ކްރިމިނަލް ކޯޓް ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދު އާއި ހަވާލު ކޮށްފައި ވަނީ ކޯޓްތަކުގެ ހިންގުން ހަވާލު ކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅު ވެެއްޖެ އެވެ.
ކްރިމިނަލް ކޯޓް ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދު އާއި ހަވާލު ކުރަން ނިންމާފައި ވަނީ ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލްވުމުގަ އެވެ. އާދަމް މުހައްމަދާއި ކޯޓް ހިންގުން ހަވާލުކޮށްފައި ވަނީ އެ ކޯޓް ހިންގަވަމުން ގެންދެވި އަލީ ރަޝީދު ހުސައިން އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްުޔަން ކުރެއްވުމާއި ގުޅިގެނެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ ކޯޓްތަކުގެ ހިންގުން ހަވާލު ކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައި ވަނީ ކޯޓުގެ ހިންގުން ހަވާލު ކުރާނީ އެ ވަގުތު އެ ކޯޓުގައި ނުވަތަ އެ ދާއިރާއެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެ ތަނެއްގެ ހިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުން ކަމަށެވެ.
އެ މައްސަލަ ފެންމަތި ކުރައްވާ ހައިލަމް ވިދާޅުވީ ގާޒީ އާދަމް މުހައްމަދަކީ ކްރިމިނަލް ކޯޓުގައި މިވަގުތު ހުންނެވި އެންމެ ގާބިލް ގާޒީ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ދުރު ކުރުމަށް ފަހު ގާޒީ އަލީ ރަޝީދަށް އަދި އިއްޔެ ގާޒީ އާދަމް މުހައްމަދާއި ވެސް ކޯޓުގެ ހިންގުން ހަވާލު ކޮށްފައި ވަނީ ޖޭއެސްސީން ގެޒެޓް ކޮށްފައިވާ އުސޫލާއި ހިލާފަށް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓްގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ފަނޑިޔާރަކީ އިބްރާހިމް އަލީ އެވެ. ދެން އަލީ އާދަމެވެ.