ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރުމަށް ދެތިން ގަޑިއިރަށް ވެފައިވަނިކޮށް އެ މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފަ އެވެ. ގޮތަކަށް ބުނާނަމަ، ރައީސް ޔާމީނަށް ގާޒީ ހައިލަމް އިއްވަވަން އުޅުއްވި ހުކުމް ވަނީ ހުއްޓުވާފަ އެވެ. މިއީ އަލަށްވީ ކަމެއް ނޫނެވެ. މިދިއަ ދެތިން އަހަރަށް ބަލާލާއިރު ވެސް މިފަދަ ސަފުހާތައް ފެންނަން އެބަ ހުއްޓެވެ.
ކުރިމިނަލް ކޯޓުގައި އިސް ގާޒީކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ވެސް ގާޒީ އަބްދުލްބާރީ ޔޫސުފަކީ ތަފާތު ބޭފުޅެކެވެ. ނުފޫޒު ގަދަ، އެހާމެ ބާރު ވެސް ގަދަ ގާޒީއެއްގެ ގޮތުގައި ގާޒީ ބާރީ "ލޭބެލް" ވެގެން ދިޔަ އެވެ. "ސިޔާސީ" މައްސަލަތައް ބައްލަވަމުން ގެންދެވި ގާޒީ ބާރީ އިސް ގާޒީ ކަމުގައި ކުޑަ ދުވަސްކޮޅަކު ކުރެއްވި ނަމަވެސް އެއީ ކޯޓަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ދުވަސްވަރެކެވެ.
ގާޒީ ބާރީއަށް އިސް ގާޒީގެ މަގާމު ލިބި ވަޑައިގަތީ އެ މަގާމުގައި އޭގެ ކުރިން ހުންނެވި އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމި ނިންމުމާ ގުޅިގެންނެވެ. އެއީ ވެސް ސިޔާސީ ރޯޅިއެއްގެ ތެރެއިން އައި ބަދަލެކެވެ. އޭނާގެ އިސް ގާޒީ ކަމުގެ ދައުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ހުކުމް އިއްވި އެވެ. އަދި ރައީސް ނަޝީދުގެ ވެރި ކަމުގައި އެ މަނިކުފާނުގެ އަމުރަށް އެ ގާޒީ "ވަގަށް" ވެސް ނެގި އެވެ.
ގާޒީ އަބްދުލްބާރީ ޔޫސުފްގެ އިސް ގާޒީ ކަމުގެ ދައުރުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހުތާޒު މުހުސިނަށް ހުކުމް އިއްވި އެވެ. ލޯންޗުކޮޅު ހާދިސާއަށްފަހު، ކުރިމިނަލް ކޯޓަށް ވެއްދި ސިޔާސީ ބޭފުޅުންގެ ގިނަ މައްސަލަތައް ބެއްލެވީ އިސް ގާޒީ ބާރީ އެވެ. ބާރަ ގަޑިއިރު ޝަރިއަތް ކުރައްވައި ރިކޯޑް ވެސް ހެއްދެވި އެވެ. ރޯދަ މަހުގެ ރޭގަނޑެއް ވެސް ދޫ ނުކުރައްވަ އެވެ. ބަރިބަރިއަށް ހުކުމްތައް އައެވެ.
ލޯންޗުކޮޅަށްފަހު ދެން އޭރުގެ ސަރުކާރަށް ނެގި ބޮޑު ރާޅަކީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓެވެ. އެ ވޯޓާ ދިމާކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ފާރިސް މައުމޫން ރިޝްވަތު ދެއްވަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް މައްސަލަ ކުރިމިނަލް ކޯޓަށް ގެންދިޔަ އެވެ. ގާސިމްގެ މައްސަލައާ ވެސް ހަވާލުވެވަޑައިގެންނެވީ ގާޒީ ބާރީ އެވެ. މައްސަލާގެ ޝަރީއަތް ބެންޗަކާއެކު ކުރިއަށް ގެންގޮސް ހުކުމްއާ ހަމައަށް ވާސިލްވުމާއެކު ހީނުކޮށް ތިބި ނިންމުމެއް އޭރުގެ އިސް ގާޒީ ބާރީ ނިންމެވި އެވެ.
ގާޒީ ބާރީ ރިޔާސަތުގައި އިންނަވައި ނިންމެވީ ގާސިމްގެ މައްޗަށް ހުކުމް ނުއިއްވައި، އެ މައްސަލަ އަނބުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާށެވެ. އެއީ ގާޒީ ބާރީގެ ނިމުމެވެ. އެ ނިންމުމާއެކު ޖޭއެސްސީއިން ގާޒީ ބާރީއަށް އަވަސް އަވަހަށް ފިޔަވަޅު އެޅި އެވެ. އެ ކޯޓުން ނެރެ، ޖުވެނައިލް ކޯޓަށް ބަދަލު ކުރި އެވެ. އަދި ކުރިމިނަލް ކޯޓުގެ ހިންގުން ގާޒީ އާދަމް އާރިފަށް ހަވާލު ކުރި އެވެ.
ގާސިމް މައްސަލާގެ ބެންޗުގައި ވެސް ހިމެނިވަޑައިގަތް ގާޒީ އާރިފަކީ އޭރު ގާޒީ ކަމަށް ވަރަށް އާ ބޭފުޅެކެވެ. އެކަނި މައްސަލަ އަލުން ބައްލަވާ ގާސިމަށް ޖަލު ހުކުމް އިއްވެވީ ގާޒީ އާރިފެވެ. އެ ހުކުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އޭރުގެ އެހެން ބައެއް މެންބަރުންގެ މައްސަލަތައް ވެސް ކޯޓަށް ގެންދިޔަ އެވެ. އޭގެން ގިނަ މައްސަލަތަކުގައި އުޅުއްވީ ގާޒީ އާރިފެވެ. ކުރިމިނަލް ކޯޓުގެ ހިންގުން ވެސް ލިބިވަޑައިގެންނެވި އެވެ.
ގާޒީ އާރިފް ވެސް ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވީ ގާތްގަނޑަކަށް އެއް އަހަރު ދުވަހަށެވެ. ސިޔާސީ ބޮޑު ރާޅެއް ކަމަށްވާ އެކެއް ފެބުރުއަރީގެ އަމުރާއެކު ގާޒީ އާރިފް ވެސް އެއް ފަރާތްވެގެން ދިޔަ އެވެ. އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ ގާޒީ އާރިފް ދެއްވި ބަޔާން ލީކްވި އެވެ. އެހެންވެ، އެ ދެ ފަނޑިޔާރުން ހިމެނޭ މައްސަލަތަކުން ގާޒީ އާރިފް އެއް ފަރާތްވާން ޖެހި ވަޑައިގަތީ އެވެ. އޭގެ ފަހުން ކުރިމިނަލް ކޯޓުގެ ކޮންޓްރޯލް ގާޒީ އަހުމަދު ހައިލަމަށް ލިބިގެން ދިޔަ އެވެ.
ގާޒީ ހައިލަމް މަޝްހޫރުވެގެން ދިޔައީ އެހާ ހިސާބުންނެވެ. އޭރު ގާޒީ ހައިލަމަކީ ވަރަށް އާ ބޭފުޅެކެވެ. ގާޒީ ކަމަށް އައްޔަން ކުރެއްވިތާ ދެތިން މަހެވެ. އެކަމަކު، އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ކޯޓަށް ދިޔަ ބޮޑެތި ބޮޑެތި މައްސަލަތަކާ ގާޒީ ހައިލަމް ހަވާލުވެވަޑައިގެންނެވި އެވެ. ތިރީސް އަހަރު ވެރިކަން ކުރެއްވި މައުމޫން އަބްދުލްގައްޔޫމްގެ މައްސަލަތައް ފެށުނެވެ. އެކެއް ފެބުރުއަރީ އަމުރާ ގުޅިގެން ނުވަ ސިޔާސީ ބޭފުޅަކަށް ޓެރަރިޒަމްގެ ދައުވާ އުފުލުނުއިރު، އެ މައްސަލަަތައް ބައްލަވަން އިންނެވީ ގާޒީ ހައިލަމެވެ. އެކަމުގެ ތެރެއިން ގާޒީ ހައިލަމަށް ޖޭއެސްސީއިން އިސް ގާޒީ ކަމުގެ މަގާމު ވެސް ދިނެވެ. އޭގެ ދުވަސްތަކެއް ފަހުން ގާޒީ އާރިފް ވަނީ ޑްރަގް ކޯޓަށް ބަދަލު ކޮށްފަ އެވެ.
މިހާރު މިއޮތީ މިއަދާ ހަމައަށް އާދެވިފަ އެވެ. ސިޔާސީ މައިދާން ވެސް ބަދަލުވެފަ އެވެ. އޭރު، ޝަރީއަތަށް ކޯޓަށް ވަޑައިގެންނެވި ބޭފުޅުން މިހާރު ސަރުކާރާއި ޖޭއެސްސީގަ އެވެ. އޭރު ސަރުކާރުގައި ތިއްބެވި ބޭފުޅުން މިހާރު ޝަރީއަރަށް ކޯޓަށް ވަޑައިގަންނަވަނީ އެވެ.
ބަދަލު ނުވީ އެއް ކަމެކެވެ؛ ޖޭއެސްސީއިން އެޅި ފިޔަވަޅާއެކު "ސިޔާސީ" މައްސަލައެއްގެ ގާޒީ ބަދަލުވީ އެވެ. އަނެއްކާވެސް ކުރިމިނަލް ކޯޓަށް "ބޮމެއް" ވައްޓާލީ އެވެ. ޖޭއެސްސީއިން މިހާރު ވަނީ ކޯޓުގެ ހިންގުން ގާޒީ އަލީ ރަޝީދު ހުސެއިންއާ ހަވާލުކޮށްފަ އެވެ. އޭނާއަކީ މިހާރު ވެސް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ.
އަބްދުﷲ ގާޒީއިން ފެށިގެން ގާޒީ ހައިލަމްއާ ހަމައަށް އައިރު ވެސް ފެންނަން އޮތީ އެއް ބޮޑު މަންޒަރެވެ. ސިޔާސީ ނުފޫޒާއި ސިޔާސީ ކޮންޓްރޯލް ކުރިމިނަލް ކޯޓަށް އޮތް މިންވަރެވެ. ޖޭއެސްސީއިން އެ ނުފޫޒު ފޯރުވަމުންދާ ކަމެވެ.
މިހާރު އޮތީ އޭރު އޮތް ޖޭއެސްސީއެއް ނޫނެވެ. ގިނަ މެންބަރުން ބަދަލުވެއްޖެ އެވެ. މިހާރު ތިއްބެވި ގިނަ މެންބަރުންނަކީ ވެސް ޖޭއެސްސީއިން އޭރު ކުއްލި ކުއްލިއަށް ސިޔާސީ މައްސަލަތަކާ ގުޅިގެން ގާޒީންނަށް އަޅަމުންދިޔަ ފިޔަވަޅުތަކާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުންނެވެ. އެކަމުގެ ހިތި ތަޖުރިބާ ވެސް ކުރެއްވި ބޭފުޅުންނެވެ. ކުރީގެ ރައީސް ނަޝީދާއި ގާސިމްގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނެވި ގިނަ ވަކީލުން މިހާރު ތިއްބެވީ ޖޭއެސްސީގަ އެވެ.
ގާޒީ ހައިލަމްގެ މައްސަލައެއް ކުއްލި ގޮތަކަށް ފެންމަތިވެ، އެއީ އޮޅިގެން ފޮނުވުނު ކުރެހުމެއް ކަމަށް ވިދާޅުވެ ގާޒީ މާފަށް އެދިވަޑައިގެންނެވުމުން ވެސް އޭނާ ފިޔަވަޅު އެޅުއްވި މަގުސަދާމެދު ސުވާލު އުފެދެ އެވެ. ބޮޑު ހުކުމަށް ގަޑިއިރުތަކެއްވެފައި ވަނިކޮށް އެއީ ހަމަ އިއްތިފާގެއް ނޫންކަން އެނގެ އެވެ. ގާޒީގެ އިތުރު މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަމުން ދިޔައިރު އެ މައްސަލާގައި ޖޭއެސްސީގެ އަވަސް ދުވެލި ނުފެނެ އެވެ. ހުކުމަށް ގާތްވުމުން ވަރަށް އަވަހަށް ފިޔަވަޅު އެޅުނެވެ.
ބައެއް ގާޒީންނަށް، ހާއްސަކޮށް ހައިކޯޓުގެ ބައެއް ފަނޑިޔާރުންނަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ގިނަ މައްސަލަތަކެއް ވެސް ޖޭއެސްސީގައި އެބަ ހުއްޓެވެ. އެ މައްސަލަތަކުގެ ތަހުގީގު ވެސް އޮތީ އެވެ. އެއް ފަނޑިޔާރާމެދު ނޫނީ މިހާތަނަށް ފިޔަވަޅެއް ވެސް އަޅާފައެއް ނުވެ އެވެ. ހަމަ ގައިމު ވެސް ޕްރައިވެޓް ގްރޫޕަކަށް ގާޒީ ހައިލަމް ފޮނުއްވި ކުރެހުމަށްވުރެ، ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ކަންކަމުގެ ތުހުމަތު ކުރެވޭ ފަނޑިޔާރުން އެބަ ތިއްބެވެ.
އެކަމަކު، ބޮޑު ހުކުމެއް ނާންނާތީ ފަނޑިޔާރާމެދު ފިޔަވަޅެއް ނާންނަމަ، އުއްމީދު ކުރި އިސްލާހީ އެޖެންޑާއެއް ނުފެނެ އެވެ. އިސްލާހު ކުރުމުގެ އިހްލާސްތެރި ނިޔަތް އޮތްކަމާމެދު ސުވާލު އުފައްދަނީ އެހެންވެ އެވެ. ޝަރުއީ ދާއިރާގެ އިސްލާހަށްވުރެ ކޮންޓްރޯލް ހޯދަން އުޅޭ ކަމަށް ތުހުމަތު ކުރެވެނީ އެހެންވެ އެވެ. އޭރު އިއްތިފާގަކަށް ނުވި ކަންކަން މިހާރު ވެސް އިއްތިފާގަށް ނުވާނެ އެވެ!