ޖޭއެސްސީ

ޖޭއެސްސީގައި އިންނަވާ ވަކީލުންގެ މެންބަރު ކަމަށް ޒުބައިރާއި ޝުޖާއު ޝަރުތު ހަމައެއް ނުވި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ގާނޫނީ ވަކީލުންގެ މެންބަރު ކަމަށް ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދު ޝަރުތު ހަމަނުވާ ކަމަށް ބާ ކައުންސިލުން ނިންމައިފި އެވެ.

ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކުރާ މެންބަރެއްގެ މަގާމު ހުސްވީ ކޮމިޝަންގެ މެންބަރުކަމުން ހއ. އިހަވަންދޫ، އަންބަރީގެ، އަބްދުލްމާނިއު ހުސައިން މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.

އަވަސް އަށް އެނގިފައިވާ ގޮތުން ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ކަމަށް ޝުޖާއު އާއި ޒުބައިރު ޝަރުތު ހަމަނުވާ ކަމަށް ބާ ކައުންސިލުން ނިންމީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ނަގާފައި ނުވާތީ އެވެ.

ޖޭއެސްސީއަށް ވަކީލަކު އައްޔަނުކުރުމަށް ބާއްވާ އިންތިހާބު ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ބާ ކައުންސިލުން ކުރި އިއުލާނުކޮށްފައިވާ ގޮތުން އެ އިންތިހާބުގައި ވާދަކުރައްވާނީ އަލީ އަބްދުލް ލަތީފް އެކަންޏެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ.