ހުޅުމާލޭގައި މަސައްކަތުގެ ބޮޑު ބައި ނިންމާފައިވާ ކޭ ޕާކް އެޕާޓްމަންޓްތައް އޮޅުވާލައިގެން ވިއްކި މައްސަލައިގައި ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ އިދާރާ އިން މިއަދު މީޑިއާތަކަށް ފޮނުވި ކުރު މެސެޖެއްގައި ބުނީ ކޭ ޕާކް މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބަލަމުންދަނީ ކޮން ތަންތަނެއް ކަމެއް ފުލުހުން ނުބުނެ އެވެ.
"ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނިން، އެ ކުންފުނީގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)އަށް ކުރާ ތުހުމަތުތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް ހުޅުމާލެ ބަލަހައްޓާ އާބަންކޯގެ ފަރާތުންވެސް ވަނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ.
ފުލުހުން މައްސަލަ ތަހުގީގުކުރާތީ މަންޑޭގެ އިތުރުން އެހެން ދެ މީހެއްގެ ޕާސްޕޯޓްވެސް މިހާރު ވަނީ ހިފަހައްޓާފަ އެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. މައިނޯރިޓީ ހިއްސާދާރަކީ މަންޑޭ އެވެ. އެއީ ފަސް ޕަސެންޓް ހިއްސާ އެވެ.
ހަންބޯ ކޮމްޕެނީ މިމަހުގެ ތިންވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަކަރާއި ހީލަތުން ވަރަށް ގިނަ ބަޔަކަށް ފްލެޓް ވިއްކާ އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. ފްލެޓްތައް ވިއްކިއިރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްފައިވާ ލިޔުންތަކެއް ހަދައި، ވިއްކި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި މަންޑޭގެ އިތުރުން ޖައިޝަން ސައީދު ކިޔާ މީހަކު ސޮއިކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ޖައިޝަން އަކީ ކޭޕާ އެކު މަަސައްކަތް ކުރާ ދިވެހި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކޯދި އިންވެސްޓްމަންޓްސްގައި މަންޑޭގެ އިތުރުން ހިމެނޭ ހިއްސާދާރެކެވެ.
އެކި މީހުންނަށް ފްލެޓް ވިއްކުމަށްފަހު ނަގުދު ފައިސާ ދައްކަން އަންގާ އަދި އަމިއްލަ ބޭނުންތަކުގައި ކަސްޓަމަރުންނަށް ގުޅައިގެން ފަހުން ފައިސާ ދައްކާ ގޮތަށް ފައިސާ ހޯދަން މަންޑޭ މަސައްކަތް ކުރި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށްވެސް ބުނެފައިވެ އެވެ.
ހަންބޯ ކުންފުނިން ވަނީ އެ ކުންފުނިން ހޯދަން ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުމަށް މަންޑޭ އެއްބާރުލުން ނުދޭ ކަންވެސް ފާހަގަކޮށްފަ އެވެ.
މަންޑޭއަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ މިމަހުގެ ނުވަވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ މައި ހިއްސާދާރު ޖިން ޝިހޫ، އޭނާއަށް ތުހުމަތުތަކެއް ކުރީ އޮޅުވާލައިގެން ފްލެޓްތަކެއް ވިއްކުމަށްފަހު ފިލަން އުޅުމާއި ކުންފުނީގެ ޝެއާއަށް އަދި ޑިރެކްޓަރުންގެ ބޯޑަށް ޖިން ޝިހޫ ގެންނަން ބޭނުންވި ބަދަލުތަކަށް އޭނާ ދެކޮޅު ހެދުމުން ކަމަށެވެ.
މަންޑޭއަށްް ތުހުމަތުތަކެއް ކުރަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށް ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ހަންބޯ ކޮމްޕެނީގައި އޮތް ޖިން ޝިހޫގެ 95 ޕަސަންޓް ހިއްސާގެ ތެރެއިން އެއް ޕަސަންޓް ހިއްސާ އެ ކުންފުނީގެ ސައިޓްގައި މަސައްކަތް ކުރާ ޗައިނާގެ ރައްޔިތެއް ކަމަށްވާ ވޫ ޒީ އަށް ޓްރާންސްފާ ކުރަން ޖިން ބޭނުންވި ކަމަށެވެ. އަދި ކުންފުނީގެ ބޯޑުގައި ދެ ޑައިރެކްޓަރުން ތިއްބާ އިތުރު ޑައިރެކްޓަރަކު ބޯޑަށް އައްޔަންކޮށް ބޯޑުގެ ކޯރަމް ދެ ޑައިރެކްޓަރުންގެ މައްޗަށް ބަދަލުކުރުމަށް ޖިން މަސައްކަތް ކުރި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.
އިމާރާތުގެ މަސައްކަތް ނިންމަން ބުނި އެއްވެސް ތާރީހަކަށްވެސް މަސައްކަތް ނިންމާލެވިފައި ނުވާތީ މި ތަނުން ފްލެޓް ގަނެފައިވާ މީހުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފުލުހުން ވަނީ ފްލެޓް ގަތް މީހުންގެ ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށްވެސް އެދިފަ އެވެ.