ސަސްޕެންޑްކޮށް ފިޔަވަޅު އެޅީ ސަރުކާރުގެ އިސް ބޭފުޅުން ގުޅުއްވައި ކުރި ޑިމާންޑްތަކަށް އެއްބަސްނުވުމުން ކަމަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ހިންގެވީ ގާޒީ ހައިލަމެވެ. އެ މައްސަލައިގެ ހުކުމް އިއްވުމަށް ގަޑިއިރުތަކަކަށްވެފައިވަނިކޮށް ހައިލަމް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑްކުރި އެވެ.
ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާއާ ގުޅިގެންނެވެ. ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ހައިލަމް ފޮނުއްވި ކުރެހުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްަދުގެ ކަރުގައި ޗޭނެއް ޖަހާފައި ހުއްޓެވެ.
އެ މައްސަލާގައި ހައިލަމް އެއީ އޮޅިގެން ކުރެވުނު ޕޯސްޓެއް ކަމާއި އެކަމަށް މާފަށް އެދޭ ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް އަނެއް ދުވަހު އެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅީ އެވެ. އަދި އޭގެ ފަހުން ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ، ދެ ލައްކަ ރުފިޔާ ހައިލަމަށް ދެއްވާފައިވާ ކަމަށް ބުނެ އެ މައްސަލަ ވެސް ޖެއެސްސީއިން ބަލަން ފެށި އެވެ.
އެކަމާ ގުޅިގެން ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ސަރުކާރުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ކުރެއްވީ މި މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށެވެ. ހުކުމް އިއްވުމުގެ އަޑުއެހުން އޮތީ ފަސް ވަނަ ދުވަހަށެވެ.
"ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުން، އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާންއާއެކު ހިނގި ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބަ އޮތްކަމާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ވެސް ދިން، އަދި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދިން،" ހައިލަމް ވިދާޅުވެފައިވެ އެވެ.
ގާޒީ ހައިލަމް ވިދާޅުވީ އަލްހާން ފަހުމީއަކީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުގެ ކުރިން ވެސް ގާތް އެކުވެރިއެއް ކަމަށެވެ. އޭނާ އާއި އަލްހާންއާ ދެމެދު އޮންނަ ގުޅުމަށް ބަލާއިރު އޭނާގެ މަސްލަހަތެއް އޮތް އެއްވެސް މައްސަލައެއް ނުވެސް ބަލާ ކަމަށެވެ. އަދި އަލްހާންއަކީ އެއްވެސް ހައިސިއްޔަތުން ކުރިމިނަލް ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫން ކަމަށެވެ.
އެ ޓްރާންސެކްޝަންއާ ގުޅިގެން ފުލުހުންގެ އިސްވެރިޔަކު ބައްދަލުކޮށް މައުލޫމާތު ސާފު ކުރެއްވި ކަމަށާއި އެހެންވެ އެކަން ހިނގައިދިޔަ ގޮތް ފުލުހަށް ސާފުކޮށް ދެއްވާފައިވާނެ ކަމަށް ހައިލަމް ވިދާޅުވި އެވެ. އަދި އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެ މައްސަލަ ފުލުހުން ނުބަލަން ނިންމި ކަމަށް ވެސް ހައިލަމް ވިދާޅުވެފައިވެ އެވެ. އެ ޓްރާންސެކްޝަން ހިނގާފައިވަނީ މެއި މަހުގެ ތެރޭގަ އެވެ. އެ މައުލޫމާތު އެމްއެމްއޭއިން ފުލުހާ ހިއްސާކުރީ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް ކުއްލިއަކަށް ފުލުހުން އެ މައްސަލަ ޖޭއެސްސީއަށް އެންގީ ރައީސް ޔާމީންގެ ހުކުމް އިއްވަން އޮތް ދުވަހު އެވެ.
ގާޒީ ހައިލަމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން ސަރުކާރުގެ ނުފޫޒު ހިނގަމުންދާކަން މިއަދު ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެހުންނެވި ގާޒީ އަލީ ރަޝީދު ހުސެއިންނަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެ، އެއީ ކިތަންމެ މަތީ މަގާމެއްގައި ހުރި ފަރާތަކަށް ވިޔަސް،" ގާޒީ ހައިލަމް ވިދާޅުވި އެވެ.
ހައިލަމް ބަޔާން ނިންމާލައްވަމުން ޖޭއެސްސީގެ މެންބަރުންނަށް ސުވާލެއް އަމާޒު ކުރެއްވި އެވެ. ވަކި ފަރާތެއް ޖަލަށްލާނެ ކަމުގެ ޔަގީންކަން ނުލިބިގެން ފަނޑިޔާރަކު ފަހާ ދުވަންވާނީ ޖޭއެސްސީގެ ހުރުމަތުން ކޮންމެ ވެސް މިންވަރެއް ނަމަވެސް ބާކީ އޮންނާނެ ގޮތަކަށް ވިސްނާލައްވާފައިނޫންތޯއެވެ؟ އަދި، ކޮންމެ މީހެއްގެ އެކައުންޓްގައި ވެސް ގާތް މީހުން އެކިއެކި ކަންކަމުގައި ބަދަލުކޮށްފައިވާ ފައިސާގެ މުއާމަލާތްތައް ހުންނާނެ ނޫންތޯއެވެ؟