ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުކަމުން ވަކިކުރާ ބޭފުޅުންނަށް ވަކާލާތު ނުކުރެވޭ ގޮތް ހަދަނީ

Jun 7, 2022
3

ފަނޑިޔާރު ކަމުން ވަކިކުރާ ބޭފުޅުންނަށް ކޯޓުތަކުގައި ވަކާލާތު ނުކުރޭ ގޮތް ހެދުމަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އެވެ.

ފަނޑިޔާރު ކަމުން ވަކިކުރާ ބޭފުޅުންނަށް އެ ބޭފުޅުން މަގާމުން ވަކިކުރުމާ އެކު ކޯޓުތަކުގައި ވަކާލާތު ކުރުމަށް މިހާރު ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯވެ އެވެ.

އިކްރާމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ފަނޑިޔާރަކު ކޮށްގެން ނުވާނެ އަމަލެއް ކޮށްގެން މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ހުށަހަޅައިފިނަމަ އެ ބޭފުޅަކަށް ލިބިފައިވާ ވަކީލުކަމުގެ ހުއްދަ އޮޓަމެޓިކުން ބާތިލްވާނެ ކަމަށެވެ.

ބޮޑެތި މައްސަލަތަކުގައި ފަނޑިޔާރު ކަމުން ވަކިކުރާ ބޭފުޅުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދުވަހަކު ވެސް ނުދެވޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. އެކަމަކު ވަކި ކަހަލަ މައްސަލަަތަކެއްގައި މަގާމުން ވަކިކުރުމުން ފަސް އަހަރު ފަހުން ވަކާލަތު ކުރުމުގެ ހުއްދަ ލިބޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. އެކަމަކު ހުއްދަ ލިބޭނީ އެކަމަށް އެދި ހުށަހެޅުމުންނެވެ.

ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން ބައެއް ފަނޑިޔާރުން އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަ އެވެ. ނަމަވެސް އިކްރާމު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ ހުށަހެޅުއްވި އިސްލާހުތަކުގައިވާ އުސޫލުތައް އެ ފަނޑިޔާރެއްގެ މައްޗަށް ހިނގާނެ ކަމަށެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރުންގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅުންތަކެއް މަގާމުން ވަކިކުރަން މަސައްކަތް ކޮށްފަ އެވެ. އެފަދަ ބައެއް ބޭފުޅުންގެ މައްސަލަތައް ޖޭއެސްސީން ބަލަން ފެށުމުން އަމިއްލަފުޅަށް ބައެއް ބޭފުޅުން އިސްތިއުފާ ދެއްވިއިރު ބައެއް ބޭފުޅުން މަގާމުން ވަކިކުރީ ޖޭއެސްސީން ހުށަހެޅުމުން މަޖިލީހުންނެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ހަމީދު ވަކިކުރަން ވެސް ފާސްކޮށްފަ އެވެ.