ހަބަރު

ހައިލަމާއެކު، ދެ މެޖިސްޓްރޭޓަކު ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

Dec 2, 2019
1

މިހާރު ސަސްޕެންޑުކޮށްފައިވާ ކްރިމިނިލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރަން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ޖޭއެސްސީއިން ނިންމާފައިވަނީ ހައިލަމްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމުން އޭނާގެ ކިބައިގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ނުޖެހޭ ފަދަ އަމަލުތައް ފެނިފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ގާޒީ ހައިލަމްގެ އިތުރުން މަގާމުން ވަކި ކުރަން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އައިނާނު އަލީ މުހައްމަދާއި، ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ހުސެއިން ޖޭއެސްސީން ނިންމައި، މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

އެ ދެ މެޖިސްޓްރޭޓުން މަގާމުމް ވަކި ކުރުމުގެ މައްސަލަވެސް މިއަދު ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ހައިލަމްއާ ގުޅޭ ގޮތުން ޖޭއެސްސީއިން ބެލީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅޭ މައްސަލަ އެވެ.

ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖް ލީކްކޮށްލާފައިވާއިރު، އެ މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރަށް ބާޣީ ލުތުފީ އާއި އެހެން ވެސް ބަޣާވާތާ ގުޅޭ މީހުން ކުރެހުމުގައިވެ އެވެ.

ގާޒީ ހައިލަމް ވަނީ އެއީ ސަމާލުކަން ނުދެއްވައި ފޮނުވުނު މެސެޖެއް ކަމަށް ވިދާޅުވެފަ އެވެ. އެ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މާފަށް ވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލަން ފަށައި ގާޒީ ހައިލަމް ސަސްޕެންޑްކުރި އެވެ. ގާޒީ ހައިލަމް ސަސްޕެންޑްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް އޮތް ދުވަހު އެވެ.

ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އައިނާނުގެ އިތުރުން އަދުނާނު މެޖިސްޓްރޭޓް ކަމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ފޮނުވާފައިވަނީ އެ ދެ މެޖިސްޓްރޭޓުންނާ ގޫޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތައް ސާބިތުވެފައިވާތީ ކަމަށެވެ. އަދި އެ ދެ މެޖިސްޓްރޭޓުންގެ ކިބައިގައި ހުރިން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލެއް ކޮށްފިކަމަށް ކޮމިޝަނަށް އިއްތިފާގުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް ދެ މެޖިސްޓްރޭޓުންގެ މައްޗަށް ސާބިތުވީ ކޮން ސުލޫކީ މައްސަލައެއް ކަމަށް ޖޭއެސްސީން ހާމަކޮށްފައެއްނުވެ އެވެ.