ކޫއްޑޫ

ކޫއްޑޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ދެކުނުގެ އެންމެ ބޮޑު ސިނާއީ ރަށް -- ގއ. ކޫއްޑޫ ބަނދަރު ބޮޑުކުރުމާއި އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ ސާމާނު ކޫއްޑޫއަށް ގެންގޮސްފި އެވެ.

މިމަސައްކަތް ކުރުމަށް މިއަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 78.37 މިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޫއްޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިމަހުގެ 24 ވަނަ ދުވަހު ކޫއްޑޫއަށް ސާމާނުަ ގެންގޮސްފައިވާ ކަމަށެވެ.

ކޫއްޑޫގައި މިހާރު ބޭނުންކުރަނީ 300 ފޫޓުގެ ބަނދަރެކެވެ. މިބަނދަރު ކުޑަވުމުގެ ސަބަބުން ކޫއްޑޫއަށް މަސްކިރަން ބޭނުންވާ ގިނަ ދޯނި ތަކަކަށް އެއްފަހަރާ ބަނދަރަށް ނުވަދެވެ އެވެ. އެހެންވެ ދެކުނުގެ މަސްވެރިންގެ ކަންބޮޑުވުމާއި ޝަކުވާ އަބަދުވެސް އޮވެ އެވެ.

ކޫއްޑޫ ބަނދަރު ހަދާ ނިމުމުން ގާތްގަނޑަކަށް 1،500 ފޫޓަށް ބަނދަރު ބޮޑުކުރެވޭނެ އެވެ.

މިމަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، ބަނދަރަށް އިތުރު 365 މީޓަރުގެ އެއްގަމު ތޮއްޓެއް އިތުރުކުރުމާއި، 89,516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅާ ބިން ހިއްކުމާއި، 325 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 87 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ބައްތި ހަރުކުރުންވެސް ހިމެނެ އެވެ.

ކޫއްޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއާ އެކު ސްލިޕްވޭއެއް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.