ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލުކަމަށް ރައުޔު ނެރުއްވި ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދަނީ 2019 ވަނަ އަހަރުން ފެށިގެން ބަލަމުން އަންނަ ދެ ސުލޫކީ މައްސަލަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކްރިމިނަލް ކޯޓުގެ ހުކުމް ދެމެހެއްޓި ނަމަވެސް، އެ މައްސަލާގައި ފަނޑިޔާރު ހުސެއިން ޝަހީދު އިއްވެވި ރައުޔު ތަފާތުވި އެވެ.
މިގޮތުން، ފަނޑިޔާރު ހުސެއިން ޝަހީދު ފާހަގަކުރެއްވި ގޮތުގައި ގާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެންވެސް ހަމަހަމަވެގެންވާއިރު، ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަކީ ތަފާތު ކުރުމުގެ ދަށުން ކޮށްފައިވާ ދައުވާއެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އަދި ޔާމީން އަމިއްލައަށް އެދިވަޑައިގެން އެސްކްރޯ އެކައުންޓެއް އުފައްދައި އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމަށް އިސް ނެންގެވުމުން އެމަނިކުފާނުގެ ކިބައިގައި ނުބައި ނިޔަތެއް ނެތްކަން ހާމަވެގެންގޮސްފައިވާކަމަށް ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައިވެ އެވެ.
މީގެ އިތުރުން، އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އިސްލާމިކް ބޭންކަށް ޖަމާކުރި ފައިސާ ނޫން ކަމަށާއި އެ ފައިސާއިން މަންފާ ހާސިލު ކުރުމަށްޓަކައި ރައީސް ޔާމީންގެ އެކައުންޓުގައި ބެހެއްޓުމަށްފަހު އެހެން ފައިސާ ޖަމާކުރި ކަމަށް ދައުލަތުން ބުނި ނަމަވެސް އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ހެކިންނާ ގުޅޭގޮތުން ދިފާއުން ފާހަގަކުރި ނުކުތާއަށް އިޝާރާތްކުރައްވައި، ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ.
އަދި އަދީބަކީ ރައީސް ޔާމީނާއި އެ މަނިކުފާނުގެ އާއިލާއަށް ބޮޑު ގެއްލުމެއްދިނުމަށް އުޅުމުގެ ކުށް ސާބިތުވެފައިވާ މީހަކަށްވާއިރު، އަދީބުގެ ހެކި ބަހަކީ އަދާވާތްތެރިކަން އޮތް ފަރާތެެއްދޭ ހެކިބަހަކަށްވާތީ ރައީސް ޔާމީނާއި ދެކޮޅަށް އަދީބުގެ ހެކިބަސް ބޭނުންކުރެވޭނެ ގޮތެއް ނެތް ކަމަށް ރައުޔުގައިވެ އެވެ.
އެ ހުރިހާކަމަށް ރިއާއަތްކުރާއިރު، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާއަކީ ބާތިލުކުރަންޖެހޭ ހުކުމެއްކަމަށް ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވި އެވެ.
އެއާއެކު ފަނޑިޔާރު ހުސެއިން ޝަހީދުގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވާކަމަށް ބުނެ އަޑުފެތުރިފައިވާއިރު، އެ ކޮމިޝަނުގެ ތަރުޖަމާނު މިއަދު އަވަސް އަށް ވިދާޅުވި ގޮތުގައި ފަނޑިޔާރު ހުސެއިން ޝަހީދުއާ ގުޅޭގޮތުން ބަލަމުން އަންނަ ދެ މައްސަލައަކީ 2019 ވަނަ އަހަރުން ފެށިގެން ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ.
މިގޮތުން، އެ އަހަރުގެ އޯގަސްޓު މަހާއި އޮކްޓޯބަރު މަހު ހުށަހެޅުނު މައްސަލަ ބަލަމުން އަންނައިރު، އޭގެ ތެރެއިން އެއް މައްސަލައިގެ ތަހުގީގު ނިމި، ފަނޑިޔާރު ޖަވާބުދާރީވެސްވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އަނެއް މައްސަލާގައި ތަހުގީގު ނިމި، ފަނޑިޔާރު ޖަވާބުދާރީވުމުގެ ފުރުސަތު ދެވިފައިވާ ކަމަށެވެ.
ފަނޑިޔާރު ޝަހީދަކީ ކުޑަ ދުވަސްކޮޅަކު ކުރިމިނަލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. ކުރިމިނަލް ކޯޓަށް އައްޔަން ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ދިނީ ކުއްލިއަކަށެވެ.
ކުރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު އޭރު އެ ކޯޓަށް ހުށަހެޅިފައިވާ ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތައް އޭނާ ބެއްލެވި އެވެ. އޭގެ އިތުރަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްސަލަ ވެސް އޭނާ ބެއްލެވި އެވެ.