ހަބަރު

އައިޖީއެމްއެޗްގައި ކީމޯތެރަޕީ ޔުނިޓެއް ހުޅުވައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކެންސަރަށް ހިދުމަތްދޭ ކީމޯތެރަޕީ ޔުނިޓެއް ހުޅުވައިފި އެވެ.

މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގަިއ މި ޔުނިޓް ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިރުތިޝާމް ވިދާޅުވީ ރާއްޖޭގައި ކެންސަރު ޖެހި އެބައްޔަށް ފަރުވާ ހޯދާމީހުންގެ އަދަދު އިތުރުވަމުންދާތީ މިފަދަ ޔުނިޓަކީ އައިޖީއެމްއެޗަށް މުހިއްމު ޔުނިޓެއް ކަމަށެވެ.

"ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުން. ރާއްޖެއިން ބޭރަށްގޮސް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ. ބޮޑު ތަކުލީފަކަށް ވެފައި މިއޮންނަނީ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ހިދުމަތް ދިނުމަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނަށް އިތުރު ތަމްރީނު ދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ޔުނިޓުގައި މަސައްކަތް ކުރައްވާނީ ފެންވަރު ރަނގަޅު މޮޅެތި ޑޮކްޓަރުން ކަމަށެވެ.

ރާއްޖޭގައި މިހާރު ނެޝަނަލް ކެންސަރ ރަޖިސްޓްރޭޝަނެއް އެކުލަވާލާފައިވާއިރު 3420 މީހުން އާސަންދަ މެދުވެރިކޮށް ކެންސަރަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ފޮނުވާފައިވެ އެވެ.

ރާއްޖެއިން އެންމެ ގިނައިން ފެންނަ ކެންސަރުގެ ވައްތަރުތަކަކީ ފުއްޕާމޭގެ ކެންސަރު، އުރަމަތީގެ ކެންސަރު، ރަހިމްގެ ދޮރަށް ޖެހޭ ކެންސަރު އަދި އަނގައިގެ ކެންސަރެވެ. އަދި ކެންސަރު ޖެހޭ މީހުންގެ އުމުރަށް ބަލާއިރު 25 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންގެ ފާހަގަކޮށްލަންޖެހޭ ވަރަށް އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަރީފް ވިދާޅުވީ މިއަދު މި ހުޅުވުނު ކީމޯތެރަޕީ ސެންޓަރު މިއަށްވުރެ ބޮޑުކޮށް ފުޅާކުރުމަށް މިހާރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރުވެސް ކެންސަރަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދާ މީހުންނަށް މިހާރުވެސް އެހޮސްޕިޓަލުން ހިދުމަތްދޭ ކަމަށެވެ.

އަދި މީގެ އިތުރުން މިއަހަރުގެ ތެރޭގައި އައިޖީއެމްއެޗުން މިއަހަރުތެރޭ ކެންސަރަށް ސްކްރީން ކުރަން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފަރުހަތު ވިދާޅުވި އެވެ.