ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް އައްޔަން ކުރާ މެންބަރުގެ ގޮތުގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ޖޭއެސްސީގެ މެންބަރުގެ ގޮތުގައި ހިސާން އައްޔަން ކުރަން މަޖިލީހުން ފާސްކުރީ މިއަދު ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ހިސާންގެ ނަން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އެ ނަމަށް ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
އިނގިރޭސިވިލާތުން ގާނޫނީ ދާއިރާގެ މާސްޓާސް ހާސިލުކުރައްވާފައިވާ ހިސާން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެޓާނީ ޖެނެރަލްގެ އޮފީހުގަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވެސް ކުރެއްވި އެެވެ.
މިދިޔަ ސަރުކާރުގައި ޖަލު ހުކުމްތަކާއި ބަންދުތަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ސިޔާސީ ބައެއް ލީޑަރުންނާއި ދައުލަތުގެ އިސް މަގާމުތައް އަދާކުރެއްވި ބޭފުޅުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހިސާން ހަރަކާތްތެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވަ އެވެ.
ޖޭއެސްސީ އެކުލެވިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރަކު އިންނަވަ އެވެ. އެހެންކަމުން އާ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް ނަޝީދު ވަނީ ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އަދި މަޖިލީހުން ކަނޑައަޅާ މެންބަރަކު ވެސް ޖޭއެސްސީއަށް އައްޔަންކުރަން ޖެހެ އެވެ.
ޖޭއެސްސީގައި ދެން ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މީހެކެވެ.