ކު ރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ހުކުމް ކުރި ފަނޑިޔާރުންނަށް ގާނޫނާއި ގަވައިދާ އަދި އުސޫލުތަކާ ހިލާފަށް މަގާމުގެ ކުރިއެރުން ދީފައިވާ ނުވާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނަށް ދައުލަތުން އުފުލި ދައުވާ ތަކުގެ ތެރެއިން ގދ. ވޮޑެމުލާ ކުއްޔަށް ދިން މައްސަލައިގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަލީ ރަޝީދު އެވެ. ސުޕްރީމް ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށް ޔާމީން މިނިވަންކޮށްފަ އެވެ.
ޔާމީނަށް ހުކުމް ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޖޭއެސްސީން ވަނީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ.
ރައީސް ޔާމީން ދެވަނަ ފަހަރަށް ޖަލަށް ލުމަށް ނިންމީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ. ދައުވާ ސާބިތުވާތީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ޝަކީލް އެވެ.
މިހުކުމް ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޖޭއެސްސީން ވަނީ ގާޒީ ޝަކީލަށް ވެސް މަގާމުގެ ކުރިއެރުންދީ ހައިކޯޓުގެ ފަނޑިޔާރު ކަަމަށް އައްޔަންކޮށްފަ އެވެ.
ޖޭއެސްސީން އަލީ ރަޝީދަށް ވެސް އަދި ޝަކީލަށް ވެސް މަގާމުގެ ކުރިއެރުން ދީފައިވަނީ އެ ބޭފުޅުން މިވަގުތު ތިއްބެވި ކޯޓުތަކުގެ ފަނޑިޔާރުންގެ މަގާމު ހުސްވުމާ ގުޅިގެން އެ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވުމުން އެބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އެވެ.
ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު އަހްމަދު ޝަކީލަށް މަގާމުގެ ކުރިއެރުން ދިނުމާ ގުޅިގެން ރައީސް ޔާމީނަށް ތާއީދުކުރާ މީހުން ގެންދަނީ ޖޭއެސްސީއަށް އަދި އެ ދެ ފަނޑިޔާރުންނަށް ބޮޑެތި ތުހުމަތުތަކެއްް ކުރަމުންނެވެ. އެގޮތުން މި ދެ ފަނޑިޔާރުން ރައީސް ޔާމީން ޖަލަށްލުމަށް ހުކުމްކުރީ އެކަން ކުރައްވައިފިނަމަ މި ދެ ބޭފުޅުންނަށް މަގާމުގެ ކުރިއެރުން ދޭނެ ކަމުގެ ޔަގީންކަން ސަރުކާރާއި ޖޭއެސްސީން ދިނުމާ ގުޅިގެން ކަމަށް ތުހުމަތުކުރެ އެެވެ.
މިތުހުމަތުތަކާއި ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި ބަލައި ކަންކަމާ ގުޅޭގޮތުން ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ވާހަކަދައްކަވާފަ އެވެ. އެގޮތުން ހިސާން ވިދާޅުވީ ވަކި ގޮތަކަށް ހުކުމް ކުރުމަށް އެއްވެސް ފަނޑިޔާރަކަށް ޖޭއެސްސީން އަންގާފައި ނުވާނެ ކަމަށާއި އެފަދަ ތުހުމަތެއް ކުރާނަމަ އެއީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ހިސާން ވިދާޅުވީ ފަނޑިޔާރުންނަކީ ވެސް މަގާމުގެ ކުރިއެރުން ލިބެންޖެހޭނެ ބޭފުޅުން ކަމަށް ގަބޫލުކުރައްވަން ޖެހޭ ކަމަށެވެ. އަދި ފަނޑިޔާރަކު ވަކި ބޭފުޅެއްގެ މައްސަލަ ބެއްލެވީތީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ފަނޑިޔާރަކަށް މަގާމުގެ ކުރިއެރުން ދޭން ނުޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިމަތީގައި އައިސް މި އުފެދޭ ސުވާލަކީ ނުފޫޒު އޮތް ކަމަށް ފުރުސަތު ނުދިނުމުގެ ގޮތުން އަޅުގަނޑުމެން ފިޔަވަޅުތަކެއް އަޅާފައި ހުރި ފުރުސަތުތަކެއް ބަޔަކަށް ބަންދުކޮށްލާނީތޯ ނުވަތަ ހާމަކަމާ އެއްކޮށް އަޅުގަނޑުމެންގެ ޕްރޮސެސްގެ ތެރެއިން އެ އޮންނަ އުސޫލުން އެންމެންނަށް ފުރުސަތު ހުޅުވާލައިގެން އަޅުގަނޑުމެން ކުރާ މަސައްކަތް ކުރިއަށް ގެންދާނީތޯ،" އާންމުން އުފައްދާ ސުވާލުތަކަށް ހިސާން ވެސް އުފެއްދެވީ ސުވާލެކެވެ.
ހިސާން ވިދާޅުވީ ސުޕްރީމް ކޯޓާއި ހައިކޯޓަކީ ނިސްބަތުން މަދު ފަނޑިޔާރުން ތިއްބަވާ ދެ ކޯޓަށް ވެފައި އާންމުކޮށް ފަނޑިޔާރުން ހޯދަންޖެހޭ ދެ ކޯޓަށް ނުވާތީ އެ ތަންތަނުން ލިބޭ މަދު ފުރުސަތުތަކުގައި ޝަރުތު ހަމަވާ ފަނޑިޔާރުން ކުރިމަތިލައްވާނެ ކަމަށެވެ. އެގޮތަށް ފަނޑިޔާރުން ކުރިމަތިލެއްވުމުން އެ ބޭފުޅަކު ވަކި ބޭފުޅެއްގެ މައްސަލަ ބެއްލެވީތީ އެ ފަނޑިޔާރަކު ކުރިއަށް ދިއުމަށް ފުރުސަތު ނުދެއްވުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލުނުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެހާ އިންސާފުވެރި ގޮތެއް ނޫން އެއީކީއެއް ވަކި ބޭފުޅެއްގެ މައްސަލަ ބެއްލެވުން ނުވަތަ ވަކި ބޭފުޅެއްގެ މައްސަލައިގައި ޝަރީއަތް ކުރެއްވުން އެއީ އެބޭފުޅެއްްގެ ކުރިމަގަށް ހުރަސް އެޅޭނެ ކަމަކަށް ވުންވެސް ނުވަތަ އެބޭފުޅެއްގެ ސުލޫކީ މައްސަލައެއް ނުބެލޭނެ ސަބަބަކުން ވުންވެސް،" ހިސާން ވިދާޅުވި އެވެ.
ހިސާން އިތުރަށް ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ޝަރުއީ ދާއިރާއަށް އިތުބާރު ލިބި އިންސާފު ލިބެމުންދާ ކަމަށެވެ. ނަމަވެސް އިސްލާހުކުރަންޖެހޭ ކަންތައްތަކެއް އަދިވެސް ހުރި ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވަނީ ވިދާޅުވެފަ އެވެ.