ކޭ ޕާކް ރެސިޑެންސް

ކޭ ޕާކް އެޕާޓްމަންޓް ގަނެފައިވާ މީހުންގެ ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް އެދިއްޖެ

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ކޮންޑޮމީނިއަމް -- "ކޭ ޕާކް ރެޒިޑެންސް" އިން އެޕާޓްމަންޓް ގަނެފައިވާ މީހުންގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިކަމަށް އެދިފައި މިވަނީ ކޭ ޕާކް ރެޒިޑެންސް މަޝްރޫއު ކުރިއަށް ގެންދާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނިން، އެ ކުންފުނީގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)އަށް ކުރާ ތުހުމަތުތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާތީ ތަހުގީގުގެ ބޭނުމަށެވެ.

މަންޑޭއަށް ތުހުމަތު ކުރާ މައްސަލަ ތަހުގީގުކޮށްދިނުމަށް ހުޅުމާލެ ބަލަހައްޓާ ކުންފުނި -- އާބަންކޯ އިންވެސް ވަނީ ފުލުހުންްނަށް ހުށަހަޅާފަ އެވެ.

ފުލުހުން މައްސަލަ ތަހުގީގުކުރާތީ މަންޑޭގެ ޕާސްޕޯޓް ވެސް މިހާރު ވަނީ ހިފަހައްޓާފަ އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓާއި އާބަންކޯއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އިމާރާތް ކުރަމުންދާ ކޭ ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ކޭ ޕާކް ރެޒިޑެންސް އެޕާޓްމަންޓްތައް އެކި މީހުންނަށް ވިއްކާ، ލިބުނު ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެން މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

"މިމައްސަލައާއި ގުޅިގެން ކޭ ޕާކް ރެޒިޑެންސް އިން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަން ވީއެންމެ އަވަހަށް މިހިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދެމެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މަންޑޭއަށް ތުހުމަތުކުރާ ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިގެން އޭނާ އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހު އެވެ. އެއީ ފަސް ޕަސެންޓް ހިއްސާ އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.

އިމާރާތުގެ މަސައްކަތް ނިންމަން ބުނި އެއްވެސް ތާރީހަކަށްވެސް މަސައްކަތް ނިންމާލެވިފައި ނުވާތީ މި ތަނުން އެޕާޓްމަންޓް ގަނެފައިވާ މީހުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.