ކޭ ޕާކް ރެސިޑެންސް

ކޭ ޕާކް އެޕާޓްމަންޓްތަކާ ގުޅިގެން އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

ހުޅުމާލޭގައި މަސައްކަތުގެ ބޮޑު ބައި ނިންމާފައިވާ ކޭ ޕާކް އެޕާޓްމަންޓްތައް އޮޅުވާލައިގެން ވިއްކި މައްސަލައިގައި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ކޭ ޕާކް އެޕާޓްމަންޓްތަކުގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ހިއްސާދާރުން އެކަކު އަނެކަކަށް ޖިނާއީ ކުށްތަކެއްގެ އިލްޒާމު އަޅުވަމުން ދަނިކޮށް ފުރަތަމަ ހިފެހެއްޓީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައިނޯރިޓީ ހިއްސާ (ފަސް ޕަސަންޓް) އޮންނަ ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓެވެ. މި ކުންފުނީގެ ބާކީ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ.

ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހި ކުރެވޭ ޖިނާއީ ބޮޑެތި ތުހުމަތުތަކުގެ މައްސަލަ ބަލައިދިނުމަށް ފުލުހަށް ފުރަތަމަ މައްސަލަ ހުށަހެޅީ ޖިން ޝިހޫ އެވެ. އޭގެފަހުން ހުޅުމާލެ ބަލަހައްޓާ އާބަންކޯ އިން ވެސް ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ.

މިމައްސަލައިގެ ތަހުގީގަށް މަންޑޭގެ އިތުރުން މިހާރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދެ އެވެ. އިތުރު އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުން ފަހުން ޕާސްޕޯޓް ހިފެހެއްޓީ ޖައިޝަން ސައީދު ކިޔާ މީހަކާއި ހަންބޯ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ޕާސްޕޯޓެވެ.

ޖައިޝަން އަކީ ކޭޕާ އެކު މަަސައްކަތް ކުރާ ދިވެހި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކޯދި އިންވެސްޓްމަންޓްސްގައި މަންޑޭގެ އިތުރުން ހިމެނޭ ހިއްސާދާރެކެވެ. އަދި އޮޅުވާލައިގެން ވިއްކި އެޕާޓްމަންޓްތަކުގެ ލިޔުންތަކުގައި ސޮއިކޮށްފައިވާ އެއް ފަރާތަކީ ވެސް ޖައިޝަން އެވެ.

ހަންބޯ ކޮމްޕެނީގެ މައި ހިއްސާދާރުގެ ފަރާތުން މިމަހުގެ ތިންވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަކަރާއި ހީލަތުން ވަރަށް ގިނަ ބަޔަކަށް ފްލެޓް ވިއްކާ އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. ފްލެޓްތައް ވިއްކިއިރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްފައިވާ ލިޔުންތަކެއް ހަދައި، ވިއްކި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި މަންޑޭގެ އިތުރުން ޖައިޝަން ސައީދު ސޮއިކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އެކި މީހުންނަށް ފްލެޓް ވިއްކުމަށްފަހު ނަގުދު ފައިސާ ދައްކަން އަންގާ އަދި އަމިއްލަ ބޭނުންތަކުގައި ކަސްޓަމަރުންނަށް ގުޅައިގެން ފަހުން ފައިސާ ދައްކާ ގޮތަށް ފައިސާ ހޯދަން މަންޑޭ މަސައްކަތް ކުރި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށްވެސް ބުނެފައިވެ އެވެ.

މަންޑޭއަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ފުރަތަމަ ފަހަރަށް ރޭ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ މައި ހިއްސާދާރު ޖިން ޝިހޫ، އޭނާއަށް ތުހުމަތުތަކެއް ކުރީ އޮޅުވާލައިގެން ފްލެޓްތަކެއް ވިއްކުމަށްފަހު ފިލަން އުޅުމާއި ކުންފުނީގެ ޝެއާއަށް އަދި ޑިރެކްޓަރުންގެ ބޯޑަށް ޖިން ޝިހޫ ގެންނަން ބޭނުންވި ބަދަލުތަކަށް އޭނާ ދެކޮޅު ހެދުމުން ކަމަށެވެ.

މަންޑޭއަށްް ތުހުމަތުތަކެއް ކުރަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށް ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ހަންބޯ ކޮމްޕެނީގައި އޮތް ޖިން ޝިހޫގެ 95 ޕަސަންޓް ހިއްސާގެ ތެރެއިން އެއް ޕަސަންޓް ހިއްސާ އެ ކުންފުނީގެ ސައިޓްގައި މަސައްކަތް ކުރާ ޗައިނާގެ ރައްޔިތެއް ކަމަށްވާ ވޫ ޒީ އަށް ޓްރާންސްފާ ކުރަން ޖިން ބޭނުންވި ކަމަށެވެ. އަދި ކުންފުނީގެ ބޯޑުގައި ދެ ޑައިރެކްޓަރުން ތިއްބާ އިތުރު ޑައިރެކްޓަރަކު ބޯޑަށް އައްޔަންކޮށް ބޯޑުގެ ކޯރަމް ދެ ޑައިރެކްޓަރުންގެ މައްޗަށް ބަދަލުކުރުމަށް ޖިން މަސައްކަތް ކުރި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.

"މިހުށަހެޅި ހުށަހެޅުމުން ޖިން ޝިހޫގެ ހަގީގީ މަގުސަދަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގި ހާމަވެގެންދެ އެވެ. އެހެން ނަމަވެސް، ޑޮކިއުމެންޓްގައި ސޮއިކުރުމަށް އަޅުގަނޑު އިންކާރުކޮށް، ދެކޮޅު ހެދުމުން އެ މީހުންގެ އަމާޒަކަށްވީ އަޅުގަނޑުގެ އަބުރު ކަތިލާ ނުބައި ރޭވުމެއްގެ ދަށުން ހަންބޯ މޯލްޑިވްސް އިން އަޅުގަނޑު ބޭރުކޮށްލުމަށްފަހު ލާރިކޮޅު ހިފައިގެން ފިލުން ކަމާ މެދު ޝައްކެއް ނެތެވެ،" މަންޑޭގެ ބަޔާނުގައިވެ އެވެ.


ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.

އިމާރާތުގެ މަސައްކަތް ނިންމަން ބުނި އެއްވެސް ތާރީހަކަށްވެސް މަސައްކަތް ނިންމާލެވިފައި ނުވާތީ މި ތަނުން ފްލެޓް ގަނެފައިވާ މީހުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.