ފިނޭންސް މިނިސްޓްރީ

ދެ ބިލިއަން ރުފިޔާގެ ޓީބިލު ވިއްކައިފި

ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ދެ ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލު -- ޓީބިލު ވިއްކައިފި އެވެ.

ޓީބިލު ވިއްކުމަށްފަހު ފިނޭންސް މިނިސްޓްރީން އިއްޔެ ހާމަކުރި މައުލޫމާތުތައް ދައްކާ ގޮތުން 2.18 ބިލިއަން ރުފިޔާގެ ޓީބިލު ވަނީ ވިއްކާފަ އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކާފައިވަނީ 28 ދުވަހުން އަނބުރާ ދެއްކުމަށް 839 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް 277 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 208 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 864.3 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓީބިލާއި ބޮންޑަށް ސަރުކާރުން ދައްކަންޖެހޭ އަދަދު 72 ބިލިއަން ރުފިޔާއަށް އަރަ އެވެ.