އަހުމަދު އުޝާމް

އުފައްދަނީ ފިތުނަ، ކޯޓަށް ޖަވާބު ދިނިން: އުޝާމު

ބަންޑާރަނައިބް އަހްމަދު އުޝާމް -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ބަންޑާރަނައިބްގެ އޮފީހުން ސުޕްރީމް ކޯޓުގެ އެންގުމަކާ ހިލާފުވެފައިވާ ކަމަށް ބުނާތީ ބަންޑާރަނައިބް އަހްމަދު އުޝާމް އެކަން ދޮގުކުރައްވައި ކުރެވޭ ތުހުމަތަށް ރައްދު ދެއްވައިފި އެވެ.

ބަންޑާރަނައިބުގެ ރައްދެއް އައިސްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ގޮތްތަކެއް ކަނޑައަޅައި ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައިވާ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

އަލީގެ ޕޯސްޓްގައި ވިދާޅުވީ އޭނާ ހުށަހެޅި މައްސަލައިގައި މިދިޔަ ފެބްރުއަރީ 18 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި މައްސަލައަށް ޖަވާބުދާރީވާން ދައުލަތަށް ދީފައި އޮތީ 10 ދުވަހުގެ މުއްދަތެއް ކަމަށެވެ. އެ މުއްދަތުގައި ބަންޑާރަނައިބް އޮފީހުން ޖަވާބު ދީފައިވާ ނުވާ ކަމަށް ވިދާޅުވެ އެ މައްސަލައިގައި އުޝާމަށް ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެން މިއަދު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށްވެސް އަލީ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުން ދީފައިވާ ރަސްމީ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ބަންޑާރަނައިބް އޮފީހުން ކުރަންޖެހޭ ކަންކަން ކޮށްފައިވާނެ ކަމަށެވެ. އަދި އެ މުއްދަތު ހަމަވަނީ މިދިޔަ މަހުގެ 28 އަށް ނޫން ކަމަށާއި ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އެމަނިކުފާނު ވިދާޅުވި ނުވިޔަސް އަލީއަށް އެނގިވަޑައިގަންނަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.

"މިބަރަކާތްތެރި ރަމަޟާން މަހު ތިޔަފަދަ ދޮގު ވާހަކަތައް ފަތުރައި، ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމުގައި ޝާމިލްވުމަށް ނަސޭހަތްތެރިވަން،" އުޝާމް ވިދާޅުވި އެވެ.

އަލީ ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކޮށްލުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބިލެއް ފާސްކޮށްފަ އެވެ. އަދި އޭސީސީ އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީ އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްވެސް ކޮށްފަ އެވެ. އެއީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. ސުއޫދު މިހާރު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާވެސް ދެއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345