ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިރޭ ނިންމައިފި އެވެ.
މިރޭ ޖޭއެސްސީއިން ނިންމާފައިވަނީ ހައިލަމްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމުން އޭނާގެ ކިބައިގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ނުޖެހޭ ފަދަ އަމަލުތައް ފެނިފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ހައިލަމްއާ ގުޅޭ ގޮތުން ޖޭއެސްސީއިން ބެލީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅޭ މައްސަލަ އެވެ.
ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖް ލީކްކޮށްލާފައިވާއިރު، އެ މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރަށް ބާޣީ ލުތުފީ އާއި އެހެން ވެސް ބަޣާވާތާ ގުޅޭ މީހުން ކުރެހުމުގައިވެ އެވެ.
ގާޒީ ހައިލަމް ވަނީ އެއީ ސަމާލުކަން ނުދެއްވައި ފޮނުވުނު މެސެޖެއް ކަމަށް ވިދާޅުވެފަ އެވެ. އެ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މާފަށް ވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލަން ފަށައި ގާޒީ ހައިލަމް ސަސްޕެންޑްކުރި އެވެ. ގާޒީ ހައިލަމް ސަސްޕެންޑްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް އޮތް ދުވަހު އެވެ.