ސިއްހަތު

ސިއްހީ ދާއިރާގެ ބޮޑު މުސާރަ، ބޮޑު ހިތްހަމަޖެހުމެއް

ސި އްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ސަރުކާރުން އެކަން މިއަދު އިއުލާންކުރުމަކީ ސިއްހީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް ވަރަށް މުހިންމު ނިންމުމެއް ކަމަށް ރީޖަނަލް ހޮސްޕިޓަލްތަކުގެ ބައެއް ވެރިން ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާގެ މުސާރަތަކަށް ގެނައި ބަދަލާ ގުޅިގެން ރ. އުނގޫފާރު ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކަޓިވް އޮފިސަރު އާދަމް މާހިރު ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވެފައިވާ އެންމެ މައިގަނޑު އެއް މައްސަލައަކީ އެކަށީގެންވާ މުސާރައެއް ނުލިބުން ކަމަށެވެ. އެހެންކަމުން ސަރުކާރުން މިގެނައި ބަދަލަކީ އަތޮޅުތެރޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ވަރަށް މުހިއްމު ބަދަލެއް ކަމަށް ގަބޫލުކުރައްވާ ކަމުގައި ވިދާޅުވި އެވެ.

"އެހެންދާއިރާ ތަކާއި އަޅާބަލާއިރު މިދާއިރާގެ މުސާރައަށް ކުރިއެރުން މިހާތަނަށް ނުލިބި އޮތީ. ސިއްހީ ދާއިރާގެ ބޮޑު ޕަސެންޓެއް ޓެކްނިކަލް މުވައްޒަފުންނަކީ. އެބޭފުޅުން ކުރާ މަސައްކަތާއި ހޭދަވާ ވަގުތާއި ދެއްވާ ހިދުމަތަށް ބަލާއިރު މިއީ ވަރަށް މުހިންމު ކަމެއް. ދިވެހިންނަށް މިދާއިރާގައި ކުރިއަރަން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް މިއީ. އަދި ސަރުކާރު ހޮސްޕިޓަލް ތަކަށް ރަނގަޅު ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގައި ދިމާވާ ދަތިތަކަށްވެސް މިކަމުން ހައްލު ލިބިގެންދާނެ،" މާހިރު ވިދާޅުވި އެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ޝިޔާމް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ އެންމެ ފުރަތަމަ އިސްކަން ދޭން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މިކަމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ބޮޑުކުރި މުސާރަ މިއަދު އިއުލާންކުރީތީ އޭނާ ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ. އަދި މިބަދަލާ އެކު ސިއްހީ ދާއިރާގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

"ހާއްސަކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ހޯދުމަށް [މިއީ ކުރަންޖެހިފައި އޮތް ކަމެއް]. މިކަމުގެ ހެޔޮ އަސަރު މިދާއިރާއަށް ކުރާނެ. މިދާއިރާގެ މުވައްޒަފުން ކުރަނީ ވަރަށް ބުރަ މަސައްކަތެއް. އެހެންވެ ސިއްހީ ދާއިރާގެ ބޭފުޅުން ކުރިއަށް ދިއުމަށް ބޮޑު ބާރެއް މިގެނެވުނީ. ހާއްސަކޮށް ދިވެހިން ލިބުމަށް ވަރަށް ބޮޑު ބާރެއް މިއެޅިގެން ދިޔައީ،" ޝިޔާމު ވިދާޅުވި އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ގދ. ތިނަދޫގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ސިއްހީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމަކީ ވަރަށް މުހިއްމު އަދި ރަނގަޅު ކަމެއް ކަމަށެވެ. މުސާރައިގެ ކަންކަމުގައި އިތުރަށް ވާހަކަދައްކާނީ އެކަމުގެ ތަފްސީލްތައް އިތުރަށް ލިބުމުން ކަމަށްވެސް އެ ދެ ހޮސްޕިޓަލުން ބުންޏެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް މިއަދު ބޮޑުކުރުމާ ގުޅިގެން ރާއްޖޭގެ ބައެއް ޑޮކްޓަރުންނާއި ނަރުހުންވެސް ގެންދަނީ އެކަން ފާހަގަކުރަމުންނެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ބޮޑުކުރި މުސާރަ ލިބޭނީ މެއި މަހުގެ މުސާރައާއި އެކު އެވެ.

ބޮޑުކުރި މުސާރައާއި ގުޅިގެން ކުރިން އިތުރުގަޑިއާ އެކު 20،459 ރުފިޔާގެ މުސާރަ ލިބޭ ސީނިއާ ރެޖިސްޓަޑް ނަރުހަކަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ އެވެ. ސްޕެޝަލިސްޓް ނަރުހަކަށް 41،976 ރުފިޔާ ލިބޭނެ އެވެ.

މީގެ އިތުރުން ސީނިއާ މެޑިކަލް އޮފިސަރުންނަށް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ އަދި ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާގެ މުސާރައެއް ލިބޭނެ އެވެ.