އަޑަށް ކިތަންމެ ބާރުލާފައި ދޮގުކުރެއްވިޔަސް ފަނޑިޔާރު ފާއިޒްގެ ލީކުވެފައިވާ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ކަމަށް ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ވިދާޅުވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ ފަނޑިޔާރުންގެ އޯޑިއޯ ސައްހަ ކަމަށް ކުރިން ހިސާން ވިދާޅުވި ވާހަކަ އޭނާ ދޮގު ކުރައްވާފައިވަނިކޮށެވެ.
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ މިދިޔަ މޭއި މަހުގެ ހަވަނަ ދުވަހުގެރޭ މަޖީދީމަގު އެންމެން ކުރިމަތީގައި ގޮއްވާލި ބޮމުގެ ތަހްގީގު ނުކުރެވިގެން އުޅޭއިރު ދެގަޑިއިރުތެރޭ އޯޑިއޯ އެނެލިސިސް ހަދާ ޖޭއެސްސީއަށް ފަނޑިޔާރުންގެ ނިންމެނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.
ޝިޔާމް ވިދާޅުވީ މިއަދު ހުރިހާ ފަނޑިޔާރުން ތިއްބެވީ ގަން ޕޮއިންޓްގައި ކަމަށާއި އެބޭފުޅުންގެ އޯޑިއޯތަކުން އެކަން އެންމެނަށް އެނގޭ ކަމަށެވެ. އެބޭފުޅުން އާއިލާއާއެކު ރަހީނުކޮށްގެން ރައީސް ޔާމީންއަށް ހުކުމްކޮށްފައިވާކަމަށް ފަނޑިޔާރުން ވިދާޅުވާއިރު އެކަން ރަނގަޅަށް ތަހްގީގު ކުރަންޖެހޭ ކަމަށެވެ.
"މިއަދު ޖޭއެސްސީގެ ރައީސާ ކިތަންމެ އަޑަށް ބާރުލައްވާފައި ވިދާޅުވިއަސް އަޅުގަނޑު ގާތުގައި ހިސާން ވިދާޅުވީ ފާއިޒްގެ އޯޑިއޯ އެއީ ސައްހަ އޯޑިއޯއެކޭ، މިކަން ދޮގުކުރައްވާކަށް ނުކެރޭނެ. ކޮންމެ ތާކަށް ކޮންމެ ހިސާބަކަށްވެސް އަޅުގަނޑު މިހިރީ މިކަންތަކުގައި ވާހަކަ ދައްކަން ދާން. އޯޑިއޯތައް ލީކުވީމާ އަނެއްދުވަހު ޖޭއެސްސީން ތަހުގީގެއް ހިންގާ ދެ ގަޑިއިރުތެރޭ އޯޑިއީ އެނެލިސިސް ހަދާފައި ތަހްގީގު ނިންމާލާފައި މިބުނަނީ އޯޑިއޯ ސައްހައެއް ނޫނޭ." ޝިޔާމް ވިދާޅުވިއެވެ.
އަބްދުލްގައްޔޫމަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް އާންމު ވެފައިވާއިރު އާންމުވެފައިވާ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފަ އެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ. އަދި އެ ފަނޑިޔާރުންނަށް ގުޅުއްވާ ކަންކުރަންވީ ގޮތް އަންގަވަނީ އަލީ ޒާހިރެވެ.
އެ މައްސަލަ ޖޭއެސްސީން ބަލަމުންދާއިރު މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓްގެ ފަނޑިޔާރު ހުސައިން ފާއިޒު ރަޝާދު އާއި އެ ކޯޓްގެ ފަނޑިޔާރު އަލީ އާދަމް އަދި ޑްރަގް ކޯޓްގެ ފަނޑިޔާރު މުހައްމަދު ސަމީރުގެ ފަރާތުން މައުލޫމާތު ސާފުކުރުމުން މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާ އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަ އެ ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
"ރާއްޖެއިން މިކަން ރަނގަޅަށް ތަހްގީގު ކުރެވޭނެ އިދާރާއެއް ނެތްކަމަށް ވަންޏާ ރާއްޖެއިން ބޭރުގެ ތަހްގީގީ އިދާރާތަކުންވެސް މީސްމީހުން ގެނެސްގެން ކަން ކަން ތަހްގީގު ކުރާގޮތަށް ރަނގަޅަށް ތަހުގީގު ކުރަންވީ ނޫންތޯ؟ އެހާވެސް ސީރިއަސް މައްސަލައެއް މިއީ. މިދައްކަނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކާމެދު ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރަން ތިއްބެވި ބޭފުޅުން ކަންތައްތަ ކުރައްވާފައިވާ ގޮތުގެ ވާހަކަ. މިއީ ރައްޔިތުން ކުރިމަތީގައި ހިނގާ ދިޔަ ކަންތައްތަކެއް." ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޝަރީއަތް ސުޕްރީމް ކޯޓާ ހަމައަށް ދިޔައިރު މިހާތަނަށް ބޭއްވުނު ކޮންމެ މަޖިލީހަކަށް ހާޒިރުވެވަޑައިގެން ރައީސް ޔާމީން ރައްޔިތުންނަށް ސާބިތުކޮށްދެއްވީ އެމަނިކުފާނުގެ މައުސޫމްކަން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ކުރިން ބެއްލެވި އިސްގާޒީ ހައިލަމް ނެރުއްވާފައވާ ނޫސްބަޔާނުގައި ރައީސް ޔާމީންގެ ޝަރީއަތަށް ނޫފޫޒު ފޯރުވާފައިވާ ކަމަށް ވަރަށް ސާފުކޮށް އެބައޮތް ކަމަށާއި މިހާތަނަށްވެސް އެ ބަޔާނުގައިވާ އެއްވެސް ކަމެއް ތަހްގީގު ކޮށްފައި ނުވާކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ.