ހަބަރު

ސުޕްރީމް ކޯޓުގެ ހިންގުން އަރީފާ ހަވާލުކޮށްފި

ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ހަވާލުކޮށްފި އެވެ.

މިވަގުތު ކޯޓުގައި ހުންނެވި އެންމެ ސީނިއާ ފަނޑިޔާރު ކަމަށް އަރީފަށް ކޯޓުގެ ހިންގުން ހަވާލު ކުރަން ނިންމީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑްކޮށް އެމަނިކުފާނު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީއިން ނިންމާފައިވާތީ އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ކޯޓުގެ ސީނިއާ ފަނޑިޔާރެއް ކަމަށްވާ އާދަމް މުހައްމަދު ވެސް ވަނީ ސަސްޕެންޑްކޮށް މަގާމުން ވަކި ކުރަން ހުށަހަޅަން ނިންމާފަ އެވެ.

އެ ނިންމުމުގެ ކުރިން ފަނޑިޔާރު އަރީފް ވަނީ ޖޭއެސްސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފަ އެވެ. ސުޕްރީމް ކޯޓުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ފަނޑިޔާރު އަރީފް އިސްތިއުފާ ދެއްވި ސަބަބު ހާމައެއް ނުކުރެ އެވެ. މިހާރު ޖޭއެސްސީގެ ރައިސްކަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންނަށް ވަނީ ދެއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ހިންގުން ފަނޑިޔާރު އަރީފާ ހަވާލުކޮށްފައިވާއިރު އޭނާގެ މައްސަލަތަކެއް ވެސް ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެއީ ހަމަ އުއްތަމަ ފަނޑިޔާރާ ވެސް ގުޅޭ މައްސަލަތަކެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ސަސްޕެންޑްކުރީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ތަހުގީގު ކުރާ މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

ޖޭއެސްސީއިން ބުނީ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގުކުރިއިރު އެ ދެ ފަނޑިޔާރުންގެ ކިބައިގައި ފަނޑިޔާރެއްގެ ކިބަގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ފަނޑިޔާރެއްގެ ސުލޫކާ ނުގުޅޭ އަމަލުތަކެއް ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާތީ ކޮމިޝަނުން މިއަދު ނިންމީ އެ ދެ ބޭފުޅުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ފަނޑިޔާރެއް ވަކި ކުރުމުގެ އިޖުރާއަތަކީ ޖޭއެސްސީއިން އެ ފަނޑިޔާރަކު ވަކި ކުރަން ނިންމައި މަޖިލީހަށް ހުށަހެޅުމެވެ. ފަނޑިޔާރެއްގެ މަގާމު ގެއްލޭނީ ރައްޔިތުންގެ މަޖިލީހުން އޭނާއާ ދެކޮޅަށް ވޯޓު ދީފިނަމަ އެވެ.

ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަމުން ދަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަތަކެކެވެ. އެއީ ޖޭއެސްސީއިން އެކުލަވާލި ރިޕޯޓެއްގައި ފާހަގަކުރި މައްސަލަތަކެވެ. އޭގެ 15 މައްސަލައެއް ޖޭއެސްސީއިން ތަހުގީގު ކުރި އެވެ.

ތަހުގީގަށްފަހު ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރަށް ރިޕޯޓް ފޮނުވާފަ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވަނީ އެ ރިޕޯޓާ ހަވާލުވެވަޑައިގެންނެވުމަށް ދެކޮޅު ހައްދަވާފަ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީގެ އެ ރިޕޯޓަށް އެމަނިކުފާނު ޖަވާބުދާރީވާން ޖެހޭ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެމަނިކުފާނު ވަނީ ޖޭއެސްސީއަށް ހާޒިރުވާން އެންގި އަމުރަކީ ވެސް ބާތިލް އަމުރެއް ކަމަށް ވިދާޅުވެ، ތަހުގީގަށް ހާޒިރުވުމަށް ވެސް އުޒުރުވެރިވެވަޑައިގެންފަ އެވެ. އުއްތަމަ ފަނޑިޔާރާ ހިލާފަށް ފަނޑިޔާރު އާދަމް ތަހުގީގަށް ހާޒިރުވެވަޑައިގެންނެވި އެވެ.

ފަނޑިޔާރު އާދަމްގެ މައްސަލާގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމި ނަމަވެސް އެއްވެސް އަޑުއެހުމެއް ކުރިއަށް ނުގެންދެވެ އެވެ. އެންމެ ފުރަތަމަ ފަނޑިޔާރު އާދަމް ވަޑައިގެންނެވީ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ހަމަޖައްސަވައިގެންނެވެ. އެއީ ފަނޑިޔާރު އާދަމްގެ ސުލޫކީ މައްސަލައެއް ކަމަށް ޖޭއެސްސީއިން ބަލައި އެހެން ވަކީލަކު ހަމަޖައްސަން އެންގި އެވެ. އެހެން ނިންމީ ޖަމީލްގެ މައްސަލަތަކެއްގެ ބެންޗުގައި ފަނޑިޔާރު އާދަމް ހިމެނިވަޑައިގަންނަވާތީ އެވެ.

އެހެން ވަކީލަކު ހަމަޖައްސަން އެންގި ނަމަވެސް ފަނޑިޔާރު އާދަމް ވަނީ ޖޭއެސްސީގެ ނިންމުން ބަލައިނުގަނެ އެ ކޮމިޝަނުން އޭނާގެ ހައްގަކަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖޭއެެސްސީއިން ގާނޫނު އަސާސީއާ ހިލާފާ އަމަލު ކުރަމުންދާ ކަމަށް ވިދާޅުވެ ތަހުގީގަށް ދެން ވަޑައިގެންނެވުމަށް ވެސް އުޒުރުވެރިވެވަޑައިގެންނެވި އެވެ.