ހިިސާން ހުސައިން

އެންމެ ގިނައިން ލިބެނީ މައްސަލަތައް ލަސްވާކަމުގެ ޝަކުވާ: ހިސާން

ޝަކުވާގެ ގޮތުގައި އެންމެ ގިނައިން ހުށަހަޅަނީ ކޯޓުތަކަށް މައްސަލަތައް ހުށަހަޅައިގެން ގޮތް ނިންމުން ލަސްވަމުންދާ މައްސަލަ ކަމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ބައެއް ރަށްތަކަށް މެޖިސްޓްރޭޓުން އައްޔަންކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިސާން ވަނީ ކޮންމެ ބޭފުޅަކު ފަނޑިޔާރުކަމާ ހަވާލުވެވަޑައިގެންނެވި ނަމަވެސް އެ ބޭފުޅަކަށް ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ހުންނާނެ ކަމަށް ގަބޫލުކުރައްވާ އެކަންކަން ފުރިހަމައަށް އަދާކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ހިސާން ވިދާޅުވީ އިންސާފު ހޯދުމަށް އެދި ކޯޓުތަކަށް ހުށަހަޅައި މައްސަލަތައް އަވަސްކޮށް އިންސާފު ގާއިމުކޮށްދިނުމަށް ފަަނޑިޔާރުން ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރައްވަންޖެހޭނެ ކަމަށެވެ. ތަނެއް ކުރިއަރާ ދިއުމުގައި އެންމެ މުހިއްމީ އަދުލު އިންސާފު ކަމަށްވެސް ވިދާޅުވި އެވެ.

"ކޯޓުގެ މަސައްކަތްތަކަށް ދޭންޖެހޭ ފުރިހަމަ ވަގުތާއި އަހަންމިއްޔަތުކަން ދޭންޖެހޭ،" ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ވިދާޅުވި އެވެ.

މެޖިސްޓްރޭޓް ކަމަށް އައްޔަންކުރެއްވި ބޭފުޅުން
  • ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް - ނ. ކުޑަފަރި، ކުރެއިމާ، އަލްއުސްތާޒު އަބާން އަވްދުﷲ
  • ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް - ރ. އުނގޫފާރު، ވީލްޑެން، އަލްއުސްތާޒު ރިމާހް މުޙައްމަދު
  • ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް - ޅ. ނައިފަރު، އަތަ، އަލްއުސްތާޒާ އުސްރަތު މުހައްމަދު
  • ކ. ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް - ކ. މާލެ، ދަފްތަރު ނަންބަރު ރސ 14060، އަލްއުސްތާޒު މަނާފް އިބްރާހީމް
  • ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް - ފ. ނިލަންދޫ، އުނިމާގެ، އަލްއުސްތާޒު މޫސާ އިސްމާއީލް
  • ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް - ސ. ހިތަދޫ، ދުބުހިމާގެ، އަލްއުސްތާޒާ ނަހުޝާ ރަޝީދު
  • އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް - ފ. ބިލެތްދޫ، ބަސީރީހިޔާ، އަލްއުސްތާޒު ޖައިލަމް ތައުފީގު

މެޖިސްޓްރޭޓް ކަމަށް މިއަދު އައްޔަންކުރެއްވި ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އެވެ.