ހަބަރު

އަތިކާއަށް ފިޔަވަޅު އެޅީ ބޭއިންސާފުން، އެކަން ހުއްޓުވާނަން: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ޕާސަނަލް ސެކްރެޓްރީގެ މަގާމު އަދާ ކުރައްވާ އެ ކޯޓުގެ ޑިރެކްޓާ އާތިކާ އިބްރާހިމް ސަސްޕެންޑްކޮށްފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ލިބިފައި ނެތް ބާރެއް ބޭނުންކޮށްގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ އެވެ.

އާތިކާ ސަސްޕެންޑް ކުރުމަށް ޑީޖޭއޭއިން ނިންމީ އިއްޔެ އެވެ. އެއީ އެ ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. އުއްތަމަ ފަނޑިޔާރުގެ ޕާސަނަލް ސެކްރެޓްރީ ސަސްޕެންޑް ކޮށްފައިވަނީ އުއްތަމަ ފަނޑިޔާރާއި ޑީޖޭއޭ އަދި ޖޭއެސްސީއާ ދެމެދު މައްސަލަ ގޯސްވެފައިވަނިކޮށެވެ. ޑީޖޭއޭ މިހާރު ހިންގަމުން ދަނީ ސުޕްރީމް ކޯޓުގެ ދަށަކުން ނޫނެވެ. ޖޭއެސްސީގެ ދަށުންނެވެ.

އެކަމާ ހިތްހަމަނުޖެހިވަޑައިގެން އުއްތަމަ ފަނޑިޔާރު ޑރ. ދީދީ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި އާތިކާއާ މެދު ޑީޖޭއޭއިން ފިޔަވަޅު އަޅާފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދާ ހިލާފަށެވެ. އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި ގޮތުގައި ޝަރުއީ ދާއިރާގެ މުވައްޒަފެއްގެ އެއްވެސް މައްސަލައެއް ޑީޖޭއޭއަށް ބެލޭނީ އެ މައްސަލައެއް އެންމެ ފުރަތަމަ މުވައްޒަފުގެ ކޯޓުން ބެލުމަށްފަހު އެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައިވާ ގޮތުން މުވައްޒަފަކާމެދު ފުރަތަމަ ފިޔަވަޅު އަޅާނީ އެ މުވައްޒަފަކު މަސައްކަތް ކުރާ ކޯޓަކުންނެވެ. އަދި އެއަށްފަހު އެ ކޯޓަކުން އެކަމުގެ ލިޔުން ޑީޖޭއޭއަށް ފޮނުވަން ޖެހެ އެވެ. އޭގެއިތުރަށް ކޯޓަކުން މުވައްޒަފަކާމެދު އަޅާ ފިޔަވަޅެއް މުރާޖައާ ކުރުމަށް ޑީޖޭއޭއަށް ހުށަހެޅުމުގެ ހައްގު މުވައްޒަފުން އޮވެ އެވެ. އެ ހާލަތުގައި ޑީޖޭއޭއަށް ގޮތެއް ކަނޑައެޅިދާނެ އެވެ. މުވައްޒަފެއްގެ މައްސަލައެއް ބެލުމަށްފަހު އެ މުވައްޒަފަކާމެދު ޑީޖޭއޭއިން ފިޔަވަޅެއްގެ ގޮތުގައި ސަސްޕެންޑް ކުރާނަމަ އެކަން ކުރަން ޖެހޭނީ ކޯޓުގެ މަޝްވަރާއާއެކު ކަމަށް ވެސް ގަވައިދުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އާތިކާ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދާ ހިލާފުވުމުގެ އެއްވެސް ޝަކުވާއެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައިނެތް ކަމަށެވެ. އަދި އެފަދަ މައްސަލައެއް ކޯޓުން ބަލަމުން ވެސް ނުދާ ކަމަށެވެ. އެހެންކަމުން ޑީޖޭއޭއިން އޭނާ ސަސްޕެންޑްކޮށްފައިވަނީ ގަވައިދުގައިވާ އިޖުރާއަތްތަކާ ހިލާފަށްކަން އެނގެން އެބަ އޮތް ކަމަށެވެ.

މުވައްޒަފަކާމެދު ފިޔަވަޅެއް އަޅާނަމަ އެކަން ކުރަން ޖެހޭނީ އިޖުރާއަތްތަކާ އެއްގޮތަށް އަދުލުވެރި ގޮތުގެ މަތިން ކަމަށާއި އަދި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ވެސް އެއްގޮތަށް އޯގާތެރިކަމުގެ އަސާސުގެ މައްޗަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އާތިކާ ސަސްޕެންޑްކޮށްފައިވަނީ އޭނާގެ މައްސަލައެއް ހުށަހެޅިފައިވާ ކަމެއް ވެސް އޭނާއަށް އެންގުމަކާ ނުލާ ދިފާއުގައި ވާހަކަ ދެއްކެމުގެ ފުރުސަތު ވެސް ނުދީކަން އުއްތަމަ ފަނޑިޔާރު ހިތާމައާއެކު ފާހަގަ ކުރެއްވި އެވެ. އެއީ މުވައްޒަފުންނާމެދު ނާޖައިޒު ގޮތުގައި ބާރުގެ ބޭނުންކޮށް މުވައްޒަފުން ބުލީ ކުރުމުގެ އަމަލެއް ކަމާއި އޭގެ ސަބަބުން ކޯޓުތަކުގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދި މަސްލަހަތު ގެއްލިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެމަނިކުފާނުގެ ބާރުތަކާއި ޒިންމާތަކަށް ހުރަސް އެޅޭ ގޮތަށް ޑީޖޭއޭއިން އަމަލު ކުރަމުންދާ ކަމަށާއި އެއީ ޝަރުއީ ދާއިރާގެ މިނިވަންކަން ނިގުޅައިގަނެ ކޯޓުތަކުގެ އެތެރޭގައި ނުފޫޒާއި ބާރު ހިންގުމުގެ ސަގާފަތެއް އުފައްދަން ކުރާ ކަމެއް ކަމަށެވެ. ޑީޖޭއޭގެ އަމަލުތަކަކީ ލަދުވެތި އަމަލުތަކެއްގެ ފާހަގަ ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާމެދު ގާނޫނާއި ގަވައިދުން ބޭރުން އަނިޔާވެރި އަދި ބޭއިންސާފު ގޮތެއްގައި ޣައިރު ގާނޫނީ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކޮށް ކޯޓުތަކުގެ އިދާރީ ހިންގުމަށް ބައެއް ބަދަލުތައް ގެނެސް އުސޫލުތައް ޑީޖޭއޭއިން ދަނީ ހަދަމުންނެވެ. އެ އުސޫލުތަކާ ހިތްހަމަނުޖެހި ޑީޖޭއޭއާ މުއާމަލާތް ނުކުރުމަށް ކޯޓުގެ ސެކްރެޓްރީ ޖެނަރަލަށް ވެސް އުއްތަމަ ފަނޑިޔާރު އެންގެވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީ އަޑީގައި އޮވެ، މަސައްކަތް ކުރަމުންދަނީ ކޯޓުތަކުގެ އިދާރީ ހިންގުމަށް ފަނޑިޔާރުންގެ ކޮންޓްރޯލް ނަގައި، ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ޝަރުއީ ދާއިރާ ގެންދާށެވެ. އަދި ޝަރުއީ ދާއިރާގެ އިދާރީ ނިޒާމް ޕެރެލައިޒް ކުރާށެވެ. ޖޭއެސްސީއިން ދަނީ ކޯޓުގެ އެސްޖީއަށް ޑީޖޭއޭއާ މުއާމަލާތް ނުކުރުމަށް އުއްތަމަ ފަނޑިޔާރު އެންގެވި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.