓްލޮސްއަށް ގާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ކަމާމެދު ގާނޫނީ ގޮތުން ސުވާލު އުފެދޭތީ އާއި މި ސަބަބުތައް މިހެން ހުރުމުން އެ ނިންމުން އެ އޮތްގޮތަށް ތަންފީޒުކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ހަބީރުން ވަނީ ލަފާ ދެއްވާފަ އެވެ. އިސްވެ ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ކަމާބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށްޓަކައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ކަންކަން މި އޮފީހުން މިއަންނަނީ ކުރަމުންނެވެ،" ބަޔާނުގައިވެ އެވެ.
ބަންޑާރަނައިބްގެ އޮފީހުން އިތުރަށް ބުނީ މި މައްސަލަ ކުރިއަށް ގެންދިއުމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
"މި މައްސަލައާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަވަންޖެހޭ ކަންކަން ނިންމެވުމާއެކު، މި މައްސަލައިގެ އިތުރު ތަފްސީލްތައް އާންމުކޮށް ހިއްސާކުރާނެ ކަމުގައިވެސް ދަންނަވަމެވެ.،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.