ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގާނޫނު އަސާސީއާ ހިލާފުވެފައިވާތީ އެ ކޮމިޝަންގެ ނިންމުން ބަލައިނުގަންނަ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު މިރޭ ބަޔާނެއް ނެރުއްވާފައިވާއިރު، އިއްޔެ ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށް މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ވަނީ ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށް ނިންމާފަ އެވެ.
އުއްތަމަ ފަނޑިޔާރާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަތަކެކެވެ. އެއީ ޖޭއެސްސީއިން އެކުލަވާލި ރިޕޯޓެއްގައި ފާހަގަކުރި މައްސަލަތަކެވެ. އޭގެ 15 މައްސަލައެއް ޖޭއެސްސީއިން ތަހުގީގު ކުރި އެވެ. ޖޭއެސްސީއިން ނިންމާފައިވަނީ އެ މައްސަލަތަކުގެ ތަހުގީގުން ފަނޑިޔާރެއްގެ ކިބައިން ފެނިގެން ނުވާނެ އަމަލުތައް އުއްތަމަ ފަނޑިޔާރުގެ ކިބައިން ފެނިފައިވާ ކަމަށެވެ.
އެ ނިންމުމަށް ފާޑުވިދާޅުވެ އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ޖޭއެސްސީގެ އަމަލަކީ ދުސްތޫރީ އަސާސްތައް ފުނޑުފުނޑުކޮށްލި އަމަލެއް ކަމަށެވެ. ފަނޑިޔާރަކު ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން ފަނޑިޔާރެއްގެ މައްސަލަ ނުބެލޭނެ ކަމާއި އަދުލްއިންސާފުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓުކަން ގާނޫނު އަސާސީއިން ކަށަވަރުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ޗެލެންޖްކޮށް ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ބާރެއް ޖޭއެސްސީއަށް ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ ހުރިހާ ނިންމުމަކަށް އެ ކޮމިޝަނުން ބޯލަނބަން ޖެހޭނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ނިންމުންތަކެއްގެ މައްސަލަ ބަލައި އެ މައްސަލަ ސާބިތުވާ ކަމަށް ނިންމާފައިވަނީ އަހްލާގީ ގޮތުން ނޫނީ ސުލޫކީ ގޮތުން އެެއްވެސް ކަމެއް އެއްވެސް މިންވަރަކަށް އެއްވެސް ސިފައެއްގައި ހިންގިކަން އެންމެ ކުޑަމިނުން ޝައްކު އުފައްދަން ޖެހޭ ފަދަ ހެއްކެއް އަދި އަސާސެއް ވެސް ވުޖޫދުގައި ނެތީސް އަމިއްލަ ހިޔާލުން އުފައްދައިގެން ކަމަށެވެ.
ޖޭއެސްސީއިން އަމަލުކޮށްފައިވަނީ އެ ކޮމިޝަނަކީ އަދުލްއިންސާފު ގާއިމްކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތް ކަމަށް ސިފަވާ ގޮތަށް ކަމަށާއި އެއީ ސުޕްރީމް ކޯޓުގެ ދުސްތޫރީ ބާރަށް އަރައިގަތުން ކަމަށެވެ. ކޮމިޝަނުން ވަނީ ސިލްސިލާ ގޮތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގާފައި ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވީ ކޮމިޝަނުން އަމަލު ކުރަމުން ދަނީ ދައުލަތުގެ ހިންގުމުގެ ނިޒާމް "އިމްބެލެންސް" ވެ ފުނޑުފުނޑު ވެގެންދާނެ މިސްރާބަކަށްކަން އޮތީ ސާފުކޮށް ފެންނަން ކަމަށެވެ.
އެހެންވެ އެމަނިކުފާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްޗަށް އައި ފިޔަވަޅަކީ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލުތަކެއްގެ މައްޗަށް ތަރުތީބުވެގެން އައި ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެފަދަ ނިންމުމެއް ބަލައިގަނެ އެއަށް ތަބާވުމަކީ ކުރައްވާފައިވާ ހުވައާ ހިލާފުވެ ދުސްތޫރީ ނިޒާމަށާއި ރައްޔިތުންނަށް ގައްދާރުވުން ކަމަށްވާތީ އެ ނިންމުން ބަލައިނުގަންނަން ނިންމެވީ ކަމަށެވެ.
އޭގެއިތުރުން އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށް، ސުޕްރީމް ކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލުކުރި ކުރުމާމެދު ވެސް އުއްތަމަ ފަނޑިޔާރު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓަކީ ޖޭއެސްސީގެ ދަށުން ހިންގާ މުއައްސަސާއެއް ނޫން ކަމަށާއި އެ ކޮމިޝަނަށްވުރެ ހުރިހާ ގޮތުން ވެސް އިސް ތަނެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމާއި ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތު އެހެން ފަނޑިޔާރަކާ ހަވާލު ކުރުމަކީ ވެސް ޖޭއެސްސީއަށް އޮތް ބާރެއް ނޫން ކަމަށް ވިދާޅުވި އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ޖޭއެސްސީއިން އައްޔަން ކުރާނީ ސުޕްރީމް ކޯޓު ފިޔަވައި އެހެން ކޯޓުތަކުގެ ފަނޑިޔާރުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ވެސް ބެލުމުގެ ބާރު ޖޭއެސްސީއަށް އޮވެ އެވެ.