ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިތުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ދެކޮޅު ހަދައިފި އެވެ.
މި ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ދެކޮޅު ހެދުމުން ހިސާން ހުސައިން ވަނީ މި ހުށަހެޅުން އަނބުރާ ގެންދަވާފަ އެވެ.
"ޕާޓީގެ ވިޕްލައިނަށް އިހުތިރާމު ކުރުމުގެ ގޮތުން މި އިސްލާހު އަޅުގަނޑު އަނބުރާ ގެންދަން،" ހިސާން ވިދާޅުވި އެވެ.
މި އިސްލާހުގެ ސަބަބުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާން ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ 2009 ވަނަ އަހަރުން ފެށިގެން އިތުރުވެފައި ނުވާކަންވެސް ފާހަގަކުރައްވާފަ އެވެ.
އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ފަނޑިޔާރުން ފިޔަވައި އެހެން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ އޮނިގަނޑަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް ކުރިއަށް އޮތް ތިން އަހަރަށް، ކޮންމެ އަހަރަކަށް 49 މިލިއަން ރުފިޔާ އިތުރުކޮށް އެ އަދަދު ހާއްސަ ބަޖެޓުގެ ޕޭ ހާމަނައިޒް ކުރުމާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތައް މުރާޖައާކުރުމުގެ ބައިން އުނިކުރުމަށް ހިސާން ވަނީ ހުށަހަޅުއްވާފަ އެވެ.
މީގެ އިތުރުން ޖޭއެސްސީއަށް ގާނޫނު ލާޒިމުކުރާ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެ ކޮމިޝަންގެ އިދާރީ އޮނިގަނޑާއި މަސައްކަތްތައް އަދި މަސްއޫލިއްޔަތުތައް އެއްހަމަކޮށް ރީސްޓްރަކްޗާ ކުރުމަށް އިތުރު އަދި އުނިކުރަންޖެހޭ މަގާމުތައް ރުކުރުވާލުމަށް ކުރިއަށް އޮތް ތިން އަހަރަށް، ކޮންމެ އަހަރަކަށް 980،000 ރުފިޔާ އެ ކޮމިޝަންގެ ބަޖެޓަށް އިތުރުކޮށް އެ އަދަދު ހާއްސަ ބަޖެޓުގެ ޕޭ ހާމަނައިޒް ކުރުމަށާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަ އާއި އިނާޔަތްތައް ބައިން އުނިކުރުމަށް ހިސާން ހުށަހެޅުއްވި އެވެ.