ހިިސާން ހުސައިން

ވަކި މަގާމެއްގައި ހުރުމުން ފިޔަވަޅު ނޭޅޭނެ ކަމަށް ނުދެކޭތި: ހިސާން

ވަކި މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވަތަ ވަކި ވަގުތެއްގައި ބައެއް ފެންމަތިވުމުން އެކަމުގައި ފިޔަވަޅު ނޭޅޭނެ ކަމަށް ނުދެކެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ފަނޑިޔާރުންނަށް ގޮވާލައްވައިފި އެވެ.

ހިސާން މިހެން ވިދާޅުވީ ޖޭއެސްސީއިން ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރުގެ މައްސަލަތައް ވެސް ހިމެނެ އެވެ. އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ބަޔާނެއް ނެރުއްވައި ޖޭއެސްސީއަށް ހާޒިރު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، ޖޭއެސްސީއަށް އުއްތަމަ ފަނޑިޔާރު ހާޒިރު ކުރުމުގެ ބާރެއް ނޯންނާނެ ކަމަށް ސިފަ ކުރައްވާފަ އެވެ.

އޭގެ ފަހުން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ޖޭއެސްސީއިން ވަނީ ކުއްލި ގޮތަކަށް ފިޔަވަޅު އަޅާފަ އެވެ. އެ ފިޔަވަޅު އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް އަޑުއެހުމަށް ކުޑައިރު ކޮޅަކަށްވެފައި ވަނިކޮށެވެ. އެހެންވެ، އެއީ ޝަރީިއަތަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ ޖޭއެސްސީއަށް ފާޑުކިޔުން އަމާޒުވި އެވެ.

ހައިކޯޓަށް އަލަށް ފަނޑިޔާރުން އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހިސާން ހުސެއިން ވިދާޅުވީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ނުޖެހި އަދުލު އިންސާފު ގާއިމްކޮށް ދޭން ޖެހޭ ބައެއް ކަމަށާއި އެމީހުން އަމަލު ކުރަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނަށް ކަމަށެވެ. ގާނޫނުތައް އޮންނަންވީ ގޮތް ނޫނީ ގާނޫނު ބައްޓަން ކުރަންވީ ގޮތް ކުރެހުމުގެ މަސްއޫލިއްޔަތު ފަނޑިޔާރުންނަށް ނެތް ކަމަށެވެ. ހަމައެހެން، ދައުލަތުގެ ހިންގުމުގެ އޮނިގަނޑު ނުވަތަ ނިޒާމް ބައްޓަން ކުރުމުގައި ވެސް ފަނޑިޔާރެއްގެ ދައުރެއް ނެތް ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ގާނޫނު އަސާސީ ގެނައީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވަރަށް ބޮޑު އަމާޒަކާއެކު ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ތަސައްވުރާ ހަމައަށް ވާސިިލް ނުވެވޭ ކަމަށެވެ. އެހެންވިޔަސް ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯދުމާއި ނަޒާހަތްތެރި ތަނަކަށް ފަނޑިޔާރުގެ ހެދުމަށް އެންމެ ބޭނުންވާ ބަޔަކީ ފަނޑިޔާރުންކަން އެނގޭ ކަމަށެވެ.

"ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މި ގެންނަ ބަދަލުތަކުގައި ތިޔަ ބޭފުޅުން ދެއްވާ އެއްބާރުލުމަކީ މި ދެންނެވި ވާހަކަ ސާބިތު ކޮށްދޭ އެންމެ ވަރުގަދަ ހެކި، މި ބަދަލުތައް ތަންފީޒު ކުރުމަށް ތި ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަން، ނަމަވެސް މުޅި ފަނޑިޔާރުގެއަށް ހިޔަނި އެޅިގެން ދަނީ މަދު ބައެއްގެ ސަބަބުންކަން ހިތާމައާއެކު އަޅުގަނޑު ފާހަގަ ކުރަން،" ހިސާން ވިދާޅުވި އެވެ.

ހިސާން ފާހަގަ ކުރެއްވީ ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖޭއެސްސީގެ ދަށަށް ބަދަލުކޮށް ޝަރުއީ ދާއިރާގެ އިދާރީ ހިންގުމަށް ގެންނަ ބަދަލުތަކެވެ. އެ ބަދަލުތަކަކީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ޕެރަލައިޒްކޮށް ޒިންމާއަށް ހުރަސް އަޅަން ކުރާ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ބަދަލުތައް ތަންފީޒު ނުކުރުމަށް ސުޕްރީމް ކޯޓުގެ އެސްޖީއަށް އުއްތަމަ ފަނޑިޔާރު ވަނީ އަންގަވާފަ އެވެ.

"އަޅުގަނޑުމެން އެންމެންނަކީ ވެސް ދައުލަތުގެ މުވައްޒަފުން، ޒިންމާތަކެއް އޮތް ބައެއް، ޖަވާބުދާރީވާން ޖެހޭ ޖަވާބުދާރީ ކުރެވޭ ބައެއް، ވަކި މަގާމެއްގައި ހުރުމުން ނުވަތަ ވަކި ވަގުތެއްގައި މައްސަލައެއް ފެންމަތިވުން އެއީ އެމީހަކާމެދު އަޅަން ޖެހޭ ފިޔަވަޅެއް ނޭޅޭނ ނުވަތަ ޖަވާބުދާރީ ނުކުރެވޭނެ ސަބަބެއް ކަމަށް ދެކެގެން ނުވާނެ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ޖޭއެސްސީގެ ދުސްތޫރީ ޒިންމާތައް އަދާކުރުން މަތީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މަސްއޫލިއްޔަތުތައް އަދާ ކުރާނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އިދާރީ ގޮތުން ވެސް ޖޭއެސްސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފަނޑިޔާރުންގެ މައްސަލަތައް އަވަހަށް ބެލުމަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ހަމައެހެން، ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލު ކުރާ ގޮަތަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެއީ ސިއްރު ސިއްރުން ކުރާ ކަމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ހިސާން ވިދާޅުވީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކަށް ގެންނަ އިދާރީ އިސްލާހުތަކުގެ އެންމެ މުހިންމު ބޭނުމަކީ ފަނޑިޔާރުންނަކީ ހަމައެކަނި ޝަރީއަތް ކުރުމުގައި މަސްއޫލުވެ އުޅުއްވާ ބަޔަކަށް ހެދުން ކަމަށެވެ. އަދި ވަކި މުއައްސަސާއަކުން ކޯޓުތަކުގެ ހިންގުން ކޮންޓްރޯލް ކުރުމުގެ ބަދަލުގައި ކޯޓުތަކުގެ އިދާރީ ކަންކަން އެ ކޯޓަކުން އަމިއްލައަށް ކުރުމުގެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. ގާނޫނު އަސާސީގައި ތަސައްވުރު ކޮށްފައިވާ ޝަރުއީ ނިޒާމަކީ އެފަދަ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނުސީދާ ގޮތެއްގައި އުއްތަމަ ފަނޑިޔާރަށް ހިސާން ރައްދު ދެއްވިއިރު ރަސްމިއްޔާތަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަޑައިގެން އިންނެވި އެވެ. މި ރަސްމިއްޔާތަށް އުއްތަމަ ފަނޑިޔާރު ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ގިނަ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. އަދި ޖޭއެސްސީގެ ތަހުގީގުތަކަށް ހާޒިރުވާން ވެސް އުއްތަމަ ފަނޑިޔާރު ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ. ތަހުގީގު ނިންމުމަށްފަހު މިއަދު ޖޭއެސްސީއިން ފޮނުއްވި ރިޕޯޓަކާ ވެސް އުއްތަމަ ފަނޑިޔާރު ހަވާލުވެވަޑައި ނުގެންނެވި އެވެ.

ހުވާ ކުރެއްވުމަށް ޖޭއެސްސީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެންބަރު މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޖޭއެސްސީގެ އެހެން މެންބަރުންނާއި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ބައެއް ފަނޑިޔާރުންނާއި ސްޕީރިއާ ބައެއް ކޯޓުތަކުގެ އިސް ގާޒީން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.